ރައީސް މުޙައްމަދު ނަޝިީދުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދަޢުވާއާ ގުޅިގެން ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން އެދިވަޑައިގަންނަވަމުން ގެންދެވީ އެ ދަޢުވާގައި އެމަނިކުފާނު ދިފާޢު ކުރުމަށް ކުރާ މަސައްކަތާ އެއްވަރަށް، ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމްގެ ގަދަރާއި ޢިއްޒަތް އަދި ވަކިން ޚާއްޞަކޮށް، ދިވެހިރާއްޖޭގެ ދިފާޢީ ބާރުތަކުގެ ޝަރަފާއި ނަޒާހަތްތެރިކަމާއި ސިފައިންގެ މުވައްސަސާގައި މަސައްކަތްކުރައްވާ ސިފައިންނަށް ރައްޔިތުންގެ ހިތުގައި އޮންނަންޖެހޭ އިތުބާރާއި ޔަޤީންކަންވެސް ސަލާމަތްވެފައި އޮންނާނޭ ގޮތަށް ބަލައިގެން މަސައްކަތް ކުރުމަށެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް މިހާރު ތުޙުމަތު ކުރެވިފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ދައުލަތުން ބިނާކޮށްފައިވާ ގޮތާއި، އެދަޢްވާގައި ދައުލަތުން ސާބިތުކުރުމަށް ބޭނުންވާ ކަންކަމުގެ ތެރޭގައި މީހަކު، ހައްޔަރުކުރުމާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ގަދަކަމުން ގެންދިއުމާއި އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓްރޭނިންގ ކޭމްޕެއްކަމަށްވާ ކ.ގިރިފުށީގައި ގަދަކަމުން ފޮރުވުންފަދަ ކަންކަމުން ދައްކުވައިދޭން ބޭނުންވާ ކަމަކީ،ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަކީ އެއިރެއްގައި އޮންނަ ސަރުކާރަކަށް ޓެރަރިޒަމްގެ ޢަމަލު ހިންގައިދޭ، ޓެރަރިސްޓް ޖަމާޢަތެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކުރުންކަން ފާހާގަކުރެވެއެވެ. މިއީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަޅުގަނޑުމެން އެންމެހައި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ދިވެހިރާއްޖޭގެ ޤައުމީ މަސްލަހަތާ ގުޅިފައިވާ ކަމެކެވެ. މުޅި ޤައުމުގެ ހަމަޖެހުމާއި، ސިޔާދަތާއި އިސްތިގުލާލަށް ނުހަނު ބޮޑަށް ގެއްލުންވާފަދަ ޢަަމަލެއްކަމަށް ބެލެވޭ ކަމެކެވެ. ވީމާ، މިކަން އަޅުގަނޑުމެން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް 2012 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްފައިވަނީ ‘ޤާނޫނާ ޚިލާފް ގޮތަކަށް ކުށްނުކުރާ މީހަކު ހިފައި ހައްޔަރުކުރުމުގެ ކުށުގެ ދަޢުވާ’ އެވެ. އެދަޢްވާ ބިނާކޮށްފައިވަނީ، ފަރުދީ ގޮތުން ކުޅަ ޢަމަލުތަކެއް ސާބިތުކޮށްގެން ކުށް ސާބިތުކުރުމަށެވެ. އެހެންނަމަވެސް، އެދަޢުވާ އަނބުރާ ގެންނަވައި، ޓެރަރިޒަމްގެ ދަޢުވާކޮށްފައި މިވަނީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަޤާމުގައި ހުރި ފަރާތެއްގެ ހައިސިއްޔަތުގެ މައްޗަށާއި އަދި މުޅި ދިފާޢީ ބާރުގެ އެންމެ އިސްފަރާތްތައް ޝާމިލުކޮށް، ސިފައިންގެ މުޅި މުވައްސަސާގެ ބައިވެރިވުމާއެކު ޓެރަރިޒަމްގެ ޢަމަލު ހިންގައި އެކަމަށް ވާގިވެރިވާކަމުގެ މަންޒަރު ސިފަވެގެންދާނޭ ގޮތަށެވެ.
ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުން، ވަކިން ޚާއްސަކޮށް، ދިފާޢީ ބާރުން، ޓެރަރިޒަމްގެ ޢަމަލު ހިންގާކަމަށް ނުވަތަ އެފަދަ ޢަމަލަކަށް އެއްވެސް މާނައެއްގައި ވާގިވެރިވާކަމަށް ބޭރު ޤައުމުންތަކުން ދެކެން ފަށައިފިނަމަ ނުވަތަ ބައިނަލްޢަޤްވާމީ އިދާރާތަކާއި، ޖަމްޢިއްޔާއި ޖަމާޢަތްތަކުން ދެކިއްޖެނަމަ، ދިވެހިރާއްޖޭގެ އަސްކަރިއްޔާއާއެކު ބާއްވާ ގުޅުންތައް ކަނޑައި، އަސްކަރީ މަޢުލޫމާތު ބަދަލުކުރުމާއި، ތަމްރީނުގެ ފުރުޞަތުތަކާއި، ދިވެހިރާއްޖޭގެ ސަރަޙައްދުގެ ސަލާމަތާ ގުޅޭ މަޢުލޫމާތު ބަދަލުކުރުން ހުއްޓާލުމަކީ، މީގެ ކުރިން އެފަދަ ތުޙުމަތުތަކާ ގުޅިގެން ދުނިޔޭގެ އެކިއެކި ޤައުމުތަކާމެދު ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އެމޭރުމުން ޢަމަލުކޮށްފާނެކަމަށް ނުހަނު ބޮޑަށް ބެލެވޭ ކަމެއްކަން ފާހަގަކުރަމެވެ.
އަދި މިފަދަ ޙާލަތެއްގައި، ބައިނަލްޢަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއި، އިތުބާރު އަލުން ހޯދުމަށްޓަކައި، ސިފައިންނާއި، ފުލުހުންގެ އެންމެ ދަށް ރޭންކުން ފެށިގެން އެންމެ މަތީ ރޭންކާ ހަމައަށް، ވަޒީފާތަކަށް ބޮޑެތި ބަދަލުތައް ގެނައުމަކީ ޢާންމުކޮށް ކަންހިނގާ އުޞޫލުކަމުގައިވީހިނދު، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގައި ހިމެނޭ ސިފައިންނާއި ފުލުހުންނަށް އޮތް ޤާނޫނީ ވާޖިބު އަދާކުރުމުގައި ދެމިތިބުމުގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމުގެ ބިރު އޮތްކަމަށް ފެނެއެވެ. އަދި އެކަން އެގޮތަށް މެދުވެރިވެ، ސިފައިންނާއި ފުލުހުންގެ ވަޒީފާ ގެއްލި، އެފަރާތްތަކުގެ އާއިލާތަކަށް ބޮޑެތި ތަކުލީފުތަކާއި ކުރިމަތިލާންޖެހި އަދި އެކަމުގެ ނުރައްކަލާ އެންމެހައި ދިވެހި ރައްޔިތުން ކުރިމަތިލާންޖެހިދާނޭފަދަ ޙާލަތެއް އުފަންވުމަކީ އަޅުގަނޑުމެން އެއްގޮތަކަށްވެސް އެދޭކަމެއް ނޫނެވެ.
އެކަންކަން އެހެން ހުރުމުން، މިމައްސަލައިގެ ޚައްޞާޞް ކަމަށް ވިސްނައި، އަޅުގަނޑުމެން މަސައްކަތްކުރަމުންްއައީ، އެކަށީގެންވާ ވަގުތު ހޯދައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގާ ހަމައެކަނި އެމަނިކުފާނުގެ ދިފާޢުގައި މަސައްކަތްކުރުމުގެ އިތުރުން ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް އޮންނަންޖެހޭ އިތުބާރާއި ލިބެންޖެހޭ ޝަރަފާއި އިއްޒަތަށް ބަލައި، އެކަން ކަށަވަރުކޮށްދިނުންވެސް މިޝަރީޢަތުން ޙާސިލުވާނޭ ނަތީޖާއަކަށް ހެދުމަށެވެ. އެހެންނަމަވެސް، މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވޭ ޝަރީޢަތަށް ހާޟިރުވުމުން ތަނާޒުލުވާންޖެހުނީ، މައްސަލައިގެ ޝަރީޢަތަށް އެކަށީގެންވާ ވަރަށް ރަނގަޅަށް ތައްޔާރުވުމަށް ވަގުތު ނުލިބޭތީ، ރައީސް މުޙައްމަދު ނަޝީދުއަށް ޢަދުލުވެރި ޝަރީޢަތަކަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސަލަމާތީ ބާރުތަކަށް ލިބެންޖެހޭ ޙައްޤު ޝަރަފާއި، ޢިއްޒަތާއި އިޙްތިރާމް ހޯދައިދީ، ސަލާމަތީ ބާރުތަކުގެ ޙައިބަތު ހިފެހެއްޓުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވޭނޭ ފުރުޞަތު ފަހިވެފައި އޮތްކަމަށް ނުފެންނާތީއެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުގައި ބޭއްވޭ ޝަރީޢަތަށް ހާޟިރުވުމުން އަޅުގަނޑުމެން ތަނާޒުލުވީނަމަވެސް، ރައީސް މުޙައްމަދު ނަޝީދު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާ ހުންނެވުމުގައި، އެމަނިކުފާނަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަމާއި، އަދި އެމަނިކުފާނަށް ލިބެންޖެހޭ ޙައްޤުތައް ލިބިދެވޭނެކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގައި އަޅުގަނޑުމެން ސާބިތުކަމާއެކު ސަދެމިތިބޭނޭ ވާހަކަ ދަންނަވަމެވެ.
ރައީސް މުޙައްްމަދު ނަޝީދުގެ ޤާނޫނީ ވަކީލުން