ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ނުލިިބި ލަސްވުމާ ގުޅޭ ގޮތުން ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ނޫސް ބަޔާން

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި 13 މާރޗް 2015 ވީ ހުކުރު ދުވަހުގެ ރޭ އެ ކޯޓުން ކުރެއްވި ޙުކުމްއަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފް ޙުކުމެއްކަމަށް ދެކިވަޑައިގަންނަވާތީ، އެ ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރެއްވުމަށް ރައީސް މުޙައްމަދު ނަޝީދު ނިންމަވާފައިވާތީ އެމައްސަލައިގެ ޝަރީޢަތް ނިމުނު ހޯދުމަށް ހުކުމް ކުރެއްވި ހުކުރުދުވަހާ ވިދިގެން އައި ރަސްމީ ދުވުހުކަމުގައިވާ 15 މާޗް 2015 ވީ އާދިއްތަ ދުވަހު  ރައީސް ނަޝީދު ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތުމުން އެކޯޓުން އަންގަވާފައިވަނީ، ރިޕޯޓު ދޫކުރެވޭނީ 7 ދުވަހާއި، 14  ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.

ކޯޓުން ތައްޔާރު ކުރެއްވި ޚުލާސާ ބަޔާނުގައި ޝަރީޢަތުގެ އަޑުއެހުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރެލް އަޙްމަދު ޝިޔާމްގެ ބަޔާނުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ނޫން މައުލޫމާތު ހިމަނާފައި ވާކަން ފާހަގަ ކުރެވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 ޢާންމު ސިޓީ (21 މާރޗް 2010) ގެ 1 (ހ) ގެ ދަށުން މައްސަލައިގައި ހިމެނޭ ފަރާތްތަކަށް މައްސަލައިގެ ޙުކުމްކުރާ ދުވަހު ދޫކުރަންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ޚުލާޞާ ރިޕޯޓު ކްރިމިނަލް ކޯޓުން ރައީސް ނަޝީދަށް ދެއްވާފައިވަނީ 19 މާޗް 2015 ވަނަ ދުވަހުގެ 15:00 ގައެވެ. ޚުލާސާ ރިޕޯޓަކީ ހަމައެކަނި ޙުކުމާއި އެޙުކުމަށް ވާޞިލްވިއިރުގައި ފަނޑިޔާރުންނަށް ފާހަގަ ކުރެވުނު ނުކުތާތައް ހިމެނޭ ރިޕޯޓެކެވެ. އެރިޕޯޓަކީ ފަނޑިޔާރުން ފާހަގަކުރައްވަން ބޭނުންފުޅުވެލައްވާ ކަންކަމުގެ އިތުރުން، ޝަރީޢަތުގެ ހިނގާ ދިޔަ އެއްވެސް ކަމެއް ފާހަގަކޮށް ހިމަނާ ރިޕޯޓެއް ނޫނެވެ.

ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ހެކިންގެ ބަޔާންތަކާއި، ދަޢުވާ ކުރާފަރާތާއި ދަޢުވާ ލިބޭ ފަރާތާއި އަދި މައްސަލަ ބައްލަވާ ފަނޑިޔާރު ޝަރީޢަތުގެ މަޖިލީހުގައި ދައްކަވާފައިވާ އެންމެހައި ވާހަކަތައް ހިމެނޭގޮތަށް އެކުލަވާލާ ރިޕޯޓެކެވެ. އެރިޕޯޓުގައި ހެކިންގެ ހެކިބަހާއި، ކިތާބީ ހެއްކާ ގުޅޭ ގޮތުން ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކާއި، ޝަރީޢަތް ހިނގަމުންދިޔައިރު ޝަރީޢަތް ކުރިއަށް ގެންދާނެ ގޮތާގުޅޭގޮތުން ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތައް ހިމެނިފަވާނެއެވެ.

ކޯޓުން ތައްޔާރު ކުރެއްވި ޚުލާސާ ބަޔާނުގައި ޝަރީޢަތުގެ އަޑުއެހުމުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރެލް އަޙްމަދު ޝިޔާމްގެ ބަޔާނުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅު ނޫން މައުލޫމާތު އެމަނިކުފާނު ވިދާޅުވިކަމަށް ހިމަނުއްވާފައިވާކަން މިހާރުވެސް ވަނީ ފާހަގަވެފައެވެ. އަދި، އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލައަކީ އެ ބަޔާންތަކުގެ މައްޗަށް ރަނގަޅަށް ރިޢާޔަތްކުރެވި، އިސްތިޢުނާފްކުރެވޭ މައްސަލައަކީ މައްސަލައިގައި ހިމެނޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހިނގާފައިވާ ކަންކަން ފާހަގަކުރެވިގެން  ތައްޔާރުކުރެވޭ މައްސަލައެއްކަން ކަށަވަރުކުރުމަކީ ރައީސް ނަޝީދުގެ ޤާނޫނީ ވަކީލުންގެ ޒިންމާއެކެވެ. އެހެންކަމުން އިސްތިއުނާފްކުރުމުގެ ޙައްޤު ރައީސް ނަޝީދަށް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފުރިހަމަ މާނައިގައި ލިބިދިނުމަށްޓަކައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަކީ ކޮންމެހެންވެސް ބޭނުންތެރި ލިޔުމެކެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުން މިއަދާ ހަމައަށްވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޯރުކޮށްދީފައިނުވާކަން ފާހަގަކުރަމެވެ. އަދި، އެރިޕޯޓު ލިބިފައި ނުވިނަމަވެސް ރައީސް ނަޝީދުގެ މައްސަލަ އިސްތިޢުނާފް ކުރުމަށް ހުރަހެއް ނެތްކަމަށް ދޭހަވާގޮތަށް އެކޯޓުން ވިދާޅުވިކަމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. ކްރިމިނަލް ކޯޓުގައި ޝަރީޢަތް ހިނގާދިޔަގޮތަށް، ލިޔެކިޔުންތައް ދިރާސާކުރުމަށް އެކަށީގެންވާ ވަގުތު ނުލިބި ރައީސް ނަޝީދުގެ މައްސަލަ އިސްތިޢުނާފުކުރަން ޖެހުމަކީ އިސްތިއުނާފްގެ ހައްޤަށް ހުރަސްއެޅިގެންދާ  އަދި އެމަނިކުފާނަށް ޢަދުލުވެރި ޝަރީޢަތެއް އިސްތިޢުނާފް މަރުހަލާގައި ލިބުމުން މަޙްރޫމްވުންކަމުގައި ދެކެމެވެ.

 

What do you think?

Name (required) :

Email (required) :

Website :