އިއާދަ ކުރަނިވި ހަކަތައާއި އާ ޓެކްނޮލޮޖީގެ ސިޔާސަތުތައް ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމަނައި އެ މަގަށް ސިޔާސީ ލީޑަރުންގެ ވިސްނުމާއި އިގްތިޞާދު ބައްޓަން ކުރަންޖެހޭ – ރައީސް މުޙައްމަދު ނަޝީދު

އިއާދަކުރަނިވި ހަކަތައާއި އަލަށް ތަޢާރަފްވަމުން އަންނަ ޓެކްނޮލޮޖީގެ ސިޔާސަތުތައް ސިޔާސީ ޕާޓީޓަކުގެ މެނިފެސްޓޯގައި ހިމަނައި އެމަގަށް ސިޔާސީ ލީޑަރުންނާއި ޕާޓީޓަކާއި އިޤްތިޞާދު ބައްޓަން ކުރުމުން ރައްޔިތުންނަށް ބޭނުންވާ ތަރައްޤީ ލިބިދެވޭނެ ކަމުގައި ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި ހޯމަ ދުވަހު ވާހަކަފުޅު ދައްކަވަމުންނެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށާއި އިޤްތިޞާދީ ޙަރަކާތްތަކަށް ބޮޑެތި ބަދަލު ގެންނަން ޖެހިފައިވާ ކަމަށާއި އާ ޓެކެނޮލޮޖީ ބަލައިގަނެ އެފަދަ ވަޞީލަތްތަކުގެ މައްޗަށް އިޤްތިޞާދު ބިނާކުރަން ޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއާދަކުރަނިވި ހަކަތައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ޤައުމުތަކުގެ ވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮެންޖެހުމަކީ ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއެކު މުސްތަޤްބަލް ބިނާ ކުރެވޭނެ ގޮތްތަށް ހޯދުން ކަމުގައެވެ. އަދި މޫސުމަށް އަންނަ ބަދަލުތައް ޙައްލުކުރުމަށް އެދޭ ހިނދު، ‘އެކްސްޓްރީމިސްޓް’ ސިޔާސީ އަދި އިޤްތިޞާދީ ވިސްނުމުގެ ތެރެއިން އެކަން ނުވާނެ ކަމަށާއި، ސިޔާސީ ވިސްނުމާއި، އިޤްތިޞާދީ އަދި ތިމާވެށީގެ ސިޔާސަތުތައް އިސްލާޙް ކުރަން ޖެހިފައިވާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މި މޭރުމުން ވާަހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިޤްތިޞާދީ ދުވެލި އިތުރުކުރުމަށް “ލޯ ކާބަން” ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމުގައެވެ. ލޯ ކާބަން ސިޔާސަތުތަކުގެ ސަބަބުން ވަޒީފާގެ ފުރުޞަތު އިތުރުވާނެ ކަމަށާއި މިއީ ސިޔާސީ ގޮތުން ބަލާއިރުވެސް ފައިދާވާނެ ވިސްނުމެއް ކަމުގައެވެ.

ދިވެހިރާއްޖެއަކީ ކާބަން ނިއުޓްރަލް ޤާއުމަކަށް ހެދުމަށް އެމްޑީޕީ ސަރުކާރުގައި ނިންމެވުމުން އެއީ ނުވާނެ ކަމެއް ކަމުގައި އެތައް ބަޔަކު ދެކުނު ކަމަށާއި 8 އަހަރު ފަހުން މިއަދު މި ހާމަވަނީ އިއާދަކުރަނިވި ހަކަތައިން އަގު ހެޔޮކޮށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމެވެ. ސޯލާ، ބެޓަރީ، ހައިބްރިޑް ސިސްޓަމްތަކުން މިއަދު ހެޔޮ އަގުގައި ދިވެހިރާއްޖެއަށޤ ކަރަންޓު ފޯރުކޮށްދެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އިއާދަ ކުރަނިވި ހަކަތައިގެ ސަބަބުން ހެޔޮއަގުގައި ކަރަންޓު ފޯރުކޮށްދެވުމާއި ވަޒީފާގެ ފުރުޞަތު އިތުރުވުމަކީ ސިޔާސީ ލީޑަރުންގެ މަޤްބޫލުކަން އިތުރުވެގެންދާނެކަމެއް ކަމުގައެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމުގައި އިޤްތިޞާދުގެ ވާހަކަ ހިމެނެންޖެހޭނެ ކަމަށާއި، މިއީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިމައްސަ ހައްލުކުރުމަށް އެދެންވީ ހަމައެކަނި ސިޔާސީ ލީޑަރުން ގާތުގައި ނޫންކަމަށާއި، އާންމު ރައްޔިތުން މި ވާހަކަތަކުގައި ޝާމިލްވެ، ސިޔާސީ ޕާޓީތައް ވެރިކަމަށް އިންތިޚާބުވުމުގެ ކުރިން އެ ޕާޓީތަކުގެ މެނިފެސްޓޯގައި އިއާދަކުރަނިވި ހަކަތައާއި، އާ ޓެކްނޮލޮޖީގެ ސިޔާސަތުތައް ހިމެނެން ޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގްލޯބަލް ސޯލާ ފައިނޭންސް އެންޑް އިންވެސްޓްމަންޓް ސަމިޓުގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން އާ ޓެކްނޮލޮޖީއާއި، ކަރަންޓު ކާރުތަކާއި، އިއާދަކުރަނިވި ހަކަތައިގެ ވިސްނުން ސިޔާސީ ފަރާތްތަކުން ބަލައިގަތުމަށާއި ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ހިމެނުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ. އަދި ސިޔާސަތުތައް ބައްޓަން ކުރުމުގައި ވަޒީފާގެ ފުރުޞަތު އިތުރުވެ، އާންމު ޙާލަތު ތަަަނަވަަސްވެ، މޫސުމީ ބަދަލުތައް ޙައްލުކުރުމަށް އިސްކަންދިނުމުން ފާގަތިކަން ލިބޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :