އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒާރވެޓިވް ޕާޓީގެ އަހަރީ ކޮންފަރެންސްގައި އިންސާނީ ޙައްޤުތަކާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. ކޮންޒަރވެޓިވް ޕާޓީގެ ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން އިންތިޒާމް ކުރާ މި ޙަފްލާގެ މައުޟޫއަކީ [ޚާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒަކީ އިންސާނީ ޙައްޤުތައް] އެވެ.
މި ޙަފްލާގައި ރަައީސް މުޙައްމަދު ނަޝީދުގެ އިތުރުން ކެނެޑާގެ މަޝްހޫރު ފިލްމީ ތަރި އަދި އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ އެނެސްތޭޝިއާ ލިންވެސް ވާހަކަ ދައްކަވާނެއެވެ. އެނެސްތޭޝިއާ ލިންއަކީ ޗައިނާއަށް އުފަން ކެނެޑާގެ ރައްޔިތެކެވެ. އަދި ޗައިނާގެ އިންސާނީ ޙާއްޤުތަކުގެ ޙާލަތާ ގުޅޭ ގޮތުން ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ.
ކޮންޒަރވެޓިވް ޕާޓީ ކޮންފަރެންސްގެ ތެރޭގައި ކުރިއަށްދާ މި ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އިނގިރޭސިވިލާތުގެ ބަރމިންހަމްގައި މިމަހުގެ 4 ވަނަ ދުވަހުއެވެ.