ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީއަށް ދައުލަތުން ސެކިއުރިޓީ ދެއްވުމަށް އިންކާރުކުރެއްވުމަކީ ކަނޑައެޅިގެން ޤާނޫނާ ޚިލާފް ކަމެއް.

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ޤާނޫނުގެ ދަށުން، ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީއަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން 12 ޖޫން 2015 ވަނަ ދުވަހުގެރޭ ފޯރުކޮށްދިނުން ހުއްޓާލާފައިވާކަމީ މިއޮފީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ޤާނޫނު ނަންބަރު 2009/9 (ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭންޖެހޭ ރައްކާތެރިކަމާ ޢިނާޔަތްތަކާ ބެހޭ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކާއި، އެމީހާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް، ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު އަދާކޮށްފައިވާ މީހަކަށް އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ޙިމާޔަތާއި ރައްކާތެރިކަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހަމަޖައްސައިދޭންވާނެ ކަމަށެވެ. ޤާނޫނުގައި ސާފުކޮށް މިފަދައިން ބަޔާންކޮށްފައިވީ ނަމަވެސް، 12 ޖޫން 2015 ދުވަހުގެރޭ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އިންތިޒާމްކޮށްގެން ބޭއްވި ޞުލްޙަވެރި ސިޔާސީ ޙަރަކާތުގައި ލައިލާ ޢަލީ ބައިވެރިވެވަޑައިގަތުމަށް ނިންމެވުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެކަމަނާއަށް ދެއްވަމުން ގެންދެވި ސެކިޔުރިޓީ ދެއްވުން ހުއްޓާލެއްވިއެވެ. އަދި ސަރުކާރުން އެކަން އެހެން ކުރެއްވި ސަބަބު ލައިލާ ޢަލީ އަށް އަންގަވާފައިނުވާކަންވެސް ފާހަޤަކުރަމެވެ. އަދި ދަންނަވަމެވެ. ރައީސް މުޙައްމަދު ނަޝީދު ފިޔަވައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ އެހެން ބޭބޭފުޅުންގެ އަނބިއަނބިކަނބަލުން އެކިއެކި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާއިރު އެބޭބޭފުޅުންނަށް ދައުލަތުން ސެކިޔުރިޓީ ޚިދުމަތް ފޯރުކޮށްދެއްވަމުން ގެންދަވާކަން ފާހަގަކުރަމެވެ. އަދި މީގެ ކުރިންވެސް އެކިއެކި ސުލްޙަވެރި ސިޔާސީ ޙަރަކާތްތަކުގައި ލައިލާ ޢަލީ ބައިވެރިވެވަޑައިގެންފައިވާއިރު ސެކިއުރިޓީގެ ފޯރުކޮށްދެއްވާފައިވާކަން ފާހަގަކުރަމެވެ. އެހެންކަމުން، ސިފައިންގެ މުއައްސަސާއިން ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އާމެދު ހުކުރުދުވަހުގެ ރޭ ޢަމަލު ކުރައްވާފައިއެވަނީ ކަނޑައެޅިގެން ޤާނޫނާ ޚިލާފަށްކަމަށްވާތީ އެކަން މިއޮފީހުން ހަރުއަޑުން ކުށްވެރި ކުރަމެވެ.

ދައުލަތުގެ ދިފާޢީ ބާރުގެ އެންމެ ބޮޑު ޒިންމާއަކީ ޤާނޫނުގެ ތަރަހައިގެ ތެރެއިން ޤައުމަށް ޚިދުމަތްކޮށް ޤައުމުގައި ހެޔޮވެރިކަމެއް ޤާއިމުކުރުމަށް އެހީތެރިވެދިނުމެވެ. ދަޢުލަތުގެ ދިފާޢީ ބާރަކީ ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ ތަނަކަށް ހެދުމަކީ މިއަދު ކޮންމެހެން ކުރާން ޖެހިފައިވާކަމެކެވެ. އެހެންކަމުން ދައުލަތުގެ އެ މުހިއްމު މުއައްސަސާގެ ހުރުމަތް ކެނޑި، ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ ކަންކަމުން ސިފައިންގެ މުއައްސަސާ ދުރުކުރުމަށް ސަރުކާރަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :