ރައީސް މުޙައްމަދު ނަޝީދުގެ ކިބައިން ނިގުޅައިގެންފައިވާ ސިޔާސީ އަދި މަދަނީ ޙައްޤުތައް އަނބުރާ ހޯދުމަށް އދ. ގެ އިންސާނީ ޙައްޤުތަކާ ގުޅޭ ކޮމިޓީއަށް ހުށަހަޅައިފި

ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޤާނޫނު ނަންބަރު 1990/10 (ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ ދަށުން ޓެރަރިޒަމްގެ ކުށުގެ ދަޢުވާކޮށް ޝަރީޢަތް ހިންގުމުގެ އެންމެހައި އިޖުރާޢަތްތަކާ ޚިިލާފަށް އެންމެ 19 ދުވަހުގެ ތެރޭގައި އެމައްސަލައިގެ ޝަރީޢަތް ނިންމައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ޙުކުުމް ކުރުމާ ގުޅިގެން އެމަނިކުފާނުގެ ސިޔާސީ ޙައްޤުތަށް ޤާނޫނާ ޤަވާއިދާ ޚިލާފަށް ނިގުޅައިގެންފައިވާތީ އެކަން ޙައްލުކޮށްދެއްވައި އެޙައްޤުތައް އަނބުރާ ހޯދައިދިނުމަށް އެދި އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީއަށް މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކޮމިޓީއަށް މައްސަލަ ހުށަހެއްޅުވީ އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނެވެ. މިއަދު ހުށަހެޅި މައްސަލައިގައި 2018 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރައީސް މުޙައްމަަދު ނަޝީދަށް ވާދަ ކުރެއްވުމުގެ ޙައްޤުވެސް އަނބުރާ ހޯއްދަވައިދެއްވުމަށް ވަނީ އެދިފައެވެ.

މަދަނީ އަދި ސިޔާށީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ދިވެހިރާއްޖޭ ބައިވެރިވެ ތަސްދީޤްކޮށްފައިވާތީއާއި އެ މުޢާހަދާގެ 25 އަދި 22 ވަނަ މާއްދާގައި އެއްވެސް ހުރަހެއް ނެތި ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުމުގެ މިނިވަންކަން ލިބިދޭކަމަށްވާތީ އެ ޙައްޤުން މަޙްރޫމްވެއްޖެ ޙާލަތްތަކުގައި އެޙައްޤު އަނބުރާ ހޯދުމަށް ވަކި ފަރުދުންނަށް މައްސަލަ ހުށަހެޅޭނެއެވެ.

މިއަދު ހުށަހެޅިފައިވާ މައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފް ބަލައިގެންފައިނުވާ ކަމަށާއި، އަދަބު ލުއިކުރުމާއި މާފުކުރުމުގެ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން ސިޔާސީ ޕާޓީގެ ލީޑަަރޝިޕް މަޤާމެއް ނުފުރުއްވޭނެ ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުުމާ ގުޅިގެން ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެކަން ތަފްޞީލުކޮށް ބަޔާންކޮށްފައިވާނެއެވެ. އަދި އދ. ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓޭންޝަންއިން ރައީސް ނަޝީދު ޖަލަށްލުމަށް ޙުކުމް ކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ނިންމާފައިވާކަން ފާހަގަކޮށްފައެވެ.

“މިނިވަން މުވައްސަސާއެއް ކަމުގައިވާ އދ. ގެ ވަރކިން ގްރޫޕް އޮން އަރބިޓްރަރީ ޑިޓޭންޝަންއިން ރައީސް މުޙައްމަދު ނަޝީދު ޖަލަށްލާފައިވާނީ ޤާނޫނާ ޚިލާފަށް ކަމަށް ނިންމާފައިވާހިނދު، އެމަނިކުފާނަށް 2018ގެ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ގޮތަށް އޮތުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މިންގަނޑުތަކަށް ބަލާއިރު ބާޠިލް ނިންމުމެއް” ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ވަކީލް ޖެރެޑް ގެންސަރ ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :