ކްރިމިނަލް ކޯޓުގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގި ޓެރަރިޒަމްގެ ޝަރީޢަތް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޓެރަރިޒަމްގެ ޙުކުމާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލާގައި، އެމައްސަލަ ބަލައިގަތުމަށް ހުއްދަ ދެވެން ނެތްކަމަށް ބުނެ، ބުނެވިދިޔަ މައްސަލައިގެ ޝަރީޢަތް ކްރިމިނަލް ކޯޓުން ހިންގާފައިވަނީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިރޭ ވަނީ ކަނޑައަޅާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހެޅި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިއްޔެ ހިންގާފައިވަނީ އެމައްސަލައަކީ ހައި ކޯޓަށް ބެލިދާނެ މައްސަލަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ އަޑުއެހުމެކެވެ. ނަމަވެސް، ހައި ކޯޓުންވަނީ އެމައްސަލަ މައުޟޫޢީ ގޮތުން ބަލައި، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އެންމެހައި އިޖުރާއާތެއް ކުރިއަށް ގެންގޮސްފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަކަށް ކަނޑައަޅާފައެވެ. މިގޮތުން؛

– ކްރިމިނަލް ކޯޓުގައި ޝަރީޢަތް ކުރިއަށް ގެންދިޔައިރު، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ދަޢްވާއާ ގުުޅިގެން ކުށުން ބަރީޢަވުމަށްޓަކައި އެކަށީގެންވާ ވަގުތާއި ވަޞީލަތްތައް ރައީސް މުޙައްމަދު ނަޝީދަށް ލިބިދީފައިވާކަމަށާއި؛

– ޤާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ފުރިހަމައަށް ލިިބިދީފައިވާކަމަށާއި؛

– މައްސަލަ ބެލި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ޤާޟީން އެމައްސަލަ ބެލުމަށް ހުރަސްއެޅޭނެފަދަ މަޞްލަޙަތު ފުށުއެރުމެއް ނެތްކަމަށާއި؛

– ދައުލަތުން ހުށަހެޅި ހެކިންނާ ސުވާލުކުރުމަށް ފުރުޞަޠު ލިބިދީފައިވާކަމަށާއި؛

– ރައީސް މުޙައްމަދު ނަޝީދު ބޭނުންފުޅުވި ދިފާޢީ ހެކިން ޙާޟިރުކުރަން ނުޖެހޭކަމަށާއި؛

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހިންގާފައިވަނީ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތުގެ މަތިން ޢަދުލުވެރި، އިންޞާފުވެރި ޝަރީޢަތެއްކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބުނެވިދިޔަ އެންމެހައި ކަންކަން ހައި ކޯޓުން ނިންމާފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ބަހެއް ހޯދުމަކާ ނުލައެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ދިވެހިރާއްޖޭގެ ހައި ކޯޓަށް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދުނު މައްސަލައިގެ ފޯމާއި ހުށަހަޅާފައިވާ އެއްވެސް ލިޔެކިޔުމެއް މިއަދާ ހަމައަށްވެސް ރައީސް މުޙައްމަދު ނަޝީދަށް ހައި ކޯޓުން ފޯރުކޮށްދީފައިނުވެއެވެ.

ހައި ކޯޓުގެ މިޢަމަލަކީ، ޤާނޫނުއަސާސީންނާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބަައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުން ރައީސް މުޙައްމަދު ނަޝީދު މަޙުރޫމުކޮށް، ޤާނޫނުން ލިބިދީފައިވާ އެންމެހައި ރައްކާތެރިކަމާއި މަންފާތައް ނިގުޅައިގަތުމެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއިން ތަކުރާރުކޮށް ރައީސް މުޙައްމަދު ނަޝީދާމެދު ބޭއިންޞާފުން ޢަމަލުކުރަމުންދާ ގެންދާކަން އަނެއްކާވެސް ޝައްކެއްނެތް މިންވަރަށް ރައްޔިތުންނަށް ހާމަވެގެންދިޔަ ކަމެކެވެ.

 

What do you think?

Name (required) :

Email (required) :

Website :