ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހާލަތު ދެނެގަނެ މަޝްވަރާ ކުރައްވަން މިވަގުތު ރާއްޖެ ވަޑައިގެންފައިވާ އެމެރިކާ ސަރުކާރުގެ އިސް ވަފުދަކާ ރައީސް މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު ބައްދަލު ކުރައްވައިފިއެވެ. މިބައްދަލުވުމުގައި މިހާރު ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތަކާއި، ކޯނީ ރިޕޯޓާއި އަދިވެސް ރާއްޖޭގެ ތަރައްޤީ އާއި ގުޅިފައިވާ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ސްޓޭޓް ޑިޕާޓްމެންޓުގެ ޑެޕިއުޓީ އެސިސްޓެންޓް ސެކެޓްރީ ޖޭމްސް މުއަރ، ޑެޕިއުޓީ އެސިސްޓެނޓް ސެކެޓްރީ އޮފް ޑިފެންސް ވިކްރަމް ސިންހ އަދި ޑެޕިއުޓީ އެސިސްޓެންޓް ސެކެޓްރީ ޖޭން ޒިމާރމަން އެވެ.
މިބައްދަލުވުމުގައި ކޯނީ ރިޕޯޓާއި ގުޅިގެން ކަންތައް މިހާރު ހިނަގަމުންދާ ގޮތާ ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އަދި ކޯނީ ރިޕޯޓުގައި ރަނގަޅު ކުރެއްވުމަށް ސަރުކާރަށް ހުށައަޅުއްވާފައިވާ ކަންކަމާއި އަދި ޝަރުޢީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަން ކަނޑައަޅާފައިވާ ކަންކަންވެސް ކުރިއަށް ގެންދެވިފައި ނުވާކަން ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްގީއާ ގުޅިފައިވާ ކަންކަމާއި ވަކިން ޚާއްޞަކޮށް ވަޒީފާ އާއި ބެހޭ ޤާނުނު ތަންފީޒު ކުރުމާއި މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނެވެ.
ދިވެހި ރާއްޖޭގެ ސިޔާސީ ހާލަތު ރަގަޅުކޮށް މިހާރު ހުއްޓިފައިވާ ގިނަ ކަންތައްރައް ފެށިގެން ރަގަޅުވާނީ އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވިގެން ކަމުގައާއި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތަކަށްވެސް ބައިވެރިވެވޭނެ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އެމެރިކާ ސަރުކާރުން ދެކެވަޑައިގަންނަވާ ކަމުގައި ވަފުދުން ހާމަކުރެއްވިއެވެ.