ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ހިންގުން އެޕާޓީގެ މުޝްތަޝާރާ ޙަވާލުކުރުމަށް ސިވިލްކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ސިވިލް ކޯޓުގެ އެނިންމުން އެޕާޓީން އިސްތިއުނާފު ކުރުމަށާއި އަދި އެމައްސަލައަކީ އެޕާޓީގެ ރައީސްގެ މަސްލަޙަތު އޮތް މައްސަލައެއް ކަމަށް ވުމުން އެޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް އެމައްސަލަ އިސްތިއުނާފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންގެ ތެރެއިން، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދުގެ ގާތް ބޭފުޅަކު މެދުވެރިކޮށް ސިވިލްކޯޓުގެ ނިންމުން ވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުވާފައެވެ. މިކަން މިގޮތަށް ކުރުމުގެ ބޭނުމެއް ކަމަށް މިއޮފީހަށް ޤަބޫލުކުރެވެނީ ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފް ކުރުމުގެ ޙަޤީޤީ ފުރުޞަތު އޮތް ފަރާތް ކަމަށްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި އެޕާޓީގެ ރައީސް ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް އިސްތިއުނާފް ކުރެއްވުމުގެ ޙައްޤު އަދި ފުރުޞަތު ގެއްލުވާލުމެވެ.
ކްރިމިނަލް ކޯޓުގް ކުރީގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދަޢުވާ އުފުލައި އެކޯޓުގެ ނަންބަރު 132-Cr-C/2015 ޤަޟިއްޔާއިން ދައުލަތުން ބޭނުންވި ޙުކުމް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރިއެވެ. އެހެންކަމުން، އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފް ކުރެއްވުމުގެ ޙައްޤު އަދި ފުރުޞަތު ލިބިވަޑައިގަންނަވަން ޖެހޭ ފަރާތަކީ ރައީސް މުޙައްމަދު ނަޝީދު ކަމުގައިވިޔަސް، ރައީސް މުޙައްމަދު ނަޝީދަށް އެމައްސަލައިގެ ނިންމުން އިސްތިއުނާފް ކުރެއްވުމުގެ ފުރުޞަތު ދައުލަތުން ގެއްލުވާލައި، ދައުލަތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އަދި ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް އެކޯޓުގެ ނަންބަރު HC-IC/2015/01 ޤަޟިއްޔާއިން ބަލައި ނިންމުމުން އެނިންމުމާދޭތެރޭ ރައީސް މުޙައްމަދު ނަޝީދު ހިތްހަމަ ޖެހިވަޑައިނުގަތް ކަމުގައިވިޔަސް، އަދި އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރެއްވުމަށް އެމައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ނަމަވެސް، ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލަ އެކޯޓުން ނުބައްލަވައި، ހައިކޯޓުގެ ނިންމުމާ ގުޅޭގޮތުން އަނެއްކާވެސް ދައުލަތުން ސުޕްރީމް ކޯޓަށްވެސް މައްސަލައެއް ހުށަހަޅައި ދައުލަތުން ބޭނުންވި ނިންމުން ސުޕްރީމް ކޯޓުން ނިންމައި ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންފައިވާ އިސްތިއުނާފް ކުރުމުގެ ޙައްޤުންނާއި އިސްތިއުނާފުގެ ހުރިހާ މަރުހަލާ ތަކަކުން އެމަނިކުފާނު މަހުރޫމް ކުރިއެވެ.
މިއަދު ފެނިގެން މިދަނީ، އިސްވެ ދެންނެވި މައްސަލައިގައި ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ޢަމަލުކުރި އުޞޫލުން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ މައްޗަށްވެސް ސަރުކާރާއި ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުންދާ މަންޒަރެވެ. ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އެންމެހައި އިސްތިއުނާފީ ޙައްޤުތައް ޝަރުޢީ ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ނިގުޅައިގަންނަ މަންޒަރެވެ. ރައީސް ޢަބްދުﷲ ޔާމީން އެގެންދަވަނީ، އެމަނިކުފާނު އެހިންގަވާ ކޮރަޕްޝަނާއި، ޖިނާޢީ އެހެނިހެން ބޮޑެތި ކުށްތަކާއި ދެކޮޅަށް ބަސްބުނާ އެންމެހައި ސިޔާސީ ފަރާތްތައް ނެތިކޮށްލުމަށް މަސައްކަތް ކުރައްވަމުންނެވެ. އަދި ޚިޔާލުފާޅުކުރުމާއި، އެއްވެ އުޅުމާއި، ސުލްޙަވެރި ސިޔާސީ ޙަރަކާތް ހިންގުމާއި، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމާއީ، ޑިމްކޮރެސީގެ އަސާސްތަކާއި، އިންސާނީ ޙައްޤުތައް މިރާއްޖެއިން އެކުގައި ފޮހެލުމަށް މަސައްކަތް ކުރައްވަމުންނެވެ. މިވަގުތަކީ، ރައީސް ޔާމީންގެ އެ ޢަމަލުތަކުގެ ސަބަބުން ރައްޔިތުންގެ ތެރެއިން އިތުރު ބަޔަކު ރައީސް ޔާމީންގެ ޝިކާރައަށްވެ ބޮޑެތި އަނިޔާތަކާ ކުރިމަތިލާންޖެހުމުގެ ކުރީން، ޤައުމީ މަސްލަޙަތު އިސްކޮށް، ރައީސް ޔާމީނަށާއި ރައީސް ޔާމީންގެ ސަރުކާރަށް ނޫނެކޭ ބުނެ އެޢަމަލުތައް ހުއްޓުވުމަށް ހުރިހާ ސިޔާސީ ޕާޓީތަކާއި ރައްޔިތުން އެކުގައި މަސައްކަތްކުރަންޖެހިފައިވާ ވަގުތުކަމުގައި ދަންނަވަމެވެ.