ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް ކްރިމިނަލް ކޯޓުން ނިންމާފަައިވާ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ކުރުމަށް ހުށަހެޅުން

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށް ކްރިމިނަލް ކޯޓުން 13 މާޗް 2015 ގައި ނިންމި މައްސަލައަށް ޝަރުޢީ ޙައްލެއް ހޯދުމަށްޓަކައި އެމައްސަލަ ރައީސް މުޙައްމަދު ނަޝީދު ވަނީ މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސްކުރުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައެވެ.

މިމައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ކްރިމިނަލް ކޯޓުގައި ކުރެވުނު ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކީ ރަނގަޅު ދަޢުވާއެއް ނޫންކަމަށާއި، ރައީސް ނަޝީދަށް އިންސާފުވެރި ޝަރީޢަތެއް ލިބިވަޑައިގަންފައި ނުވާކަމަށާއި، އދ.ގެ ވަރކިންގ ގްރޫޕްގެ ނިންމުމުގައި ބައިނަލްއަޤްވާމީ ޤާނޫނީ ހަމަތަކަށް ރިޢާޔަތްކޮށް ނިންމާފައިވާ ނިންމުމުގައި، ދިވެހިރާއްޖެ ބައިވެރިވެ ސޮއިކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ލިބިދޭ އިންސާނީ ޙައްޤުތަކާއި މިނިވަންކަން ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާތީ، އެކަންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރިޢާޔަތްކުރައްވައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ ދަޢުވާ އަދި ޙުކުމް ބާޠިލުކޮށްދެއްވުމަށެވެ. މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު އެމް.އެން.ޑީ.އެފް.ގެ ބެލުމުގެ ދަށަށް ގެންދެވުމާ ގުޅިގެން އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް އެމް.އެން.ޑީ.އެފް.ގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރުކޮށްފައިވާތީ، ސިފައިންގެ އެންމެ މަތީ ވެރިޔާގެ ހައިޘިއްޔަތުން އެއަމުރު ތަންފީޛުކުރުމަށްޓަކައި އެކަމަށް މަގުފަހިކުރުމުގެ ގޮތުން އަންގަންޖެހޭ އެންގުމެއްވާނަމަ އެކަމެއް ރައީސް މުޙައްމަދު ނަޝީދު ކުރައްވާފަ ނުވާނުވުމަކީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއްގެ ދަޢުވާއެއް އުފުލިދާނެފަދަ ކަމެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ފެނިވަޑައިގަންނަވާނަމަ، އެކުށަކަށް ވަކި ދަޢުވާއެއް ކުރުމަށްޓަކައި މިމައްސަލައިގެ ތެރެއިން ޕްރޮސިކިއުޓަރ ޖެނެރަލަށް އަމުރުކޮށްދެއްވުމަށްވެސް ރައީސް ނަޝީދު އެދިވަޑައިގަންފައިވެއެވެ.

ރައީސް ޢަބްދުﷲ ޔާނީމް ޢަބްދުލްޤައްޔޫމް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކައަކީ ރައީސް މުޙައްމަދު ނަޝީދުގެ މައްސައަށް ޙައްލެއް ލިބޭނީ ޝަރުޢީ ނިޒާމުގެ ތެރެއިންކަމަށްވާތީ މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިމްތިމާސްއަށް ހުށަހެޅި މައްސަލައިގެ ތެރެއިން ދިމާވެފައިވާ މިމައްސަލައަށް ޙައްލެއް ލިބޭނޭކަމަށް ރައީސް މުޙައްމަދު ނަޝީދު އުންމީދުކުރައްވައެވެ. އަދި މައްސަލަ މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަނެ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މިމައްސަލަ އެކޯޓުން ބައްލަވައި ނިންމަވާނެކަމަށްވެސް އެމަނިކުފާނު އުންމީދުކުރައްވައެވެ.

What do you think?

Name (required) :

Email (required) :

Website :