ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުރަސްއަޅާފައިވާތީ އެކަން ކުށްވެރިކުރުން

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނުގެ އާއިލީ ބޭނުންފުޅެއްގައި މިހިނގާ މާރޗްމަހުގެ 27 އިން 31 ގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދައަކަށް އެދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި އެދުމުން، އެ ހުއްދަ ދެވެން ނެތްކަމަށް ބުނެ އެމަނިކުފާނުގެ ޒާތީ މިނިވަންކަމަށް ހުޅުމާލޭ ކޯޓުން އަރައިގަނެފައިވާތީ އެކަން މި އޮފީހުގެ ފަރާތުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދެވެން ނެތްކަމަށް ބުނެ ހުޅުމާލޭ ކޯޓުން ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ، ރައީސް ނަޝީދުގެ މައްޗަށް އެކޯޓުގައި ހިންގޭ ޝަރީޢަތުގެ އަޑުއެހުމެއް އަންނަ އެޕްރިލް މަހުގެ ހަތަރު ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާކަމަށާއި އެހެން ކަމުން އެ އަޑު އެހުމުގެ ތާރީޚް ކައިރިވެފައިވާތީ އެ ހުއްދަ ދެވެން ނެތްކަމަށެވެ. ނަމަވެސް ޝަރީއަތަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތްތަކާއި އުޞޫލުތައް ބަޔާންވެފައިވާއިރު، ހުޅުމާލޭ ކޯޓުގެ މި އަމަލަކީ ސީދާ ޤާނޫނޫ އަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ ހައްްޤަކަށް އަރައިގަތުންކަމަށް މި އޮފީހުން ދެކެމެވެ. ޤަނޫނު އަސާސީގެ ސާޅިސް އެއް ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެއަށް އެނބުރި އައުމުގެ ހައްޤު ކޮންމެ ރައްޔިތަކަށް ލިބިގެންވާކަމަށެވެ. މީގެ އިތުރުން ރައީސް މުޙައްމަދު ނަޝީދުއަކީ ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވާއިރު، ޤާނޫނު އަސާސީގެ 128 ވަނަ މާއްދާއިން ހުރިހާ މުއައްސަސާއެއް ޝާމިލްވާ ގޮތުގެ މަތިން މުޅި ދައުލަތުގެ މައްޗަށް ލާޒިމްކޮށްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ކޮންމެ ބޭފުޅަކަށް އިއްޒަތާއި ޤަދަރާއި، ރައްކާތެރިކަމާއި އިނާޔަތްތައް ދޭން ޖެހޭނެކަމަށެވެ

މީގެ ކުރިން، ސަރުކާރާ މިހާރު ޙަވާލުވެގެން ތިބި ފަރާތްތަކުން ރައީސް މުޙައްމަދު ނަޝީދުގެ ބައްޕާފުޅުގެ އޮޕަރޭޝަނަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް އެމަނިކުފާނަށް ހުރަސްއަޅުއްވާފައިވާކަންވެސް ފާހަގަކުރަމެވެ.
” ކޯޓުތައް މެދުވެރިކޮށް މި ހިންގަމުން ގެންދާ އަމަލުތަކަކީ، މިހާރު ސަރުކާރާ ހަވާލުވެގެން ތިބި ފަރާތްތައް ސީދާ އަޑީގައި ތިބެ ރާވައިގެން ހިންގަމުން ގެންދާ ވަރަށް ދަށު ދަރަޖައިގެ ނާތަހުޒީބު އަމަލުތަކެއް. އަދި މިފަދަ ކަންކަމުން އިތުރަށް އެނގި ހާމަވަމުން ދަނީ، ރައީސް ނަޝީދުގެ މައްޗަށް ކުރައްވާ ޝަރީޢަތަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ މިންވަރު”، ރައީސް މުޙައްމަދު ނަޝީދުގެ ތަރުޖަމާނު އަލުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ

ހަމަ މިފުރުޞަތުގައި، ރައީސް މުޙަންމަދު ނަޝީދުގެ ޒާތީ މިނިވަންކަމަށާއި އަދި ހަމަ ކޮންމެ ދިވެހި ރައްޔިތަށް ޤާނޫނޫ އަސާސީން ކަށަވަރުކޮށްދީފައިވާ ހައްޤުތަކަށް އުނިކަމެއް ނުވަތަ ހުރަހެއް ކުރިމަތިނުވާނެ ގޮތަށް ހުރިހާ ފަރާތްތަކަކުންވެސް ކަންކަން ކުރިއަށް ގެންދެވުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އިސްވެ މަސައްކަތްޕުޅު ކުރެއްވުމަށްވެސް، މި އޮފީހުން އިލްތިމާސްކުރަމެވެ

What do you think?

Name (required) :

Email (required) :

Website :