ލަމަރުކަޒީ ނިޒާމު ބާރުވެރިކުރުމާ ގުޅޭ ގޮތުން ސިޓީ ކައުންސިލްތަކާއެކު ރައީސް މުޙައްމަދު ނަޝީދު މަޝްވަރާ ކުރައްވައިފި

ދިވެހިރާއްޖޭގައި ބޭއްވުނު 3 ވަނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ސިޓީ ކައުންސިލްތަކުގެ ކައުންސިލަރުންނާ ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމާ ގުޅޭ ގޮތުން ރައީސް މުޙައްމަދު ނަޝީދު މިއަދު މަޝްވަރާކުރައްވައިފިއެވެ.

ކޮންފަރެންސް ކޯލްގެ ޒަރީޢާއިން މާލެ، އައްޑޫ، އަދި ފުވައްމުލަކު ސިޓީ ކައުންސިލްތަކަށް އިންތިޚާބުވެވަޑާައިގެންނެވި ކައުންސިލަރުންނާ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވިއެވެ. ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާފައިވާކަން ފާހަގަ ކުރައްވަމުން އިންތިޚާބުވެވަޑައިގެންނެވި ކައުންސިލަރުން އެ ބާރުތައް އަލުން ހޯދުމަށް މަސައްކަތްކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ. އެގޮތުގެ މަތިން ކައުންސިލަރުން ކުރައްވާ މަސައްކަތްތަކަށް ސިޔާސީ ޕާޓީތަކުން ފުރިހަމަ އެއްބާރުން ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކައުންސިލަރުންނާ މަޝްވަރާކުރައްވަމުން ކައުންސިލްތައް ބާރުވެރިކުރުވުމުގައި މާލީގޮތުން ފުދުންތެރިވާންޖެހޭނެކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ރާއްޖޭގެ ރަށްތަކުގެ ވަޞީލަތްތަކުން ލިބޭ އާމްދަނީގެ ވަކި މިންވަރެއް ކައުންސިލްތަކަށް ލިބެންވާނެކަމަށާއި އެކަމަށް މަސަައްކަތްކުރެއްވުމަށް އެދިވަޑައިގަތެވެ. މިފަދަ ކަންކަމާއެކު ކައުންސިލަތް ބާރުވެރިވެ، ލާމަރުކަޒީ ނިޒާމު ވަރުގަދަވުމަށް މަގުފަހިވާނެކަމަށާއި، އެކަން ކުރުމަށް ސިޔާސީ ޕާޓީަކުން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރައްވާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫ، މާލެ އަދި ފުވައްމުލަކަކީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއްކަމަށާއި، އެތަންތަނުގެ ފުރިހަމަ އަޣްލަބިއްޔަތާއެކު ކައުންސިލް ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކައުންސިލަރުންނަށް ރައީސް ނަޝީދު މަރުޙަބާ ދަންނަވައި ކުރިއަށް އޮތް ދުވަސްތަކުގައި ހިއްވަރުގަދަ ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

What do you think?

Name (required) :

Email (required) :

Website :