އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ނިންމުން ތަންފީޛުކޮށްދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ

ރައީސް މުޙައްމަދު ނަޝީދު 22 ޑިސެމްބަރު 2015 ދުވަހު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދަޢުވާގައި ރައީސް މުޙައްމަދު ނަޝީދު ކުރެއްވިކަމަށް ތުހުމަތުކޮށްފައިވާ ޢަމަލަކީ ޓެރަރިޒަމްގެ ޢަމަލަކަށްނުވާތީ، ސަރުކާރުގެ ފަރާތުން ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރަން ޖެހޭނެކަމަށް އ.ދ.ގެ ވަރކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންއިން 17 ސެޕްޓެމްބަރު 2015 ދުވަހު ނިންމާފައިވާ ނިންމުން ތަންފީޛުކޮށްދިނުމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލައެކެވެ.

މީހަކު ހައްޔަރުކޮށްފައި ހުރީ ޤާނޫނީ އަސާސްއެއް ނެތިކަމަށް ކަނޑައެޅުމުގައި އދ.ގެ ވަރކިންގ ގްރޫޕްއިން ރިޢާޔަތްކުރާ 4 ކެޓަގަރީތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކެޓަގަރީއަކީ ކެޓަގަރީ 1 ގައި ބަޔާންކޮށްފައިވާ ހަމައެއްނެތި މީހަކު ހައްޔަރުކުރުން އާބިޓްރަރީ ކަމުގައި ވާ، އެ ފަރުދެއްގެ މިނިވަންކަން ނިގުޅައިގަތުމުގައި އެއްވެސް ޖާއިޒު ޤާނޫނީ އަސާސެއް އޮތުމަކީ މުޅިން މުސްތަޙީލުކަމެއް ކަމުގައި ވުމެވެ. މިގޮތުން، ޓެރަރިޒަމްއާ ދެކޮޅަށް އެޅޭ އެއްވެސް ފިޔަވަޅެއް، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ތެރެއިން ވިޔަސް، ދައުލަތުން ބޯލަނބަން ޖެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ، އެއްގޮތްވާން ޖެހޭނެކަމަށާއި އަދި ވަކީން ޚާއްޞަކޮށް ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނުތަކާ އެއްގޮތްވާން ޖެހޭނެކަމަށް އދ.ގެ ވަރކިންގ ގްރޫޕްއިން ފާހަގަކޮށްފައިވެއެވެ.

މީހެއްގެ ފުރާނަ ނުގެއްލޭފަދަ ޓެރަރިޒަމްގެ ޢަމަލަކަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ދިވެހިރާއްޖޭގައި ޙުކުމްކުރެވޭއިރު، ޓެރަރިޒަމްފަދަ ސީރިއަސް ކުށެއްގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލިފައިވާ ދަޢުވާގެ ޤާނޫނީ އަސާސް ދިވެހި ސަރުކާރަށް ބަޔާންކުރެވިފައި އޮތުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމަކަށް ވާއިރު، އދ.ގެ ވަރިންގ ގުރޫޕްއިން ނިންމާފައިވަނީ، ތިންވަނަ ފަރާތެއްގެ އޯޑަރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމް.އެން.ޑީ.އެފް)އިން ކްރިމިނަލް ކޯޓުގެ އިސް ގާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރިކުރުން ޓެރަރިޒަމްއަށް ވަނީ ކޮންގޮތަކަށް ކަމެއް ދިވެހި ސަރުކާރަށް ބުނެނުދެވޭކަމަށެވެ.

ރައީސް މުޙައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެމަނިކުފާނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް އަސަރުފޯރާނޭ މައްސަލައެއްނޫނެވެ. ރައީސް މުޙައްމަދު ނަޝީދު އެދިވަޑަގެންފައިވާ ގޮތަށް ސިވިލް ކޯޓުން އދ.ގެ ވަރކިންގ ގްރޫޕްއިން ނިންމާފައިވާގޮތަށް އެމަނިކުފާނު ދޫކޮށްލުމަށް އަމުރުކުރެއްވިމަނަވެސް، ރައީސް މުޙައްމަދު ނަޝީދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ ތެރެއިން، ސުޕްރީމް ކޯޓުން އެމް.އެން.ޑީ.އެފްގެ މައްޗަށް އިސް ޤާޟީ ޢަބްދުﷲ މުޙައްމަދު ދޫކޮށްލުމަށް ކުރެއްވި އަމުރު ތަންފީޛުކުރުމަށް ކްމާންޑަރ އިން ޗީފްގެ ހައިޘިއްޔަތުން ރައީސް މުޙައްމަދު ނަޝީދު އެއްވެސް ޢަމަލެއް ކުރައްވަން ޖެހިވަޑައިގެން، ނުކޮށް ދޫކޮށްލައްވާފައިވާކަމަށް ސުޕްރީމް ކޯޓަށް ފެނިވަޑަގަންނަވާނަމަ، އެމަނިކުފާނުގެ މައްޗަށް ޕީނަލް ކޯޑުގެ ދަށުން އައު ދަޢުވާއެއް ކުރުމަށް އެންގުމުގެ ފުރުޞަތު އެބައޮތް ކަން ފާހަގަކުރަމެވެ.

What do you think?

Name (required) :

Email (required) :

Website :