ވަގުތީ ސަރުކާރެއްގެ ހަމަތަކާއި ބަރުލަމާނީ ނިޒާމުގެ ސަރުކާރެއް ޤާއިމުކުރުމަށް ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފި

ހިނގަމުން މިއަންނަ 2018 ވަނަ އަހަރު ބޭއްވޭ ރިޔާސީ އިންތިޚާބު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކާމިޔާބުުކުރުމަށްފަހު 6 އަހަރުގެ މުއްދަތަށް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވައި، ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް މުޙައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ”ޖަޒީރާ ރައީސް“ އެމްޑީޕީ ޕްރައިމެރީ ކެމްޕޭން އައްޑޫ ސިޓީގައި ލޯންޗްކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްވަކަމުން އެމަނިކުފާނު ވިދާޅުވީ ޤައުމީ އެއްބައިވަންތަ ސަރުކާރެއްގެ ފުރަތަމަ ދޮޅު އަހަރުގެ ތެރޭ ”ދިވެހިންގެ ތެރެއިން ގެއްލުމާއި ހިތާމައާއި އަނިޔާ ލިބިލިބިތިބި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭންޖެހޭ“ ކަމުގައެވެ. އަދި މި ދޮޅު އަހަރުތެރޭ ”ހިތްހަލާސްކަން ހޯދައިދޭނެ އަދާލަތު“، ނުވަތަ، ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތާއި، ޝަރުއީދާއިރާ އިސްލާޙްކުރުމާއި، ކޯޓުތަކަށާއި މުސްތަޤިއްލު މުޢައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމާއި، ސަލާމަތީ ޚިދުމަތްތައް ހަރުދަނާކުރަންޖެހޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއްގައި ކުރާނެ މައްސައްކަތްތައް ހުށަހެޅުއްވުމުގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ”ދިވެހިރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ވެރިކަމުގެ ނިޒާމު ބަދަލުކުރާން ޖެހޭ“ ކަމުގައެވެ. މިހާރު ދިވެހިރާއްޖޭގައި މިހިނގާ ރިޔާސީ ނިޒާމުގައި ރައީސުލްޖުމްހޫރިއްޔާގެ ބާރު ގަދަވެ، ”ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑު ކުރެވޭ ކަމީ ފެންނާން އޮތް ޙަޤީޤަތެއް“ ކަމަށާއި ބަރުލަމާނީ ނިޒާމެއް ޤާއިމުކުރުމަށް ތާޢީދުކުރައްވުމަށް ރައީސް ނަޝީދު އެދިވަޑައިގަތެެވެ.

ހިތަދޫ އެމްޑީޕީ ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ހުށަހެޅުއްވީ، މިއަހަރު އިންތިޚާބުކުރައްވާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރައްވައި އެންމެ ފުރަތަމަ ކުރެއްވުމަށް ހުށަހަޅުއްވަނީ ހިނގަމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު 1 އަހަރުދުވަހުގެ މުއްދަތައް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމެވެ. މި މުއްދަތުގައި ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގުމަށާއި، ޝަރުޢީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނޭ ބަދަލުތައް ގެނައުމަށާއި، ޖިނާއި އަދުލުގެ ނިޒާމާއި ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކުރުމަށާއި، މުސްތަގިއްލު މުއައްސަސާތަކުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރުމަށް ބޭނުންވާނެ ގާނޫނީ އިސްލާހުތައް ގެނައުމުގެ އިތުރުން، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އިސްލާހު ހުށަހެޅުމަށް ރައީސް ނަޝީދު ހުށަހެޅުއްވިއެވެ.

What do you think?

Name (required) :

Email (required) :

Website :