ހައިކޯޓުގެ މައްސަލައާ ގުޅޭ ނޫސް ބަޔާން

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ޕްރޮސެކިޔުޓަރ ޖެނެރަލް ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅޭގޮތުން ހުޅުމާލެ ކޯޓުން އިޖުރާއީ ކަންކަން ރަނގަޅު ނޫން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ. މިކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ބައްލަވަމުން ދަނިކޮށް، މިމައްސަލައިގައި ހިމެނޭ އެއް ނުގުތާއާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބައްލަވާ މިނުގުތާއާއި ގުޅޭ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ނިންމުމެއް ނިންމަވާފައެވެ.

“ސުޕްރީމް ކޯޓުގެ އެ ނިންމެވުމަކީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ ނުގުތާތަކާ ގުޅުން ހުރި ނިންމެވުމެއް. އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރީޢަތް ކުރެވެމުންދާ އިސްތިއުނާފުގެ މައްސަލައިގައި އެ އެންމެހައި ނުކުތާތަކަށް އެކޯޓުން ޙުކުމެއް ކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާ ބައެއް ކަންކަމާ ގުޅޭގޮތުން ހައިކޯޓުގެ ޝަރީޢަތުގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން ދައްކަން ޖެހޭ ވާހަކަ ހުރުމުން އެކަން ކުރުމަށް ފުރުޞަތައް އެދި ވާނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށައަޅާފަ” ރައީސް ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛާ ޙިސާން ޙުސައިން ވިދާޅުވިއެވެ.

“ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ޚަޞްމެއްގެ ފަރާތުން ވާހަކަދެއްކުމުގެ ފުރުޞަތަކަށް އެދިއްޖެނަމަ އެފުރުޞަތު ނުދީ މައްސަލަ ނިންމުމަކީ ޢަދުލު އިންސާފުގެ ހަމަތަކާ ޚިލާފު ކަމެއް” ރައީސް ނަޝީދުގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލިހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވިއެވެ.

“ޝަރީޢަތުގައި ބެލެމުންދާ މައްސަލައެއްގެ އެއް ޚަޞްމަކީ ރައީސް ނަޝީދު ކަމުގައި ވިޔަސް ޝަރުޢީ ނިޒާމުގެ ތެރެއިން ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދެއްކުމަށް ފުރުޞަތު ލިބިގެން ނޫނީ އެމައްސަލައެއްގައި ޢަދުލު އިންސާފު ޤާއިމު ނުކުރެވޭނެކަމަށް ޤާނޫނީ ދާއިރާގެ އެންމެންނަށްވެސް އެގޭނެ. ރައީސް ނަޝީދުގެ ފަރާތްޕުޅުން ލޯޔަރުން ދައްކަން ހުރި އެންމެހައި ވާހަކަތައް އަޑުއެއްސެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރުޞަތު ދެއްވަން ޖެހިވަޑައިގަންނަވާނެ” ގިނަ ދުވަހު އެޓާރނީ ޖެނެރަލްގެ އޮފީހުގައި އަދި ޕްރޮސެކިއުޓާރ ޖެނެރަލްގެ މަޤާމުވެސް އަދާކުރައްވާފައިވާ މަރިޔާ ވިދާޅުވިއެވެ.

What do you think?

Name (required) :

Email (required) :

Website :