17 އޯގަސްޓް 2015 ގައި ޢަމަލުކުރަންފަށާފައިވާ، ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރި ސިޓީއާ ގުޅޭ

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ނުޙައްޤުން ދަޢުވާކޮށް، ބޭއިންސާފުން ޝަރީޢަތްކޮށް، އިންސާފުން ބޭރުން ޙުކުމްކޮށް، އެޙުކުމް ޖަލުގައި ތަންފީޛުކުރެވެމުން ދަނިކޮށް އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ އެ ޖަލު ޙުކުމުގެ ބާކީ އޮތް ބައި ތަންފީޛުކުރުން ދާއިމީކޮށް ގޭބަންދަށް ބަދަލުކޮށް އެކަން އަންގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 19 ޖުލައި 2015 ގައި ދެއްވާފައިވާ ލިޔުމަށް ޢަމަލުކުރަން ފެށުމަށްފަހު، އެލިޔުމަކީ ޞައްޙަ ލިޔުމެއް ނޫންކަމަށް 23 އޯގަސްޓް 2015 ވަނަ ދުވަހު ސަރުކާރުން ބުނެ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް އަނބުރާ ޖަލަށް ގެންގޮސްފައިވާތީ ދަންނަވަމެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން 19 ޖުލައި 2015 ގައި ދެއްވާފައިވާ ލިޔުމުން ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރު ދުވަހުގެ ޖަލު ޙުކުމުގެ ބާކީ އޮތްބައި ތަންފީޛުކުރުން ދާއިމީކޮށް ގޭބަންދަށް ބަދަލުކުރިކަން ވަނީ އަންގާފައެވެ. އެއިދާރާއިން ރައީސް މުޙައްމަދު ނަޝީދާ ޙަވާލުކޮށްފައިވާ އެހެނިހެން ލިޔެކިޔުންތަކަށް ބަލާއިރު، 19 ޖުލައި 2015 ވަނަ ދުވަހުގެ އެސިޓީއަށް ޢަމަލުކުރަންފަށާ ތާރީޚަކީ 17 އޯގަސްޓް 2015 އެވެ. އެހެންކަމުން، 17 އޯގަސްޓް 2015 ވަނަ ދުވަހުން ފެށިގެން ރައީސް މުޙައްމަދު ނަޝީދު ގޭގައި ހުންނެވި ދުވަސްތަކަކީ އިސްވެ ދެންނެވި ސިޓީއިން ރައީސް މުޙައްމަދު ނަޝީދުގެ ޙުކުމުގެ ބާކީ އޮތްބައި އެކުގައި ދާއިމީކޮށް ގޭބަންދަށް ބަދަލުކުރެވިގެން ގޭބަންދުގައި ހުންނެވި ދުވަސްތަކެވެ. ވީމާ، 19 ޖުލައި 2015 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ރައީސް މުޙައްމަދު ނަޝީދާ ޙަވާލުކުރި ސިޓީއަށް ޢަމަލުކުރަމުންދަނިކޮށް، 23 އޯގަސްޓް 2015 ވަނަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބޭފުޅުން ވަޑައިގެން ރައީސް މުޙައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދަވާފައިވަނީ ޤާނޫނާ ޚިލާފަށެވެ.

އަދި ދަންނަވަމެވެ. އިސްވެ ދެންނެވި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އެ ލިޔުމަކީ، ޞައްޙަ ލިޔުމެއް ނޫންކަމުގައި އެއިދާރާއިން މިހާރު ބުނިނަމަވެސް، އެ ލިޔުމަކީ، އެއިދާރާގެ ލިޔުމެއް ނޫންކަމުގައި ޤަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެއީ، އެލިޔުމަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ލެޓަރހެޑްގައި ޕްރިންޓްކޮށް، އެއިދާރާގެ ސިޓީ ނަންބަރު ޖަހައި، އެ އިދާރާގެ ތައްގަނޑުވެސްޖަހައި، އެއިދާރާއިން ރައީސް މުޙައްމަދު ނަޝީދާ ޙަވާލުކޮށްފައިވާ ލިޔުމެއް ކަމުގައިވާތީއެވެ. އަދި އެސިޓީގައި ޖަހާފައިވާ ތައްގަނޑަކީ ކުރިން ރައީސް މުޙައްމަދު ނަޝީދަށް އެއިދާރާއިން ޙަވާލުކޮށްފައިވާ ސިޓީތަކުގައިވެސް ޖެހުމަށް ބޭނުންކޮށްފައިވާ ތައްގަނޑުކަން މިހާރު ކަށަވަރުވެފައިވާތީއެވެ.

ސަރުކާރުން އެކިއެކި ފަރާތްތަކާއެކު ކުރާ މުއާމަލާތްތައް ކުރުމުގައި، ސަރުކާރުން ނުކިއްސަރުކޮށް ޢަމަލުކޮށްފައިވުމަކީ އެމުއާމަލާތުގެ އަނެއް ކޮޅުގައި ހުރި ފަރާތަށް އޭގެން ނުރަނގަޅު އަސަރެއް ކޮށްގެންވާނޭ ސަބަބެއް ނޫންކަމުގައި ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ބަންޑާރަ ނާއިބުގެ ލަފަޔަކީވެސް، ސަރުކާރުން ނުރަނގަޅުކޮށް ކަންކަން ކުރި ބަޔަކާމެދު ފިޔަވަޅުއެޅި ނަމަވެސް، ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކުރުން ކަމެވެ. ވީމާ، ރައީސް މުޙައްމަދު ނަޝީދަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ޙަވާލުކޮށްފައިވާ ލިޔުމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްލަވައި، އެލިޔުން ޙަވާލުކުރުމުގައި ނުރަނގަޅު އިޖުރާޢާތެއް ހިނގާފައިވާނަމަ އެކަން ކުރިބަޔަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، އެސިޓީ މެދުވެރިކޮށް ރައީސް މުޙައްމަދު ނަޝީދަށް ސަރުކާރުން ލިބިދީފައިވާ ލުއި އަނބުރާ އެމަނިކުފާނަށް ދެއްވަން ޖެހެއެވެ. އެއީ އެސިޓީގައިވާ ގޮތުގެ މަތީން ރައީސް މުޙައްމަދު ނަޝީދުގެ ޙުކުމުގެ ބާކީ އޮތްބައި ދާއިމީކޮށް އެކުގައި ގޭބަންދަށް ބަދަލުވުމެވެ.

ވީމާ، ސަރުކާރުން ޢަމަލުކުރަމުން އަންނަ އުޞޫލުކީ، ސަރުކާރާ އެކިއެކި ފަރާތްތަކާ ދެމެދު ކުރާ އެކިއެކި މުއާމަލާތްތަކުގައި ސަރުކާރުގެ ފަރާތުން ހިންގާފައިވާ ނުރަނގަޅުކަމަކާ ހުރެ އެމުއާމަލާތުގެ އަނެއްކޮޅުގައި ތިބޭ ފަރާތްތަކަށް ނުރަނގަޅު އަސަރެއް ފޯރިޔަ ނުދިނުން ކަމުގައިވާތީ، އެއުޞޫލުގެ މަތިން ރައީސް މުޙައްމަދު ނަޝީދާމެދު ޢަމަލުކޮށްދެއްވައި، 19 ޖުލައި 2015 ވަނަ ދުވަހު ރައީސް މުޙައްމަދު ނަޝީދާ ޙަވާލުކޮށްފައިވާ ސިޓީއަށް އަލުން ޢަމަލުކުރަން ފެއްޓެވުމަށް އިލްތިމާސް ދަންނަވަމެވެ.

What do you think?

Name (required) :

Email (required) :

Website :