ނޫސްބަޔާން

2012 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހަކު ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދަޢުވާ ޕްރޮސިކިޔުޓަރ ޖެނެރަލް އުފުއްލެވިއެވެ. އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެމައްސަލައިގެ ޝަރީޢަތް ހިންގަމުން ދަނިކޮށް، އެދަޢުވާ އަނބުރާ ގެންދަވައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 1990/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނު) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ކުރެއްވިއެވެ. ޓެރަރިޒަމްގެ ކުށުގެ ދަޢުވާ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރެވުމާއެކު ޝަރީޢަތް ހިންގުމުގެ އެންމެހައި އިޖުރާޢާތްތަކާ ޚިލާފަށް އެންމެ 19 ދުވަހުގެ ތެރޭގައި އެމައްސަލައިގެ ޝަރީޢަތް ނިންމައި، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް، 13 އަހަރު ދުވަހުގެ މުއްދަތަށް ރައީސް މުޙައްމަދު ނަޝީދު ޖަލަށް ލުމަށް ޙުކުމް ކުރިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދައްކާދީފައިވާ މަގަކީ، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތުމެވެ. މިނިވަން މުއައްސަސާތަކުގެ މަސައްކަތް ކުރެވެންޖެހޭނީ ވެރިކަން ހިންގާ ފަރާތުގެ ބާރުވެރިކަމާއި އަމުރުވެރިކަމުން ނެއްޓި މިނިވަންކަމާއި، މުސްތަޤިއްލުކަމާއެކުގައި ކަމެވެ. ވެރިކަން ހިންގާ ފަރާތުން އަދުލު އިންސާފުގެ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެން ނުވާނެ ކަމެވެ. އަދި މީސްމީހުންގެ މައްޗަށް ދައުލަތުން ޖިނާޢީ ދަޢުވާ ކުރުމުގައި އެކަން ކުރުމަށް ޤާނޫނުއަސާސީ މަތިކޮށްފައިވާ ޕްރޮސިކިޔުޓަރ ޖެނެރަލްއަށް ނުފޫޒު ފޯރުވައިގެން ނުވާނެކަމެވެ. އެހެންނަމަވެސް، މި އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން ޔަޤީންވާ ކަމަކީ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 81 ވަނަ މާއްދާއިން ކުރެވުނު ދަޢުވާ އަނބުރާ ގެންދަވައި، ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ ސީދާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕްރޮސިކިޔުޓަރ ޖެނެރަލްއަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެންކަމެވެ.

ވީމާ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކޮށްފައިވާ ޙުކުމަކީ ބާޠިލު ދަޢުވާއެއްގެ މައްޗަށް ކޮށްފައިވާ ބާޠިލު ޙުކުމަކަށްވާތީ، ރައީސް މުޙައްމަދު ނަޝީދު މިވަގުތު މިވަގުތަށް ދޫކޮށްލުމަށް ގޮވާލަމެވެ.

What do you think?

Name (required) :

Email (required) :

Website :