އެމްޑީޕީގެ ސިޔާސަތަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ އަލުން އަނބުރާ އެކަން ތައާރަފްކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތަކީ އަދި އެމްޑީޕީއިން ގެނެސްދިން ސިޔާސަތަކީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގާ އަލުން އަނބުރާ އެކަން ތައާރަފްކުރުންކަމަށް އެމްޑީޕީގެ ރިރާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މުޙައްމަދު ނަޝީދު މިހެން ވިދާޅުވީ، ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތާގުޅޭ ގޮތުން އިއްޔެ މާލެ އަތޮޅު މާފުށީގައި ބޭއްވި މަސައްކަތު ބައްދަލުވުމަށްފަހު، މާފުށީގައި ރޭ ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، ނަވާރަ ސަތޭކަ ހަތްދިހަ ފަސްވަނަ އަހަރު ރާއްޖޭގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގިކަމަށާއި، އަދި އެ ވިޔަފާރި ތަރައްޤީވަމުން ދިޔަކަމަށެވެ. އެހެން ނަމަވެސް، ނަވާރަ ސަތޭކަ ހަތްދިހަ ނުވަވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަން ފެށުމާއެކު، ރަށްރަށުގައި ހުރި ގެސްޓް ހައުސްތައް ބަލަހައްޓާނެ ފުލުހުންނާއި ސިފައިން ނެތްކަމަށް ބުނެ، އެވިޔަފާރި ހުއްޓުވާލިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ހަޤީގީ ބޭނުމަކީ އަދި މަޤްޞަދަކީ ބާރުވެރިކަން އެއްތަނަކަށް ޖަމާކުރުންކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްޤީ ލިބެން އެބަ އޮތްކަމަށާއި އަދި އާމްދަނީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދެގުނަ ކުރެވެން އެބަ އޮތްކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވަޒީފާގެ ފުރުޞަތު އިރާދަކުރެއްވިއްޔާ ހޯދައިދެވޭނެކަމަށާއި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވަޒީފާގެ ފުރުޞަތު ހޯދައިދެއްވާނެކަމަށެވެ. މިރޭ އަޅުގަނޑުމެންނަށް މާފުށިން މިދައްކުވައިދެވެނީ ކިތައްމެ ކިތައްމެ ހަޤީގަތެއްކަމަށާއި، ގެސްޓު މީހުންނާއި ބޭރު މީހުންނާއި ދިވެހިން އެކީގައި ރީތި ގޮތުގައި އުޅެވިދާނެކަންކަމަށާއި އަދި އެކަމުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށާއި އާދަކާދައާއި އަދި އަޤީދާއަށްވެސް ކުޑަވެސް ލޮޅުމެއް ނާރާނެކަން ކަމަށެވެ. އަދި ހަޤީގަތުގައި ވާގޮތަކީ، އަޅުގަނޑުމެންގެ ހިތްތަކުގައިވާ އަޤީދާ ވަރުގަދަވެ، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުވެ ރާއްޖެ ތަރައްޤީ ވުން ކަމަށްވެސް، ރައީސް ނަޝީދު ވިދާޅުވިއެވެ. ގެސްޓް ހައުސްގެ ވިޔަފާރި ކުރިއަރުވައި ތަރައްޤީކުރުމުގެ މައްޗަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ، މާފުށީގައި ކުރިއަށް ގެންދާ ގެސްޓް ހައުސްގެ ވިޔަފާރި މުޅި ރާއްޖެއަށް މިސާލަކަށް މިހާރު ވެފައިވާކަމަށެވެ. އަޅުގަނޑުމެންނަކީ ޤުދުރަތީީ ވަޞީލަތްތައް ގިނަ ޤައުމެއްގައި ދިރިއުޅޭ ނަސީބުގަދަ ރައްޔިތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، އަޅުގަނޑުމެންގެ ކުރިމަތީގައި ކިތައްމެ ހުރަސްތަކެއް އެބަހުރިކަމަށާއި، އެހުރަސްތަކުން އަރައިގަންނަންޖެހޭކަން އަޅުގަނޑުމެންނަށް އެނގޭކަމަށްވެސް ވިދާޅުވިއެވެ. އަދި ޓޫރިސްޓުންނަށް ދެވޭ ހިދުމަތްތަކާއި ވިއްކާ ތަކެއްޗަކީ އަބަދު ދިވެހިންނަށް ދެވޭ ހިދުމަތާއި ވިއްކާ ތަކެއްޗެެއް ނޫންކަމަށާއި އެތަފާތު އަޅުގަނޑުމެން ގެންނަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޓޫރިޒަމްގެ ވިޔަފާރި ކުރާއިރު އެންމެ މުހިންމީ ޓޫރިސްޓް މީހާކަމަށާއި އޭނާއަށް އަޅާލެވެން ޖެހޭކަމަށާއި އަދި އޭނާއަށް ކަމޭހިތާންއެބަޖެހޭކަމަށާއި، އަޅުގަނޑުމެންގެ ވިޔަފަރިއަކީ އެ ޓޫރިސްޓް މީހާ ހިތްހަމަ ޖައްސައިދިނުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދާދި އަވަހަށް އަލުން އަނެއްކާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއް އުފެދިގެން އަންނާނެކަމަށާއި އެވެރިކަމުގައި ގެސްޓް ހައުސްގެ ވިޔަފާރިއާއި އެހެންވެސް ތަނަވަސްކަން ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމްޑީޕީއިން ރޭ ބެއްވި ޖަލްސާގައި އެޕާޓީގެ އިސްބައެއް ބޭފުޅުންނާއި ރާއްޖޭގެ ގެސްޓް ހައުސް ހިންގަވާ ގިނަ އަދަދެއްގެ ބޭފުުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރޭގެ ޖަލްސާގެ ކުރިން މާފުށީގައި ވަނީ ގެސްޓް ހައުސް ހިންގާ ފަރާތްތަކާ އެކު މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ. މިމަސައްކަތު ބައްދަލުވުމުގައި އެފަރާތްތަކާ އަދި އެމްޑީޕީ ގުޅިގެން މި ވިޔަފާރި އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ޖޮއިންޓް ޑެކްލަރޭޝަންއެއްގައި ވަނީ ސޮއެކޮށްފައެވެ.

MDP’s Guesthouse Policy Presentation Booklet

What do you think?

Name (required) :

Email (required) :

Website :