ހަވާއީގައި ބޭއްވޭ ޕްރީމޯ ކޮންފަރެންސްގައި ރައީސް ނަޝީދު ތަޤްރީރު ކުރައްވަނީ

އެމެރިކާގެ ހަވާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕެސިފިކް ރިސްކް މެނެޖްމަންޓް ކޮންފަރެންސް 2015 ގައި ރައީސް މުޙައްމަދު ނަޝީދު ތަޤްރީރުކުރެއްވުމަށް ހަމަޖެހިއްޖެއެވެ. މިކޮންފަރަންސް އަކީ ތިމާވެއްޓާ، ޤުދުރަތީ ކާރިސާތަކުގެ ސަބަބުން ފަތުރުވެރިކަމަށް ކުރާ އަސަރު ދެނެގަނެ އެކަމާ ގުޅޭގޮތުން ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ހޯދައިދީ ސިޔާސަތުތައް ތަރައްޤީ ކުރުމުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެއް ކަމުގައިވާ ރެޑީ އޭޝިޔާ ޕެސިފިކް އަދި ޕްރީމޯ އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސެކެވެ. ރެޑީ އޭޝީޔާ ޕެސިފިކް އަދި ޕްރީމޯގެ ދައުވަތަކަށް ރައީސް ނަޝީދު ހަވާއީއަށް ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ 22 ން 31 އަށެވެ. ރައީސް ނަޝީދުގެ އިތުރުން ސަމޯއާގެ ބޮޑުވަޒީރުވެސް މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޕްރީމޯ ކޮންފަރެންސްގައި ރައީސް ނަޝީދު ތަޤްރީރް ކުރައްވާނީ ތިމާވެއްޓަށް އަންނަ ބަދަލުތަކާ ޤުދުރަތީ ކާރިސާތަކާ ގުޅިގެން ޖަޒީރާ ޤައުމުތަކުގައި ފަތުރުވެރިކަން ބަދަލުވެގެން އަންނަ ގޮތާއެފަދަ ކަންކަމަށް ފަތުވެރިކަމުގެ ދާއިރާއިން ތައްޔާރުވެވޭނެ ގޮތްތަކާ ގުޅޭ ގޮތުންނެވެ.މީގެ އިތުރުން، ޖަޒީރާ ޤައުމުތަކުގައި ފަތުރުވެރިކަން ކުރިއެރުވޭނެ ގޮތްތަކާ އަދި ފަތުރުވެރިކަމާ ތަރައްޤީއާއި ގުޅޭގޮތުންވެސް ރައީސް ނަޝީދުގެ ތަޤްރީރުގައި އަލިއަޅުވާލައްވާނެއެވެ.

ޕްރީމޯ ކޮންފަރެންސްގެ އިތުރުން ޔުނިވަރސިޓީ އޮފް ހަވާއީގައި ރައީސް ނަޝީދު ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. ހަވާއީއަށް ރައީސް ނަޝީދު ކުރައްވާ މިދަތުރުފުޅުގައި ހަވާއީ އިންސްޓިޓިއުޓް އޮފް މެރިން ބައޮލޮޖީގެ ސައިންވެރިންނާއެކު ދުނިޔޭގެ ކަނޑުތަކުގެ ދިރުމާ އަދި ކަނޑުތަކުގެ އެސިޑިފިކޭޝަންއާއި ރަށްގިރުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ހަވާއީގެ ފަރުތައް ހިމާޔަތް ކުރުމާއި ބޮޑުމަހުގެ ޤައުމީ ސެންކްޗުއަރީއަށް ޒިޔާރަތް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

What do you think?

Name (required) :

Email (required) :

Website :