ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި 13 މާޗް 2015 ވީ ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށްޓަކައި ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓު ބޭނުންވާތީ، އެކަމަށް އެކޯޓުގައި ވާނީ 15 މާޗް 2015 ތާރީޚުގައި އެދިފައެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އެރިޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްފައެއް ނުވެއެވެ.
ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ އެންމެ މުހިންމު ޑޮކިއުމަންޓަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓެވެ. އެރިޕޯޓު ލިބުމުން މެނުވީ އެރިޕޯޓުގައި ހުރި މަޢުލޫމާތާއި، ކޯޓުގައި ޙަޤީޤަތުގައި ކަންހިނގައިދިޔަގޮތް އަޅާކިޔޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެރިޕޯޓުގައި ހެކިންގެ ހެކިބަހާއި، ކިތާބީ ހެއްކާ ގުޅޭ ގޮތުން ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކާއި، ޝަރީޢަތް ހިނގަމުންދިޔައިރު ޝަރީޢަތް ކުރިއަށް ގެންދާނެ ގޮތާގުޅޭގޮތުން ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތައް ހިމެނިފައިވާނެއެވެ.
ކްރިމިނަލް ކޯޓުން މިއަދާ ހަމައަށްވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޯރުކޮށްނުދީ، ޤާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ޙައްޤަށް ހުރަސް އަޅައި، އިދާރީގޮތުން ދަތިކުރުމުގެ ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަން ފާހަގަކުރަމެވެ.
އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލަ ބިނާވާނީ، ދަށު ކޯޓުގެ މަރުޙަލާގެ ޝަރީޢަތުގައި ދެކެވުނު އެންމެހައި ވާހަކަތަކާއި، ޝަރީޢަތުގެ އިޖުރާއަތާއި، ހުށަހެޅުނު ހެކިތަކާއި، ޤަރީނާތަކުގެ ސައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށްކަމަށްވާއިރު، އެރިޕޯޓު ލިބުމާއި، އެރިޕޯޓު ލިބުމަށްފަހު، އެރިޕޯޓު ދިރާސާކުރުމަށްޓަކައި އިސްތިއުނާފީ ނުކުތާތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންނަށް ވަކާލާތުކުރުމުގެ ފުރުޞަތު ލިބެނީ، އިސްތިއުނާފަށް ހުށަހަޅާ ނުކުތާތަކުގެ އިންތަކުގެ ތެރެއިންނެވެ. އިސްތިއުނާފަށް ހުށަހަޅާއިރު، ހިމެނިފައިނުވާ ނުކުތާތައް ހައިކޯޓުގައި ފާހަގައެއްނުކުރެވޭނެއެވެ.
ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އެ މަނިކުފާނަށް، އެ ރިޕޯޓު ފުރިހަމަ ގޮތުގައި ކޮންމެވެސް ދުވަހަކު ލިބިވަޑައިގަންނަވާނެއެވެ. އެ ރިޕޯޓު ލިބިވަޑައިގަތުމުން ކުށުގެ ތުޙުމަތުން އެމަނިކުފާނު ބަރީއަވާނެކަމަށް އެމަނިކުފާނުު ދެކިވަޑައިގަންނަވައެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޤާޟީ ޢަބްދުﷲ މުޙައްމަދު، އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެހެން މައްސަލަތައް ނިމި އެޝަރީޢަތްތަކުގެ ނަތީޖާއަށް ބެލުން އެއީ މައުނަވީ ދިފާޢުއަކަށް ބޭނުންތެރި ކަމެކެވެ.
ވީމާ، މައްސަލަ އިސްތިއުނާފް ކުރުމަށްވާންޖެހޭ ތައްޔާރީތައް ވުމަށް އެކަށީގެންވާ ވަގުތު ނުލިބި، މައްސަލަ އިސްތިއުނާފު ނުކުރުމަށް ރައީސް މުޙައްމަދު ނަޝީދު މިއަދު ނިންމަވައިފިއެވެ.