ރައީސް ނަޝީދުގެ އޮފީހުގެ ނޫސް ބަޔާން

ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ހައްޔަރުކުރުމަށް ހަމަޖައްސަމުން ގެންދާ އިންތިޒާމުތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތަށް ހަމަޖެހެމުން އަންނަ އިންތިޒާމުތަކެއް ނޫނެވެ. ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކާއި ޕްރޮޓޮކޯލްތަކާ ޚިލާފަށް ހަމަޖެހެމުންދާ އިންތިޒާމްތަކެއްވެސްމެއެވެ. ރައީސް ނަޝީދަށް އިއްވަވާފައިވަނީ ޖަލަށްކުމުގެ ޙުކުމެކެވެ. ބުރަ މަސައްކަތާއެކު ޖަލަށް ލުމެއް ނޫނެވެ. އަދި ވަކިން ހައްޔަރުކުރުމުގެ ޙުކުމެއްވެސް ނޫނެވެ.

މާފުށީ ޖަލުގައި، މިހާރު ތައްޔާރުކުރެވެމުންދާ ގޮޅިއަކީ، 2009 ވަނަ އަހަރު ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި އަދި އިންޓަރނޭޝަނަލް ރެޑް ކްރޮސްއާއި ރެޑް ކްރެސަންޓުން އެތަންތަނަކީ، މީހުން ހައްޔަރުކޮށްފައި ބޭތިއްބުމަށް އެކަށީގެންވާ ތަންތަން ނޫންކަމަށް ކަނޑައެޅުމުން، ބޭނުންކުރުން ހުއްޓާލާފައިވާ ތަންތަނެވެ. މިހާރު ތައްޔާރުކުރެވެމުންދާ ގޮޅީގެ ފާޚާނާ ހުންނަނީ ގޮޅިތެރޭގައެވެ. ނަޖިސްވަހާއި، ޖަރާސީމު މުޅި ގޮޅިތެރެއަށް ފެތުރޭގޮތަށް ބިނާކޮށްފައި ހުންނަ ތެނެކެވެ. އެތަނާ އިންވެގެންވަނީ، ޖަލުގެ ކުނި ގޮނޑެވެ. އެތަނުގައި ފަނި ފަކްސާއާއި ނުތަނަވަސް ވަޔާއި ވަސް، އަބަދުމެ އެ ގޮޅިތެރެއަށް ފެތުރޭގޮތަށް ހުރި ތަނެކެވެ. ރައީސް ނަޝީދު 13 އަހަރުދުވަހު ބޭންދުމަށް މާފުށީ ޖަލުގައި ތައްޔާރުކުރަމުން ގެންދާ ތަނަކީއެއްވެސް ޙާލެއްގައި އިންސާނަކު ގިނަ ދުވަހަށް ބޭންދުމަށް އެކަށީގެންވާ ތަނެއް ނޫނެވެ.

މިސަރުކާރުން އިންތިޒާމުކުރަމުން އެގެންދަނީ ރައީސް ނަޝީދު ނުޙައްޤުން ނުހަނު ބޮޑު އަނިޔާ ދިނުމަށެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި އެއްވެސް މީހަކަށް ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތިކަމެއްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެެއްވެސް ދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެންޓި ޓޯޗަރ ޤާނޫނުގައި، މީހަކާއެކު އިންސާނީ އެއްވެސް މުޢާމަލާތެއް ނުހިނގާނެގޮތަށް، އެހެންއެއްވެސް މީހަކު ނުފެންނާނެގޮތަށް އެކަހެރިކޮށް ބަންދުގައި ބެހެއްޓުމަކީ ދެވޭ ނަފްސާނީ އަނިޔާއެއްކަމާއި ގަސްދުގައި މީހަކަށް ނިކަމެތިކަން އިޙްސާސްކުރުވާ އެއްވެސްކަމެއްކޮށްގެން ނުވާނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، ރައީސް ނަޝީދު ބޭންދުމަށް މާފުށީ ޖަލުގައި ތައްޔާރުކުރަމުން ގެންދާ ތަނަކީ ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ތައްޔާރުކުރެވެމުންދާ ތަނެކެވެ.

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ ކޮންވެންޝަންތަކަށް ބަލާއިރު، އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްއާއި ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއެލް، އިންހިއުމަން އޯ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓުގައިވެސް، ރަޙުމުކުޑަ، ލާއިންސާނީ، އިހާނެތި އަދި އިންސާނީ ކަރާމާތް ގެއްލޭފަދަ ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާތައްކުރުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއަރޒް އިން ރައީސް ނަޝީދު ބެހެއްޓުމަށް ރަގަޅު ތަނެއް ތައްޔާރުކުރަމުން ގެންދާކަމާއި އެކުގައި އެހެން ޤައިދީން ބޭތިއްބުމުގެ އިންތިޒާމު ހަމަޖައްސަމުން ގެންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް، އެތަން ތައްޔާރުކުރެވެމުން ދަނީ ހަމަ މާފުށީ ޖަލުގައި އިންސާނުން ބޭތިއްބުމަށް އެކަށީގެން ނުވާކަމަށް ކަނޑައަޅާފައިވާ ސަރަޙައްދުގައެވެ. އަދި ރައީސް ނަޝީދު އެކަހެރިކޮށްފައި ނުބެހެއްޓުމުގެ ގޮތުން އެކުގައި ބޭތިއްބުމަށް ހަމަޖައްސާ ޤައިދީންނަކީ، މި ސަރުކާރުން ކަނޑައަޅާ މީހުންކަމަށްވާތީ، ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަމަށް ލިބިދާނެ ގެއްލުމަކާމެދު ވަރަށް ކަންބޮޑުވެއެވެ.

What do you think?

Name (required) :

Email (required) :

Website :