ރައީސް މުޙައްމަދު ނަޝީދުގެ ސިއްޙީ ޙާލުކޮޅާމެދު ކަންބޮޑުވޭ

2015 މާޗް 13 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް މާފުށީ ޖަލުގައި ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް 2015 ޖޫން 23 ވަނަ ދުވަހު ދެ މަސްދުވަހަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގޭބަންދަށް ބަދަލު ކުރީ އެމް.އާރު.އައި. ސްކޭން ހެދުމަށްފަހު ނިއުރޯ ސަރޖަންގެ ލަފާގެ މަތިން ދެ މަސް ދުވަހަށް ފިޒިއޯތެރެޕީ ހެދުމަށާއި ހަމަހިމޭން މާހައުލެއްގައި އަރާމު ކުރެއްވުމަށް ޑޮކްޓަރު ލަފާ ދެއްވުމާ ގުޅިގެންނެވެ.

މިއާއެކު ދައުލަތުން އެމަނިކުފާނުގެ ޙުކުމުގެ ބާކީ މުއްދަތު 2015 ޖުލައި 19 ވަނަ ދުވަހު ދާއިމީކޮށް ގޭ ބަންދަށް ބަދަލުކޮށްފައިވަނިކޮށް، ޑޮކްޓަރުގެ ލަފާއާ ޚިލާފަށް އަނބުރާ ޖަލަށް ގެންދިއުމުން ރައީސް ނަޝީދުގެ ސިއްޙީ ޙާލުކޮޅާ މެދު ކަންބޮޑުވުން ފާޅު ކުރަމެވެ. ހޯމަ ދުވަހު ހޯމް މިނިސްޓްރީގެ ފަރާތުން ވިދާޅުވެފައިވަނީ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިޔައީ ޑޮކްޓަރުގެ ލަފަޔާ ޚިލާފަށް ކަމުގައެވެ. 2015 އޯގަސްޓް 19 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ޑޮކްޓަރު ލަފާ ދެއްވާފައިވަނީ ދެ ހަފްތާ ވަންދެން ހުއްޓާނުލައި ފިޒިއޮތެރެޕީ ކުރިއަށް ގެންދިއުމަށާއި ކޮންމެ ދުވަހަކު އެއް ގަޑިއިރު ފެތުމަށާއި އަދި މައިބަދައަށް އަނިޔާވެދާނެ ފަދަ ކަންކަމުން ދުރުވެހުރުމަށެވެ. އަދި އެއަށްފަހު އެމް.އާރު.އައި. ސްކޭން ހެދުމަށް ޑޮކްޓަރު ލަފާދެއްވިއެވެ. ރައީސް ނަޝީދުގެ މައިބަދައަށް ލިބިފައިވާ ގެއްލުމަށް އެންމެ އެކަށީގެންވާ ފަރުވާއަކީ އިތުރަށް ފިޒިއޮތެރެޕީ ކުރިއަށް ގެންދިއުންތޯ ނުވަތަ މައިބަދައިގެ އޮޕަރޭޝަން ކުރުންތޯ ދެނެގަނެވޭނީ ދެވަނަ އެމް.އާރު.އައި. ސްކޭނަށްފަހުކަމަށްވެސް ޑޮކްޓަރު ލަފާދެއްވިއެވެ. އަދި މިކަން އިތުރަށް ޔަޤީން ކުރެވެންދެން ހަމަހިމޭން މާހައުލެއްގައި އަރާމު ކުރެވޭނެ ގޮތްތަކެއް މަގުފަހިކޮށްދިނުމަށްވެސް ވަނީ ޑޮކްޓަރު ވިދާޅުވެފައެވެ.

ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިއުމާއެކު ޑޮކްޓަރު ދެއްވާފައިވާ ލަފާއާ އެއްގޮތަށް އެމަނިކުފާނަށް ފަރުވާ ލިބިވަޑައިނުގަންނަވާނެއެވެ. އަދި މާފުށީ ޖަލުގައި އެފަރުވާ ލިބޭނެ އިންތިޒާމް ވެސް ނެތެވެ. އެމަނިކުފާނުގެ މައިބަދައަށް ލިބިވަޑައިގެންފައިވާ ގެއްލުމަކީ މީގެ ކުރިން ޖަލުގައި އަނިޔާ ކުރުމުގެ ސަބަބުން ލިބިފައިވާ ދާއިމީ ގެއްލުމެކެވެ. އަދި އެއީ އަބަދުމެ ފަރުވާ ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަކަށް ވީހިނދު އެފަރުވާ ނުލިބިދާ ކޮންމެ ދުވަހަކީ އެ މަނިކުފާނަށް ކަނޑައެޅިގެން އަނިޔާލިބެމުންދާ ދުވަހެކެވެ. އެހެންކަމުން، ދައުލަތުން ރައީސް ނަޝީދަށް ދެއްވާފައިވާ ރަސްމީ ލިޔުމުގައިވާގޮތަށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކުރައްވައި، ޑޮކްޓަރު ދެއްވާފައިވާ ލަފާއާ އެއްގޮތަށް ސަރުކާރުން ޢަމަލުކުރެއްވުމަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :