ރައީސް މުޙައްމަދު ނަޝީދުގެ ހައިކޯޓު މައްސަލައިގެ އިބްތިދާޢީ އަޑުއެހުން މާދަމާ ބޭއްވުމަށް ތާވަލް ކުރައްވައިފި   

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 13 އަހަރުގެ ޖަލު ޙުކުމް ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުން އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހެޅުއްވުމުން، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމުމަށް އިބްތިދާޢީ އަޑުއެހުން 9 ސެޕްޓެމްބަރު 2015 ދުވަހުގެ މެންދުރު 2 ޖަހާއިރު ހައިކޯޓުގައި ތާވަލް ކޮށްފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދަށް ހައިކޯޓުން މިއަދު ވަނީ އަންގާފައެވެ.

އިބްތިދާޢީ އަޑުއެހުން މާދަމާއަށް ތާވަލުކޮށްފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތުން އެ އަޑުއެހުން ތާވަލު ކުރެއްވުމުގެ ކުރިން ޕްރޮސެކިއުޓަރ ޖެނެރެލްގެ އޮފީހުގެ ފަރާތުން ހުށަހެޅި އިސްތިއުނާފްގެ ލިޔެކިޔުންތައް އެމަނިކުފާނަށް ލިބިދިނުމަށާއި، އެލިޔުންތައް ލިބުމުން އެލިޔުންތައް ދިރާސާކޮށް ވަކީލުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ދިނުމަށް އެދިވަޑައިގަންނަވާފައިވަނިކޮށެވެ. އެހެންނަމަވެސް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން 12 އޯގަސްޓް 2015 ދުވަހު ހުށަހެޅި އިސްތިއުނާފް ލިޔެކިޔުންތައް ދެވެން ނެތް ކަމަށް ހައިކޯޓުން ރައީސް މުޙައްމަދު ނަޝީދަށް މިއަދު ވަނީ އަންގާވާފައެވެ.

އަދި، ރައީސް މުޙައްމަދު ނަޝީދު މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ހައިކޯޓުން ޕްރޮސިކިއުޓަރ ޖެނެރަލް އިސްތިއުނާފަށް ހައިކޯޓަށް ހުށަހެޅި ލިޔެކިޔުންތައް ލިބިނުދީ، އަދި، އެމަނިކުފާނަށް ލިޔެކިޔުންތައް ދިރާސާކޮށް، ވަކީލުންނާ މަޝްވަރާކުރުމުގެ ފުރުޞަތު ހަނިވާގޮތަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ޖަވާބުދާރިވުމަށް އެންގުމަކީ ޤަބޫލުކުރެވޭ ހަމައެއްނޫނެވެ. އެހެންކަމުން، ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އިސްވެ ދެންނެވުނު ޙައްޤުތައް ރައީސް ނަޝީދަށް އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިލްތިމާޞްކުރަމެވެ.

 

 

 

 

What do you think?

Name (required) :

Email (required) :

Website :