ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލައިގެ ޝަރީޢަތުގެ މަޖިލިހަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ ހެކިންގެ ތެރޭގައި މިރޭގެ އަޑުއެހުމުގައި ދިވެހި ރާއްޖޭގެ އަސްކަރިއްޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާްމްގެ ކޯޓަށް ހާޒިރުކުރައްވައި އެމަނިކުފާނުގެ އަރިހުން ހެކި ބަސް ނެންގެވުމަކީ އަސްކަރިއްޔާއަށާއި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގެ އިއްޒަތާ ޤަދަރަށް ލިބުނު ނިކަމެތިކަމެކެވެ. މިކަން މިގޮތަށް އެމަޤާމުގެ އިއްޒަތާ ޤަދަރަށް އުނިކަން އަންނަ ގޮތަށް ދިވެހި ސަރުކާރުގެ ފަރާތުން ކަން ކުރެއްވުމަކީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ.
ބުރާސްފަތި ދުވަހުގެ ޝަރީޢަތުގެ މަޖިލިހުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހެއްކެއްގެ ގޮތުގައި މޭޖަރ ޖެނެރަލް ޝިޔާމް ހުށަހަޅުއްވާފައިވީނަމަވެސް މޭޖަރ ޖެނެރެލް ޝިޔާމް އަކީ ދިވެހިރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމު ތަމްސީލް ކުރައްވާ ބޭފުޅެއް ކަމުގައި ވާތީ އެބޭފުޅާގެ ހެކިބަސް ނުނަންގަވައި ޝަރީޢަތް ކުރިއަށް ގެންދެވުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ފަނޑިޔާރުންގެ އަރިހުން ރައީސް ނަޝީދު އެދިވަޑައިގަތެވެ. އަދި ރައީސް ނަޝީދުގެ އެދިވަޑައިގަތުމަށް އެމަނިކުފާނުގެ ވަކީލުން މޭޖޗަރ ޖެނެރަލް ޝިޔާމްއާ ޝަރީޢަތުގެ މަޖިލިހުގައި އެއްވެސް ސުވާލެއް ކުރައްވާފައެއް ނުވެއެވެ.
ދައުލަތުގެ އަސްކަރިއްޔާގެ އެންމެ ޤަދަރުވެރި އެއް މަޤާމަށް ކުޑައިމިސްކަމެއް ލިބޭ އެއްވެސް ކަމެއް ދައުލަތުގެ އެއްވެސް ބާރަކުން ކުރެއްވުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނަސް މިރޭގެ އަޑުއެހުމުގައި އެހެން އެކަން ވެގެން ދިއުމަކީ ރައީސް ނަޝީދު ނުހަނު ހިތާމަ ކުރައްވާ ކަމެކެވެ.