ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދަޢުވާއާގުޅޭ ގޮތުން، ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމެއް ރައީސް ނަޝީދު އެކުލަވާލައްވައިފިއެވެ. ބައިނަލްއަޤްވާމީ ވަކީލުންގެ ޓީމްގެ ފަރާތުން ރައީސް ނަޝީދު މިނިވަން ކުރުމަށް ކުރެވޭނެ ހުރިހާ މަސައްކަތެއް ކުރައްވާނެއެވެ.
މި ޓީމްގައި ހެމެނިވަޑައިގަންނަވަނީ ޖެރެޑް ޖެންސަރ، ބެން އެމަރސަން (ކިއު.ސީ) އަދި އަމާލް ކްލޫނީއެވެ. ޖެރެޑް ޖެންސަރއަކީ ސިޔަސީ ކުށްވެރިން މިނިވަން ކުރެއްވުމަށް މަސައްކަތް ކުރާ މަދަނީ ޖަމްޢިއްޔާ ކަމުގައިވާ ފްރީޑަމް ނައުގެ ފައުންޑަރއެވެ. ސިޔާސީ ހައްޔަރީންނާއި ކުށެއްނެތި ހައްޔަރުކުރެވޭ މީހުންގެ ދިފާޢުގައި ވަކާލާތުކުރައްވާ މަޝްހޫރު ހިއުމަން ރައިޓްސް ދާއިރާގެ، ޚާއްސަ ޤާނޫނީ ވަކީލެކެވެ. ބަރުމާގެ ޑިމޮކްރަސީ ލީޑަރ އައުން ސަން ސޫ ޗީ ގެ ދިފާއީ ވަކީލުންގެ ޓީމުގައި ޖެރެޑް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ކުރީގެ ޗެކް ރިޕަބްލިކްގެ ރައީސް، ސައުތު އެފްރިކާގެ މަޝްހޫރު ސޯޝަލް ރައިޓްސް އެކްޓިވިސްޓް އަދި ޢިލްމުވެރިޔާ ޑެސްމޮންޑް ޓޫޓޫ، 2010 ވަނަ އަހަރު ނޮބެލް ޕީސް ޕްރައިޒް ލިބިވަޑައިގެންފައިވާ ޗައިނާގެ މަޝްހޫރު ލިޔުންތެރިޔާ ލިޔު ޗިއުބޯގެ ދިފާޢީ ޤާނޫނީ ވަކީލަކީ ޖެރެޑް ގެންސަރއެވެ.
ބެން އެމަރސަން (ކިއު.ސީ) އަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. ބެން އެމަރސަން (ކިއު.ސީ) މިހާރު ހުންނެވީ އދ. ގެ ސްޕެޝަލް ރެޕަޓުއަރ އޮން ހިއުމަން ރައިޓްސްގެ މަޤާމުގައާއި، އިނގިރޭސި ވިލާތުގެ ހައިކޯޓުގެ ޑެޕިއުޓީ ޖަޖެއްގެ މަޤާމުގައެވެ. ކުއީންސް ކައުންސިލްގެ ލަޤަބު ލިބިވަޑައިގެންފައިވާ ބެން އެމަރސަން (ކިއު.ސީ) އަކީ ޔޫރަޕިއަން ހިއުމަން ރައިޓްސް ލޯ، ޕަބްލިކް އިންޓަރނޭޝަނަލް ލޯ އަދި އިންޓަރނޭޝަނަލް ކްރިމިނަލް ލޯގެ ދާއިރާގެ ޚާއްސަ ޤާނޫނީ ވަކީލެކެވެ. ބެން އެމަރސަން (ކިއު.ސީ) އަކީ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް، ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އިންޓަރނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯރ ދަ ފޯރމަރ ޔޫގޮސްލާވިއަ ފަދަ ކޯޓުތަކުގައި ޤާނޫނީ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޤާނޫނީ މާހިރެކެވެ.
އަމާލް ކްލޫނީއަކީ ޕަބްލިކް އިންޓަރނޭޝަނަލް ލޯ، އިންޓަރނޭޝަނަލް ކްރިމިނަލް ލޯ އަދި ހިއުމަން ރައިޓްސް ލޯގެ ދާއިރާގެ މަޝްހޫރު ޤާނޫނީ ވަކީލެކެވެ. އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް، އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓު، އިންޓަރނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯރ ދަ ފޯރމަރ ޔޫގޮސްލާވިއާގައި އަމާލް ވަނީ މުވައްކިލުން ތަމްސީލްކުރައްވާފައެވެ. އަމާލް ތަމްސީލް ކުރައްވާފައިވާ މައްސަލަތަކުގެ ތެރޭގައި ޔޫކްރެއިންގެ ބޮޑުވަޒީރު ޔޫލިއާ ޓިމޮޝެންކޯ، އަލްޖަޒީރާގެ ނޫސްވެރިޔާ މުޙައްމަދު ފަހުމީ، ލީބިޔާގެ ކުރީގެ އިންޓެލިގެންސް ޗީފް ގެ މައްސަލަ، ވިކިލީކްސްގެ ޖޫލިއަން އަސާންޖް، އަދި ސަރބިއަރގެ ކުރީގެ ރައީސް މިލޮސޮވިޗްގެ މައްސަލަ ހިމެނެއެވެ. އަމާލް ކްލޫނީއަކީ މަޝްހޫރު ހޮލީވުޑް ފިލްމީ ތަރި ޖޯޖް ކްލޫނީގެ އަނބިކަނބަލުންނެވެ.
ރައީސް ނަޝީދުގެ މައްސަލާގައި މަސައްކަތްކުރައްވާ ދިވެހިރާއްޖޭގެ ވަކީލުންގެ ޓީމާއެކު، ބޭރުގެ މި ޓީމް ފުރަތަމަ ކުރައްވާނެ މަސައްކަތަކީ، ރައީސް ނަޝީދުގެ މައްސަލަ، ޔޫ.އެން. ވޯރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅުމެވެ. މިއީ، އދ. ގެ ހަމައެއް ލަމައެއް ނެތި މީހުން ހިފާ ހައްޔަރުކުރުމާގުޅޭ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ގްރޫޕެކެވެ. މި ގްރޫޕްއިން ބަލަނީ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއާއި އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި ބައިވެރިވެފައިވާ ޤައުމުތަކުގެ ރައްޔިތުން ހުށަހަޅާ އެފަދަ މައްސަލަތަކެވެ. ދިވެހިރާއްޖޭގެ ފަރާތުން އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގައި ބައިވެރިވެފައިވަނީ 2006 ވަނަ އަހަރުއެވެ.
މި ގްރޫޕްގެ ނިންމުންތަކަކީ، އދ. ގެ މެންބަރު އެހެން ޤައުމުތަކުގެ ޚާރިޖީ ސިޔާސަތު އެކުލަވާލުމުގައި ވަރަށް ބޮޑަށް ބަރޯސާކުރާ ނިންމުންތަކެކެވެ. އަދި އެކި ޤައުމުތަކުން އެހެން ޤައުމުތަކުގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގައި އެންމެ ބޮޑަށް ބަލާ އެއް ބާވަތެއްގެ ނިންމުންތަކަކީ މި ގްރޫޕްގެ ނިންމުންތަކެވެ.
ރައީސް ނަޝީދުގެ ވަކީލުން ދެކެވަޑައިގަންނަވާ ގޮތުގައި އެމަނިކުފާން އެހުންނެވީ ހަމައެއް ލަމައެއްނެތި ބަންދުކުރެވިފައެވެ. ޚާއްސަގޮތެއްގައި ރައީސް ނަޝީދުގެ މައްޗަށް ކުރެވިފައިވާ ޓެރަރިޒަމްގެ ދަޢުވާއާއި ކްރިމިނަލް ކޯޓުގެ އިސްޤާޟީ އަލްއުސްތާޛު ޢަބްދުﷲ މުޙައްމަދު ގިރިފުށީގައި ބެހެއްޓެވިކަމަށްބުނެ ކުރެވުނު ތުޙުމަތަކާ ގުޅުމެއް ނެތްކަމުންނާއި، އަދި ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރިޔަށް ގެންގޮސްފައިވާ ގޮތުންނެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މައްސަލަ ޔޫ.އެން. ވޯރކިންގ ގްރޫޕް އޮން އރާބިޓްރަރީ ޑިޓެންޝަންގެ އިތުރުން އދ. އާއި ބައިނަލްޢަޤްވާމީ އަދި ސަރަޙައްދީ ކޮމިޝަންތަކަށާއި ކޯޓުތަކަށް ހުށަހެޅުމާއި، ބައިނަލްޢަޤްވާމީ އެކި އެކި ޖަމުޢިތްޔާތައް މެދުވެރިކޮށް ރައީސް ނަޝީދަށް އިންސާފު ލިބިދިނުމަށްވެސް ވަކީލުންގެ މި ޓީމުން މަސައްކަތްކުރާނެއެވެ. ބައިނަލްއަޤްވާމީ ޤާނޫނީ އަދި ސިޔާސީ އެކިއެކި މުވައްސަސާތަކުގެ އެހީއާކު ރައީސް ނަޝީދު މިނިވަން ކުރުމަށް މަސައްކަތް ކުރެވޭނެއެވެ.
ރައީސް ނަޝީދުގެ ޤާނޫނީ ޓީމުތަކުން މިދެންނެވި މަސައްކަތްކުރަމުން ގެންދާއިރު، އެންމެ ބޭފުޅުންގެ ހެޔޮ ދުޢާ ރައީސް ނަޝީދަށް ލިބުމަކީ އެބޭފުޅާއަށް ލިބެމުންދާ އަނިޔާއިން ސަލާމަތްވުމަށް ލިބޭނެ ބޮޑު ބާރެއްކަމުގައިވެސް ދަންނަވަމެވެ.