ނޫސް ބަޔާން

ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާއިން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމް ތަންފީޛުކު ގެންދަނިކޮށް، އެޙުކުމުގެ ބާކީ އޮތް ބައި ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް، 19 ޖުލައި 2015 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ނަންބަރު 167-OPC/SM/INDIV/2015/1412 ‘ބަންދު މީހުންގެ އިޤްރާރު’ އިން ވަނީ ރައީސް މުޙައްމަދު ނަޝީދަށް އެކަން އަންގާފައެވެ. އެހެން ނަމަވެސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެ ލިޔުމަކީ ޞައްޙަ ލިޔުމެއް ނޫން ކަމަށް ބުނެ 23 އޮގަސްޓް 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދު ވަނީ އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ.

އިސްވެ ބުނެވުނު ލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލިޔުމެއް ނޫންކަމަށާއި، އަދި އެ ލިޔުމަކީ ޞައްޙަވެސް ލިޔުމެއް ނޫން ކަމަށް ދިވެހި ސަރުކާރުން ބުނެ، އެއީ ކޮންމެވެސް އެހެން ފަރާތަކުން އުފައްދާފައިވާ ލިޔުމެއްކަމަށްބުނެ އެމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރާ ކަމަށް އެއިދާރާއިން ޢާންމުކޮށް އިޢުލާނުކޮށް މީޑިޔާއަށް މަޢުލޫމާތު ދީފައިވާތީ ދަންނަވަމެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރައީސް މުޙައްމަދު ނަޝީދާ ޙަވާލުކުރި އިސްވެ ދެންނެވި ލިޔުމުގެ އަޞްލު ވަނީ 12 ނޮވެމްބަރ 2015 ވަނަ ދުވަހުގެ ރޭ 21:45 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.

އިސްވެ ބުނެވުނު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލިޔުމާ ގުޅޭގޮތުން މިއޮފީހަށް ފާހަގަކުރެވިފައިވަނީ، އެލިޔުމަކީ، އެލިޔުން ރައީސް މުޙައްމަދު ނަޝީދަށް ފޮނުވުމުގެ ކުރިން އެ ސަރވިސް އިން ރައީސް މުޙައްމަދު ނަޝީދަށް 21 ޖޫން 2015 ވަނަ ދުވަހު ފޮނުވާފައިވާ ލިޔުމާއި، 21 ޖޫން 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ އަށް ފޮނުވާފައިވާ ލިޔުމާއި އަދި 23 ޖޫން 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ފޮނުވާފައިވާ ލިޔުންވެސް ތައްޔާރުކޮށްފައިވާ ތަނުން ތައްޔާރުކޮށް ފޮނުވާފައިވާ ލިޔުމެއްކަމެވެ.

ވީމާ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ނަންބަރު 167-OPC/SM/INDIV/2015/1412 ‘ބަންދު މީހުންގެ އިޤްރާރު’ (19 ޖުލައި 2015) އަކީ ޞައްޙަ ލިޔުމެއްކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ތަޙްޤީޤު އަވަހަށް ހިންގައި ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އިލްތިމާސް ކުރަމެވެ. އަދި އެ ތަޙްޤީޤު އެކަށީގެންވާގޮތަށް ނުހިނގާ ކަމާއި، ތަޙްޤީޤު ދިގުލައިގެން ދިޔުމުގެ ނަތީޖާއަކީ ޤާނޫނާ ޚިލާފަށް ރައީސް މުޙައްމަދު ނަޝީދު ޖަލުގެ ބަންދުގައި ދެމި ހުންނަވަން ޖެހިވަޑައިގަތުންކަމާއި، އަދި އެއީ އެކަމުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެތަކެއް އަސާސީ ޙައްޤުތަކާއި މިނިވަންކަމަކުން އެމަނިކުފާނު މަޙްރޫމު ކުރެވުން ކަމުގައިވާތީ، އެ ކަމަކީ މިއޮފީހުން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. އަދި މިއޮފީހުން ޤަބޫލުކުރާ ގޮތުގައި، އިސްވެ ބުނެވުނު ލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޫކޮށްފައިވާ ޞައްޙަ އަދި ރަސްމީ ލިޔުމެކެވެ. އެހެންކަމުން، އެ ލިޔުމުގައިވާ ގޮތުގެ މަތީން ދިވެހި ސަރުކާރުން ރައީސް މުޙައްމަދު ނަޝީދާމެދު ޢަމަލުކުރުމަކީ ސަރުކާރުގެ މައްޗަށް ލާޒިމު ކަމެކެވެ.

What do you think?

Name (required) :

Email (required) :

Website :