ރައީސް މުޙައްމަދު ނަޝީދު ގޭބަންދަށް ބަދަލުކުރި ލިޔުމާ ގުޅޭ މައްސަލައިގެ ތަޙްޤީޤް ނުނިންމާތީ ކަންބޮޑުވުން ފާޅުކުރުން

ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭ ބަންދަށް ބަދަލުކުރުމަށް ނިންމައި ސަރުކާރުން ހަވާލުކުރި ލިޔުމާ ގުޅޭ ގޮތުން ފުލުހުންގެ ތަހްޤީޤަށް އެނގެން ޖެހޭ ހުރިހާ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރެވިފައިވީނަމަވެސް އެކަން އިތުރަށް ތަޙްޤީޤްކުރުމަށް ކަމަށް ބުނެ އިތުރު ބޭފުޅުންގެ ފަރާތުން ބަޔާން ނަގައި އެ މައްސަލަ އެއްވެސް އަސާސެއް ނެތި ދިގު ދެމިގެންދާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމެވެ.

13 މާޗް 2015 ގައި ރައީސް މުޙައްމަދު ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސިޔާސީ ޙާލާތު ހަލަބޮލިވެ، ބައިނަލްއަޤްވާމީ ފަރާތްތަކުން ދިވެހިރާއްޖެއަށް ކުރަމުން އައި ޕްރެޝަރތަކަށް ސިޔާސީ ޙައްލެއް ހޯދައި ސަރުކާރުން އެދުނު ބައެއް ކަންކަމަށް އެމް.ޑީ.ޕީން ތަޢީދުކޮށް ރައީސް މުޙައްމަދު ނަޝީދާއި އެހެން ސިޔާސީ ލީޑަރުންގެ ބަަންދުތައް ލުއިކޮށް އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމަށް ސަރުކާރުން އެއްބަސްވިއެވެ.

ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ މަތީން ރައީސް މުޙައްމަދު ނަޝީދު 21 ޖޫން 2015 ވަނަ ދުވަހު ގޭ ބަންދަށް ބަދަލުކުރިއެވެ. އަދި 19 ޖުލައި 2015 ގައި އެމަނިކުފާނު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމުގެ ލިޔުން ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލުގެ ހާޒިރުގައި އެމަނިކުފާނާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަވާލުކުރިއެވެ. ދާއިމީކޮށް ގޭބަންދަށް ބަދަލުކުރުމަށްފަހު 26 ޖުލައި 2015 ގައި ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ސަރުކާރުން އެއްބަސްވިއެވެ.

އިސްވެދެންނެވުނު ގޮތަށް ސަރުކާރުން އެއްބަސްވިނަމަވެސް، 23 އޯގަސްޓް 2015 ދުވަހުގެ ރޭ ރައީސް މުޙައްމަދު ނަޝީދު ޤާނޫނާ ޚިލާފަށް އަނބުރާ ޖަލަށް ބަދަލުކޮށް ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގައި އެެއްބަސްވިކަންކަމަށް އިންކާރުކުރިއެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ދާއިމީކޮށް ގޭބަންދަށް ބަދަލުކުރި ލިޔުމަކީ ސައްހަ ނޫން ލިޔުމެއްކަމުގައި ސަރުކާރުން ހާމަކުރިއެވެ.

މިއަށްފަހު 28 އޯގަސްޓް 2015 ގައި ސަރުކާރުން ރައީސް ނަޝީދާ ހަވާލުކުރި ލިޔުން ހޯދުމަށް ކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ކޯޓު އަމުރަކާއެކު ފުލުހުން ބަލައި ފާސްކުރިއެވެ. އަދި ދަންވަރުގެ ވަގުތުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިކަނބަލުން އަވަހާރަފުޅުގައި ތިއްބަވަނިކޮށް މުޅި ގެކޮޅު ބަލައި ފާސްކުރިއެވެ. މިގޮތަށް ޢަމަލުކޮށްފައިވަނީ އެލިޔުމުގެ ސައްޙަކަން ބެލުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަމަށާއި ލިޔުން ލިބުނުހާ އަވަހަށް ފުލުހުންނާ ޙަވާލުކުރައްވާނެކަމުގައި ރައީސް މުޙައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ ޢަލީ ފުލުހުންނަށް އަންގަވާފައިވަނިކޮށެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ގެކޮޅު ބަލައި ފާސްކުރުމަށްފަހު އެމަނިކުފާނުގެ އަނބިކަނބަލުންނާއި، ޤާނޫނީ ވަކީލުންނާއި، ލިޔުން ޙަވާލުކުރިވަގުތު މ.ޔާގޫތުގޭގައި ތިބި އެކިއެކި ފަރާތްތަކުގެ ބަޔާން ފުލުހުންވަނީ ނަގާފައެވެ. އަދި ރައީސް މުޙައްމަދު ނަޝީދާވެސް ވަނީ ސުވާލުކޮށްފައެވެ. މީގެ އިތުރުން މ.ޔާގޫތުގޭގެ ސީ.ސީ.ޓީ.ވީ ފޫޓޭޖާއި، ލިޔުމާ ގުޅޭ ގޮތުން ބޭރުގެ ތަޙްޤީޤީ ފަރާތުގެ ރިޕޯޓުވެސް ވަނީ ފުލުހުންނާ ޙަވާލުކޮށްފައެވެ.

އިސްވެދެންނެވުނު ކަންކަމާއި ތަޙްޤީޤަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިވީނަމަވެސް މިދަނޑިވަޅުގައި އެމް.ޑީ.ޕީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރާއި ކުރީގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމް ފުލުހުންގެ އިދާރާއަށް ހާޒިރުވެ މައްސަލައާ ގުޅޭ ގޮތުން އިތުރު ބަޔާންތަކެއް ދެއްވުމަށް ފުލުހުން އެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އެއީ މައްސަލަ ދިގުދަންމައި، ވަރަށް ސާފުކޮށް އެނގެން އޮތް މައްސަލައެއް ސިޔާސީކޮށް ސަރުކާރުން ފުލުހުން މެދުވެރިކޮށް ކުރާ ކަމެއް ކަމުގައި ދެކެމެވެ.

ފުލުހުންގެ ޒިންމާއަކީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ ނަގަހައްޓައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމެވެ. އަދި ސިޔާސީ ވެރިންގެ ނުފޫޒުން ފުލުހުން އެއްކިބާވެ ތިބެ، ފުލުހުންގެ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް މަސައްކަތްކުރުމެވެ. އެހެންކަމުން މިފަދަ ފުރައްސާރަކުރުންތަކުން އެއްކިބާވެތިބެ، މި މައްސަލަ ވަކި ފަރާތަކަށް ސިޔާސީ މަންފާއެއް ޙާސިލްވާނެ ގޮތަށް ކުރިއަށް ނުގެންގޮސް ވީހާވެސް އަވަހަށް ނިންމަވައި ދެއްވުމަށް ގޮވާލަމެވެ.

 

What do you think?

Name (required) :

Email (required) :

Website :