ރައީސް ނަޝީދުގެ މައްސަލަ ބައްލަވާ 2 ފަނޑިޔާރުން އެމައްސަލަ ބެއްލެވުމުން ތަނާޒުލުވެ ވަޑައިގަތުމަށް އެދިވަޑައިގެންފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ޕްރޮސިކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބައްލަވަމުން ގެންދަވާ ކްރިމިނަލް ކޯޓުގެ 3 ފަނޑިޔާރުންގެ ތެރެއިން އަލްއުސްތާޛް އަބްދުﷲ ދީދީ އާއި އަލްއުސްތާޛް ޢަބްދުލްބާރީ ޔޫސުފް އަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅަން ނިންމާފައިވާ ހެކިންގެ ތެރެއިން 2 ހެކިން ކަމުގައިވާތީ އެމައްސަލަ ބެއްލެވުމުން އެ 2 ފަނޑިޔާރުން ތަނާޒުލުވެ ވަޑައިގަތުމަށް އެދި ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ވަކީލުންގެ ފަރާތުން އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދުގެ މައްސަލަ މިހާރު ބައްލަވަމުން ގެންދަވާ ދެފަނޑިޔާރުން އެ މައްސަލަ ބެއްލެވުމުން ތަނާޒުލުވެ ވަޑައިގަތުމަށް އެދިވަޑައިގަތީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހަސަން ލަތީފް ސޮއިކުރައްވައި މިއަދު ކްރިމިނަލް ކޯޓަށް ފޮނުއްވެވި ސިޓީއެއްގައެވެ.

މިގޮތުގެ މަތިން އެދިވަޑައިގަތުމުގެ ސަބަބެއް ކަމުގައި އެ ސިޓީގައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ޣާޒީ އަލްއުސްތާޛް އަބްދުﷲ މުޙައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދެވުނު އިރު، އެ ދެބޭފުޅުންވެސް އަލްއުސްތާޛް ޢަބްދުﷲ މުޙައްމަދުގެ ގެކޮޅުގައި ތިއްބެވުމާއެކު ސިފައިންގެ ބޭކަލުންނާ އަލްއުސްތާޛް ޢަބްދުﷲ މުޙައްމަދާ ދެމެދު ދެކެވުނު ވާހަކަތަކުގެ އަލީގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވިފައިވާ ދައުވާގައިވާ ރަހީނު ކުރުމުގެ ކުށް ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައި ނުވާ ކަން ސާބިތު ކުރުމަށެވެ.

What do you think?

Name (required) :

Email (required) :

Website :