19 ޖުލައި 2015 ދުވަހު ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސައްޙަ ތައްގަނޑު ޖަހާފައިވާ ސިޓީއަކީ 17 އޮގަސްޓް 2015 ދުވަހު ސަރުކާރުން ތަންފީޛްކުރަން ފަށާފައިވާ ސިޓީއެއްކަމަށްވާތީ، ރައީސް މުޙައްމަދު ނަޝީދު މިހިނދުން މިހިނދަށް އަނބުރާ ގެއަށް ބަދަލުކުރަން ގޮވާލާ ނެރޭ ނޫސްބަޔާން

 

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވުނު ޙުކުމް ތަންފީޒްކުރަމުން ދަނިކޮށް، އެމަނިކުފާނު 8 ހަފްތާއަށް ގޭބަންދަށް ބަދަލުކުރިކަމަށް ސަރުކާރުން 23 ޖޫން 2015 ދުވަހު ދިން ލިޔުމުގެ ދަށުން ގޭ ބަންދުގައި ހުންނަވަނިކޮށް، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ޙުކުމް ތަންފީޛުކުރުން ދާއިމީކޮށް ގޭބަންދަށް ބަދަލުކުރެވުނުކަމަށް 19 ޖުލައި 2015 ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ދޫކުރި ލިޔުމަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެ ކުރިން ދޫކޮށްފައިވާ ލިޔުންތަކެކޭ އެއްފަދައިން، އެ ސަރވިސްއިން ދޫކޮށްފައިވާ، އެސަރވިސްގެ ރަސްމީ ތައްގަނޑު ޖަހާފައިވާ ލިޔުމެއްކަން އެ ލިޔުމުގެ ފޮރިންސިކް ތަޙުލީލުން ވަނީ ސާބިތުވެފައެވެ.

19 ޖުލައި 2015 ދުވަހު ދޫކޮށްފައިވާ ސިޓީއަށް ސަރުކާރުން ވަނީ 17 އޮގަސްޓް 2015 ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައެވެ. އެއީ ރައީސް މުޙައްމަދު ނަޝީދު 8 ހަފްތާއަށް ގޭބަންދުކޮށްފައިވަނީ 23 ޖޫން 2015 ދުވަހު ދޫކޮށްފައިވާ ސިޓީއިން ކަމަށްވެފައި، އެ ސިޓީގައި ބުނެފައިވާ މުއްދަތު ނިމުމަކަށް އައީ 16 އޮގަސްޓް 2015 ވަނަ ދުވަހުކަމަށްވާތީއެވެ. ވީމާ 17 އޮގަސްޓް 2015 އިން ފެށިގެން 23 އޮގަސްޓް 2015 ވަނަ ދުވަހާ ހަމައަށް ރައީސް މުޙައްމަދު ނަޝީދު ގޭގައި ބަހައްްޓަވާފައި ހުންނެވީ 19 ޖުލައި 2015 ދުވަހުގެ ސިޓީގެ ތަންފީޛީ ބާރުގެ ދަށުންނެވެ. އަދި ދައުލަތުގެ އިސްވެރިންވެސް، ބުނެވިދިޔަ 19 ޖުލައި 2015 ގެ ސިޓީގެ ސައްޙަކަމުގެ ޔަޤީންކަން ދީފައިވެއެވެ. ހަމައެއާއެކު، ދިވެހިރާއްޖޭގެ ޚާރިޖިއްޔާއިންވެސް ވަނީ ކޮޅުނބުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަން މެދުވެރިކޮށް، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ ބާކީ އޮތް މުއްދަތު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން ބައިނަލްޢަޤްވާމީ މީޑިއާއަށް ކަށަވަރުކޮށްދީފައެވެ. މިގޮތުން، 24 ޖުލައި 2015 ދުވަހު އޭ.އެފް.ޕީ. އަށް ދިވެހި ހައިކޮމިޝަންގެ އޮފިޝަލެއްކަމަށްވާ ޙުސައިން މާޒިން ދިން ބަސްދީގަތުމެއްގައި އެކަން ވަނީ ކަށަވަރުކޮށްދީފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ކުރިއަށް ގެންދާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހުށަހެޅި 19 ޖުލައި 2015 ގެ ސިޓީގެ ސައްޙަކަން ބެލުމުގެ މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ވަނީ 15 ޑިސެމްބަރު 2015 ވަނަ ދުވަހު، އެ ތަހުޤީޤާ ގުޅިގެން ބުނެވިދިޔަ ސިޓީއަކީ ސަރުކާރުން ރަސްމީކޮށް ދިން އެއްޗެއްތޯ ނުވަތަ އެތަނުގެ މުވައްޒަފުން އެތަނުގެ ތަކެތި ބޭނުންކޮށްގެން ކުރިކަމެއްތޯ ބަލަމުން ގެންދާކަމަށް ބުނެފައެވެ.

ދައުލަތުގެ އިދާރާއަކުން އެއްވެސް ރައްޔިތަކާމެދު ފިޔަވަޅެއް އެޅުމާއި، ނިންމުން ނިންމުމާއި އެފަދަ ފިޔަވަޅެއް އަދި ނިންމުމެއް ހިމަނާފައިދޭ ލިޔެކިޔުމަކީ އޭގެ ޒާތުގައި ޤާނޫނީ ގޮތުން ސައްޙަ އަދި ތަންފީޒީ ބާރު ލިބިގެންވާ އެއްޗެއްކަމަށް ޤާނޫނީގޮތުން ބަލަންޖެހެއެވެ. އެހެނީ ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ މުވައްޒަފަކު ޢަމަލުކުރަންޖެހޭ އިޖުރާއަތާ ޚިލާފަށް ކުރާ ކަމަކުން ޢާންމު ރައްޔިތުމީހާއަށް އެކަމުގެ ދެރައާ ގެއްލުން ލިބުމަކީ އެއްވެސް ޙާލެއްގައި ވެގެންވާނޭ ގޮތެއް ނޫނެވެ. ކަން މިހެން އޮތުމުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރައީސް މުޙައްމަދު ނަޝީދަށް 19 ޖުލައި 2015 ވަނަ ދުވަހު ދޫކޮށްފައިވާ ސިޓީގައިވާ ގޮތަށް ރައީސް މުޙައްމަދު ނަޝީދު ޙުކުމް ތަންފީޛްކުރެއްވުމަށް ޤާނޫނީ ހަމަތަކުގެ މަތީން މިހާރު ހުންނަވަންޖެހިވަޑައިގަންނަވާނީ އެމަނިކުފާނުގެ ގެކޮޅުގައެވެ. އެހެންކަމުން ރައީސް މުޙައްމަދު ނަޝީދު މިހިނދުން މިހިނދަށް ގެއަށް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ.

 

19 ޑިސެމްބަރު 2015

What do you think?

Name (required) :

Email (required) :

Website :