ހާސްކަމެއް ނެތި ތަނަވަސް ދިރިއުޅުމަކަށް މަގުފަހިކޮށްދޭނޭ ރަށްވެރި ކަމުގެ ހަމަތަކެއް ވޭ.
ރާއްޖެ އެއެއްޗެއްގެ މަތީގައި އުފެދިފައިވާ އާނުގަނޑުގެ މުޅި ތަބީޢީ ސިފައަކީ ޖަޒީރާ ވަންތަކަން. ކޮންމެ ޖަޒީރާ ރަށަކަށާއި އަތޮޅަކަށް އަޅުގަޑުމެން ދެކޭ ނަލަމަންޒަރަކީ ދިވެހީންނާއި ދިވެހި މާހައުލު ލާމެހިފައިވާ މަންޒަރެއް. ޖަޒީރާވަންތަ މަންޒަރެއް.
ޖަޒީރާ ދިރިއުޅުން ފޯރުކޮށްދޭ ރަށްވެރިކަމުގެ ތަސައްވަރަކީ، ކޮންމެ ރަށެއްގެ، ވަށައިގެންވާ ގުދުރަތީ ވަސީލަތްތައް އެރަށަކަށްލިބޭ، އަދި ކޮންމެ އަތޮޅެއްގެ ދުނި ތެރޭގައި ހިމެނޭ ވަސީލަތްތައް އެ އަތޮޅަކަށް ލިބޭ، ލާމަރުކަޒީ ރާއްޖެއެއް.
މި ޕްރައިމަރީގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ ފަހުރު ވެރި މެނަބަރުން ނަށް އަޅުގަޑު ހުށަހަޅާނަން.
އާބާދީ މަރުކަޒުކުރެވި، މާލެ ތޮއްޖެހުން ކުޑަކުރުމަށްޓަކައި، ރާއްޖޭގެ އުތުރާއި ދެކުނާއި، އަދި މެދުރާއްޖެތެރޭގައި އެކަށީގެންވާ މުއްދަތަކަށް ޑިއުޓީ އާއި ޓެކްސްތައް މާފުކުރެވިފައިވާ އިގްތިސާދީ މަރުކަޒްތަކެއް، މީހުންދިރިއުޅޭ ރަށްރަށުގައި ގާއިމްކުރުމަށް. މިބަދަލާއެކު މިމަރުކަޒުތަކުގައި ވިޔަފާރީގެ ފުރުސަތުތަކާއި އިގްތިސާދީ ހަރަކާތްތައް މާލެއަށްވުރެ ލުއިފަސޭހަ ކުރެވި، މާލޭގެ އާބާދީ މާލޭގެ ޖާގައަށް އެކަށީގެންވާ މިންވަރަށް ބަދަލު ވާނެ.
ދިވެހި ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީ، ގަރުބަގަތީއްސުރެ ނެތިދިއުމަށްދާންދެން އިޖުތިމާއީ ރައްކާތެރި ނިޒާމުގެ ހިޔާ ދަށުގައި ދެމިހުންނާންޖެހޭ މީހެއް. ޖަޒީރާ ރާއްޖޭގައި ދިވެހީންނަށް އަޅާލައި، ހާލުބަލައި، ފަރުވާ ހޯދައިދޭނެ. ދުނިޔެއަށް އުފަންވުމުގެ ކުރީއްސުރެ ދައުލަތުން އެހީތެރިވާނެ. އޭނާގެ ހަޔާތްފެށި ޅަފަތުގެ ނާޒުކު އުމުރުފުރައިންގޮސް ފުރާވަރަށް އަޅައި، ބޮޑުވެ ތަޞައްރަފުފުދި ދިރިއުޅުމެއް ފަށައި، ދުވަސްވެ މުސްކުޅިވެ މަރުދުވަހަށް ދާންދެން އޭނާގެ ހާލުއަހުވާލު ބަލާންޖެހޭ. އެއްވެސް ފުރައެއްގެ، އެއްވެސް ޖިންސެއްގެ، އެއްވެސް މިޒާޖެއްގެ އެއްވެސް މީހަކު އެކަހެރިވެ ބާކީނުވާނޭހެން، އޯގާތެރިކަމުގައި ބެލެހެއްޓޭނޭ ހިޔާވަހިތައް ޤާއިމްކުރެވެންޖެހޭ. ރާއްޖެއަކީ ފެތުރިފައިވާ ބައިވަރު ޖަޒީރާރައްތަކެއްގެ މައްޗަށް އެކުލެވިފައިވާ ޖަޒީރާ ގައުމެއްކަން ދެނެތިބެ، އެއްވެސް ރަށެއްގެ އެއްވެސް މީހަކު ތަފާތުނުވާނޭހެން އެންމެނަށް އަހައްމިއްޔަތުކަންދީގެން ލޯތްބާއި ކުލުނުވެރިކަމުން އުފެދޭ އުފާވެރި މުޖްތަމަައެއް އުފެއްދާންޖެހޭ.
ކުޑަކުޑަ އޮށެއްގެ ސިއްރުން ވަޅުޖެހުނު ބިންމަތީގައި
ކުޑަކުޑަ ގަހެއް ފަޅުއްވާ ބިޔަވުން އިތުރުކުރެއްވީ
ދިވެހީންގެ ތިޔާގިކަމާއި މުޅި އާމްދަނީ އެއެއްޗެއްގައި ހިފެހެއްޓިފައިވާ ފައްތިޔާއަކީ ތިމާވެށި. ކަނޑާއި ފަރާއި ވިލުތަކާއި ގިރިތައް. ފަޅުން އެއްގަމަށް އަރައިގެން އައިސް ޖެހޭ ތުނޑިއާއި ހޭޅިފައް. އަދި ރުއްގަހާއި ގޮއިފާ ލައްބަތަކުން އެކުލެވިގެންވާ ބިން. ކުޅިއާއި ޗަސްބިންފަދަ ހާއްސަ ސިފަތައް އެކުލެވޭ ތަންތަން. އަދި އެންމެހާ ތަންތަނުގައި ދިރިއުޅޭ އެންމެހާ ދިރުންތައް.
ދިވެހީންގެ މުޅި އިގްތިސާދަކީ ވަށައިގެންވާ ގުދުރަތީ މުއްސަދި މާހައުލު. 2018 ވަނަ އަހަރުގެ ރިޔާސީއިންތިހާބަށް ހުށަހަޅަން އަޅުގަޑު ތިޔަބޭފުޅުނުންނަށް ހުށަހަޅާ ޖަޒީރާރާއްޖެ މެނިފެސްޓޯގެ އިގްތިސާދީ މުޅި ނަޒަރިއްޔާއަކީ ވަށާޖެހޭ ނޫ އިގްތިސާދެއްގެ ސިޔާސަތުތައް. ތިމާވެއްޓާ ލާމެހިފައިވާ ސިޔާސަތުތަކެއް. ތިމާވެށި ދިރުވައި ރައްކާތެރިކުރުމަކީ ދިވެހީންގެ އިގްތިސާދު ދުޅަހެޔޮ ގޮތެއްގައި ކުރިއަރުވަންބޭނުންނަމަ ކޮންމެހެން އަދާކުރަންޖެހޭ ވަޒީފާއެއް. އެއީ ކޮންމެ ރަށެއް ތަރައްގީކުރުމަށްޓަކައި އަބަދު ހިންގާންޖެހޭ ބޮޑު މަޝްރޫއެއް.
ނޫ އިގްތިސާދުގެ ސިޔާސަތަކީ، ލޯ ކާބަން ޑިވެލޮޕްމަންޓް ސްޓްރެޓަޖީއެއް. މި ސްޓްރެޓަޖީ ބިނާވެފައިވަނީ ދުމާއި ގެދަބުޅިއާނުލައި ތަރައްގީ ހިންގޭނެ އުސޫލުތަކަށް. މި ސްޓްރެޓަޖީ އަކީ ވަށައިޖެހޭ، މާހައުލުން ނެގޭ މައުދަން މަދުކޮށް، މިހާރު ނެގިފައިހުރި އެއްޗެއް ގިނައިން ބޭނުންކުރެވޭ އިގްތިސާދެއް. ގަސްތައް ކަނޑައި، ކުޅިތައް ހިއްކައި، ފަނާކުރުވަނިވި “ތަރައްގީ” އާއި މުޅީން ދުރަށްގޮސް، އޮޔާ ވަޔާ އިދިކޮޅަށް ނުފަތައި، ގުދުރަތާއި އެއްކީއްޔަށް ކަނޑުތަކާއި ފަރުތަކާއި އުދަރެހާއި އެއްކުލައިން ފަރުމާކުރެވޭ ނޫ އިގްތިސާދެއް.
ނޫ އިގްތިސާދުގެ ބޭނުމަކީ ކޮންމެ ގެއެއްގެ އާމްދަނީ މައްޗަށް ޖެއްސުން. ތަރައްގީގެ ނާރެހަކީ މާދުރުގައި އޮންނަ ބޮޑު ސެޒެއްގެ ބަދަލުގައި، ދިރިއުޅޭ ގޯތިތެރޭގައި ހިންގޭ ހަރަކާތަކަށް ހަދަންޖެހޭ.
ތިމާވެށްޓަކީ ތިމާއަށް އޭގެން މަންފާއާއި މާލީ ފައިދާވާ އިގްތިސާދީ ކަމެއް. ގޯތިތެރޭގައިވާ ގަސްތަކާއި، ފުރަގަހުން އޮންނަ ވަލާއި، އެރި މަސްބާނާ ފަޅާއި، އުރަފަށާއި، އަދި އެއްގަމުގައި އޮންނަ
ކުޅިއާއި ޗަސްބިމުން އެކުލެވޭ ސަރަހައްދަކީ އޭގެ ޒާތުގައި ގުދުރަތީ އުމްރާނީ ނިޒާމު.
މި އިގްތިސާދުގައި ރައްޔިތުންގެ ޖީބަށް ވަންނަ އަދަދު އިތުރުކުރެވި ތަކެތީގެ އަގު އަތްފޯރާ ފަށަށް ތިރިކުރެވޭނެ. ކުރާ ވިޔަފާރީގެ ފައިދާ އިތުރުކުރެވޭނެ. މީސްކޮޅު މަދު ރާއްޖޭގެ ކޮންމެ މީހާކު އުފައްދާ މިންވަރު މަތިކުރެވޭނެ އާ ގޮތްތައް ހޯދާދޭނެ. ސަރުކާރުގެ ވިޔަފާރި ކުޑަކޮށް، ސަރުކާރު ހިންގާ ކުންފުނިތަކުގެ އިސްރާފު މަދުކޮށް، އާއްމު ވިޔަފާރިތައް ކުރިއެރުވޭނޭ އާ ގޮތްތައް ތައާރަފުކުރެވޭނެ. ކަރަންޓާ ފެނާއި، ނަރުދަމާގެ ހިދުމަތް ދިނުން ސަރަހައްދީ ކުންފުނިތަކަށް ބަދަލުކުރެވޭނެ. ބުރަ މަސައްކަތްކުރާ އަގުދަށް ލޭބަރުންގެ ވަޒީފާ ފުނިވަރެއް އުފެއްދުމުގެ ބަދަލުގައި ކޮންމެ ދިވެހި މަސައްކަތްތެރިއެއް ކުރާމަސައްކަތަށް ހަމަ އަގު ހޯދައިދެވޭނެ. އެއް ވަޒީފާ އަދާކޮށްގެން ލިބޭ އުޖޫރައިން ހާސްކަމެއްނެތި ތާހިރު ޖަޒީރާ ދިރިއުޅުމެއް އުޅެވޭނޭކަން ކަށަވަރުކޮށްދެވޭނެ.
ރާއްޖޭގައި ބާނާ މަހުގެ ހަމަ އަގުލިބޭނޭ ނިޒާމެއް ގާއިމުކުރެވޭނެ. އަތޮޅުތަކުންނާއި ރާއްޖޭ ކަނޑުތަކުންނާއި އަސްދަނޑީގެ ބޭރުން ބާނާ މަސް، އެ މަސް ބާނާ ދޯނި ފަހަރުގައި ގޮސް، ސީދާ ބޭރުގެ (ސިލޯނުފަދަ) މާކެޓްތަކަށް ވިއްކޭނޭ ނިޒާމެއް ގާއިމުކުރެވޭންޖެހޭ.
މީގެ އިތުރުން، ކުދި މަސްޕްލާންޓްތަށް ރަށްރަށުގައި ހެދޭނެ ފަދަ މެކޭނިޒަމްއެއް އުފައްދާ، ކައުންސިލް ތަކާއެކު ހެދޭ ކުންފުނިތަކަކުން މަސްބޭރު ކުރެވޭނޭ އިންތިޒާމްތައް ހަމަޖައްސައި ދެވޭނެ.
2009 ވަނަ އަހަރު، ގެސްޓްހައުސް ވިޔަފާރި ތައާރަފްކުރެވިގެންދިއުމުން، ފަތުރުވެރިކަމުގެ ސިނާޢަތުން ލިބޭ ފައިދާ، ސީދާ ރަށަށް، ލިބިގެންގެންދާކަމީ ފެންނާންއޮތް ހަޤީޤަތެއް. ގެސްޓްހައުސް ވިޔަފާރި އިތުރަށް ފުޅާކޮށް ކުރިއަރުވާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، ގެސްޓްހައުސްގެ އިތުރުން، ޖަޒީރާ ހޮޓަލާއި، ބުޓީކް ހޮޓަލާއި ހޯމްސްޓޭ ތަޢާރަފްކުރެވިގެންދާނެ. ޖަޒީރާ ޓޫރިޒަމް ތަޢާރަފް ކުރެވޭނެ.
ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާކިޔުމާ، ފަތުރުވެރިންނަށް ބޭނުންވާ ހުރިހާ ޚިދުމަތްތަށް ފޯރުކޮށްދިނުމުގެ ޕްލޭންތައް ހެދުމާއި، ރަށުގައި ފަތުރުވެރިކަމާ ގުޅޭ ކަންކަން ބެލެހެއްޓުމާ، ރަށުން ލިބެންހުންނަ ހުރިހާ ޚިދުމަތެއް އެކުލެވޭ ރަށު ވެބްސައިޓް ބަލެހެއްޓުމާ، ރަށު ކައުންސިލް އިދާރާއަކީ، ރަށުގެ ފްރަންޓް އޮފީސް، ކަމުގައިވެސް ވާން ޖެހޭ.
ބޯޑިން މަދަރުސާ އަދި ސަރަހައްދީ ދަނާލުތައް އުފައްދާ ކުރިއެރުވޭނެ. ޖަޒީރާ މަދަރުސާ ގާއިމްކުރެވި މަލްޓިގްރޭޑް ކްލާސްރޫމްފަދަ ކުދި އާބާދީތަކަށް ރަގަޅު ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ އުކުޅުތައް ތައާރަފުކުރެވޭންޖެހޭ. ކޮންމެތާކު ހުއްޓަސް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް ހުޅުވިގެންދާންޖެހޭ.
ވެކްސިން ޖެހުން، ފޫޅުމާ ހިދުމަތް، ވިހާފަރުވާ، އަދި ވެލްފެއަރ ދަފްތަރު (އެކަނިވެރިމައިން، ދޮށީއުމުރުގެ މީހުން، ހާއްސަ އެހީއަށް ބޭނުންވާމީހުން) ގެ މަސައްކަތްތައް ކައުންސިލްތަކުގެ ދަށަށް ގެނެވޭނެ.
ދިވެހީން އެދެނީ ތަރައްޤީވެ ކުރިއެރުމަށް. އަނިޔާއެއް، އިހާނެތިކަމެއް، ގޯނާއެއް ނެތް އުފާވެރި ދިރިއުޅުމަކަށް. އާއިލާއާއި ރަހުމަތްތެރީންނާއެކު އުޅެވޭނޭ އަމާން ރާއްޖެއަކަށް. ކޮންމެ ރައްޔިތެއްގެ ފަރުދީ މިނިވަންކަން ކަށަވަރުވުމަށް. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ލިބިދޭންޖެހޭ އެންމެހައި ޙައްޤުތައް، އެއްވެސް އިސްތިސްނާއެއް ނެތި، މުޠުލަޤަށް ލިބިދިނުމަށް. އަދި ކޮންމެ ރައްޔިތަކަށް ލިބިދޭންޖެހޭ ޢިނާޔަތާއި ޙިމާޔަތް ތަފާތުކުރުމެއް ނެތި ލިބެމުންދާނޭ ކަމުގެ ޔަގީންކަމަށް.
ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހީން ޚިޔާރުކުރީ ޢަދާވާތްތެރި ސިޔާސީ ނިޒާމެއް ދުށުމުގެ ނިޔަތަކު ނޫން. ތިންބާރު ވަކިކުރެވިފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކަށް ދިވެހީން ބޭނުންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ގަދަވެގަނެގެން ހިންގާ ވެރިކަމެއް ބޭނުންނުވާތީ. އާޤާނޫނު އަސާސީގެ ދަށުން ޖުމްލަ 7 އިންތިޚާބު ބޭއްވިފައިވާއިރު، އެހުރިހާ އިންތިޚާބެއްގައި ރައްޔިތުން ވޯޓުދީފައިވާ ގޮތުގެ ޖުމްލަ ނަތީޖާއަށް ރިޢާޔަތްކޮށް ގާނޫނު އަސާސީއަށް ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ގެނާންޖެހޭ.
ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމް ކުރާން ޖެހޭ. މި ސަރުކާރަކީ އެ ސަރުކާރުގެ މުއްދަތުގެ ތެރޭގައި ވަގުތީ ސަރުކާރެއް ހިންގާނެ އިންތިޒާމްތަކަކާއި އެކު ގާއިމްކުރެވޭ ސަރުކާރަކަށް ވާން ޖެހޭ. މި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ މުއްދަތަކީ 6 އަހަރު. މި ހައަހަރުގެ ފުރުތަމަ ދޮޅުއަހަރު ދިވެހީންގެ ތެރެއިން ގެއްލުމާއި، ހިތާމައާއި އަނިޔާ ލބިބިތިބި މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭންޖެހޭ. ބަދަލުވުމަށް ބޭނުންވާ ހިތްހަލާސް ކަން ހޯދައިދޭނެ އަދާލަތު، ނުވަތަ، ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގާ، ފަނޑިޔާރުގެތައްކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނޭ ބަދަލުތައް ގެނެސް، ޖިނާއި އަދުލުގެ ނިޒާމާއި ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކޮށް، މުސްތަގިއްލު މުއައްސަސާތަކުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރާންޖެހޭ. ދިވެހި ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ހޯދުމަށް ވެރިކަމުގެ ނިޒާމް ބަދަލުކުރާން ޖެހޭ. ދިވެހި ރާއްޖެ އާއި މި ރިޔާސީ ނިޒާމާ، ނުގުޅޭކަން އަޅުގަޑުމެނަށް ކަށަވަރު ވެއްޖެ. ބާރުގަދަ ރައީސުލް ޖުމްހޫރިއްޔާއަށް ވެރިކަމުގެ މުޅި ނިޒާމް ގަޑުބަޑު ކުރެވޭ ކަމީ ފެންނާން އޮތް ހަޤީގަތެއް. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ތާއިދު ކުރުމަށް އެންމެ ބޭފުޅުންގެ ކިބައިން އަޅުގަޑު އެދެން.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާ ގުޅިފައިވާ ޕާޓީ ތަކުގެ ކެންޑިޑޭޓު ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާކުރުއްވާނީ މިއަދު އަމަލުކުރަމުންދާ ގާނޫން އަސާސީގައިވާ ގޮތުގެ މަތިން. ހުވާކުރައްވާ ގައުމީ އެއްބައިވަންތަކަމުގެ ރައީސުލް ޖުމްހޫރިއްޔާގެ ފުރަތަމަ މަސައްކަތަކީ، ހިނގަމުންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އިތުރު 1 އަހަރުދުވަހުގެ މުއްދަތައް އިތުރުކުރުމަށް މަޖިލީހަށް ހުށަހެޅުން. އިތުރުކުރެވުނު އެ އަހަރުގައި ދިވެހިރާއްޖޭގައި ޓްރާންސިޝަނަލް ޖަސްޓިސްގެ މަސައްކަތް ހިންގުމަށާއި، ފަނޑިޔާރުގެތަކަށް ރައްޔިތުންގެ އިތުބާރު ލިއްބައިދޭނޭ ބަދަލުތައް ގެނައުމަށާއި، ޖިނާއި އަދުލުގެ ނިޒާމާއި ފުލުހުން އަދި ސިފައިންގެ މުއައްސަސާ ހަރުދަނާކުރުމަށާއި، މުސްތަގިއްލު މުއައްސަސާތަކުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހިފޭނޭ ހަމަތަކަކަށް އެ މުއައްސަސާތައް ބަދަލުކުރުމަށް ބޭނުންވާނެ ގާނޫނީ އިސްލާހުތައް ގެނައުމުގެ އިތުރުން، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ އިސްލާހު ހުށަހެޅުމަށް އަޅުގަޑު ހުށަހަޅަން.
އެމް.ޑީ.ޕީ އަކީ ރާއްޖޭގައި އޮތް އެންމެ މެންބަރުން ގިނަ އަދި ތާއިދު ބޮޑު ޕާޓީ. މި ޕާޓީގެ މެންބަރުން އެދޭ ކެންޑިޑޭޓަކަށް، މިރާއްޖޭގެ ރިޔާސީ އިންތިހާބުގައި ބައިވެރި ނުވެވޭން ވީ އެއްވެސް ސަބަބެއް ނެތް.
ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ މި ހާތަނަށް، މި ރާއްޖެ ދެކޭނެ އެންމެ މުހިންމު ނިންމުން ނިންމާނެ ރިޔާސީ އިންތިހާބު.
ސަބަބު ތައް ތަފާތު ވެފައި ގިނަ ގުނަ.
ތަކެތީގެ އަގު ދަނީ އުފުލެމުން. އަންމުދަނީ މަދުވެއްޖެ. ޖީބައް އެއްގޮތަކަށްވެސް ނުތަކާވަރު ވެއްޖެ. ގޭގެ ކުލި ދެއްކެނީ ކިރިޔާ. ބާނާ މަސްކޮޅުގެ އަގު ދައްވެއްޖެ. ޓޫރިސްޓުން އައުން މަދުވެއްޖެ. ދިވެހި ރާއްޖޭގެ އިޤްތިސޯދު މާބޮޑު ތަނުން މަޑުޖެހިއްޖެ.
ވެރިންކުރާ ވައްކަމާއި ހިންގާފަސާދަ އިންތިހާއަށް އިތުރުވެއްޖެ. ހަގުރާމަ ވެރި ޖަމާތްތަކާއި ދިވެހިން ގުޅެން ފަށައިފި. ދިވެހި ޒުވާން ޖިންސުންލަތިފުން، ހަގުރާމަވެރިންގެ ޖާރިއާއިންގެ ގޮތުގައި ވިއްކަން ފަށަފި. ރައްޖޭގެ ލާމަރުކަޒީ ނިޒާމު ހަލާކު ކޮށްފި. ރައްރަށާއި ސިޓީ ތަކުގެ ހިންގުމުގެ ތެރެއަށް ސަރުކާރުން އަތްބާނާ، އެތަންތަންތަނުގެ ހިންގުން ހުއްޓޫމަކަށް ގެނެސްފި.
ރާއްޖެ އިންތިހާއަށް ދަރަނި ވެރިވެއްޖެ.
ޒަމާނުއްސުރެން ރާއްޖެއިން މިއަންނަނީ ތަރައްގީގެ މަޝްރޫޢު ތަކަށް ލޯނު ނަގަމުން. އެއީ އިންޓްރަސްޓް ކުޑަ އަދި ދިގު މުއްދަތުގައި އަންބުރާ ދައްކާ ގޮތައް، އަދި ވަކިން ޙާއްސަ ކޮށް ކުރާ މަސައްކަތުގެ ފުރިހަމަ އަގާއި، ކުރެވޭނޭ ބޭނުން އިގިގެން ނެގޭ ލޯނު.
މި ހަމަ އަޅުގަޑުމެން ދޫކޮށްލައިފި.
މިއަދު ގިނަ ލޯނު މިނަގަނީ ޗައިނާގެ އެގްޒިމް ބޭންކުން. އެލޯނު ދެނީ ޗައިނާ ކުންފުނި ތަކަށް، އެމީހުން އައިސް ރާއްޖޭގައި މަސައްކަތް ކުރުމަށް. ދިވެހިންގެ ޕުރޮޖެކްޓްތަކަށް ފައިސާ ހޯދާދީ އަދި މަސައްކަތް ކޮށްދޭ ޗައިނާ ކުންފުނި ތަކުގެ މި ލޯނު ތަކަށް، ގަރަންޓީ ދެނީ ދިވެހި ސަރުކާރުން.
ކަން ހިގާއިރު، ކުރާ މަސައްކަތުގެ އަގު އޮންނީ އިންތިހާ އަށް ބޮޑުކޮށްފައި. ހިގާނެ ހަރަދަށް ވުރެން މާބޮޑު ތަނުން ބޮޑު ކޮށްފައި. ލޯނު ނަގަނީ ބޮޑު ކުރި އަދަދަށް. ނަތީޖާ އެއްގެ ގޮތުން، ފައިސާ އަންބުރާދެއްކުމަށް އުފެއްދި ވިޔަފާރިއަކުން އެލޯނެއް ނުދެއްކޭ. އެހާލަތުގައި ފައިސާދިން މީހުން ދެންބުނާނީ ބިންހިމެނޭ ހިއްސާ ދިނުމަށް. އަޅުގަޑު މެންނަށް ދޫކޮށްލުމަށް މަޖުބުރޫ މިވަނީ އަޅުގަޑުމެންގެ އިސްތިޤްލާލު އެކަންޏެއް ނޫން. އިންޑިޔާކަނޑުގެ ހަމަޖެހުންވެސްމެ. ޗައިނާގެ ބާރު ފޯރާ ބިން ރާއްޖޭގައި އޮވެއްޖެ ނަމަ، އެކަމުގައި އިންޑިޔާ ނުހަނު ނުތަނަވަސްވޭ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރި ވުމަށް އަޅުގަޑު ނިޔަތްގަނެ މި ނުކުތީ އެ އިންތިހާބު ގައި ބައިވެރި ވެ އަދި އެންތިހާބު ކާމިޔާބު ކުރުމުގެ ނިޔަތުގައި. ގުޅިފައިވާ ޕާޓީ ތަކުގެ ވެރިކަމެއް އުފައްދާ، އެވެރިކަމުގެ ދަށުން ރާއްޖެ ހިންގާ، ރާއްޖެ އިސްލާހު ކުރުމުގެ މަސައްކަތުގައި ބައިވެރި ވުމަށް.
އަޅުގަޑަށް ފެންނަ ފެނުމުގައި، ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސް ކޮޅުގައި އަޅުގަޑު ގެ ނަން ބޭއްވުމާއި ގުޅޭ އެންމެ ފަހު ބަސް ބުނާނީ ތިޔަ ބޭފުޅުން. ރާއްޖޭގެ ރައްޔިތުން. ތިޔަބޭފުޅުންގެ އަޒުމާއި ހިއްވަރާއި އެކު ކުރައްވާ މަސައްކަތުގައި އަޅުގަޑު އަބަދުވެސް ބައިވެރިވެ ހުންނާނެ ކަމުގެ ޔަޤީންކަން ތިޔަ އެންމެ ބޭފުޅުންނަށް އަރުވަން. އަޅުގަޑު މެންދާނީ ކުރިއަށް. އަޅުގަޑުމެން ދާނީ އިތުރު، ހިއްވަރާއި އެކު ކުރިއަށް އަދި މާބާރަށް ކުރިއަށް.