ބޭރުގެ ކުލީ ސިފައިން ލައްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތްކުރާ ކަމުގެ އަޑުތައް ފެތުރެމުންދާކަމުގައި ރައީސް މުޙަންމަދު ނަޝީދުއަށް ތާއީދުކުރައްވާ ނިސްބަތުން ގިނަ ފަރާތްތަކަކުން ގެންދަވަނީ މި އޮފީހަށް އަންގަވަމުންނެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަވަހާރަކޮށްލުމަށް ދުރުމީ ހަރުކޮށްފައިވާ ބަޑިއެއް އެތެރެކޮށްފިކަމަށާއި އެކަން ކުރާނެ ކަމަށް ތުހުމަތުކުރެވޭ ބިދޭސީ ދެ މީހަކު މިހާރު ރާއްޖެ އަތުވެއްޖެކަމުގައި ފެތުރެމުންދާ މަޢުލޫމާތުތައް، ރައީސް މުޙަންމަދު ނަޝީދުއަށް ތާއީދުކުރައްވާ ފަރާތްތަކުން މިހާރު ވަނި ސަރުކާރުގެ ބާރުތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުންނަށް ރަސްމީކޮށް ރިޕޯޓްކޮށްފައިކަމަށްވެސް މި އޮފީހަށް ވަނީ މަޢުލޫމާތުލިބިފައެވެ. އަދި މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުމުން ވަނީ އަންގާފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް އަރުވަން ޖެހޭ އިނާޔަތްތަކާ އަދި ރައްކާތެރިކަން ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށާއި އާްންމުންގެ ތެރޭގައި ފެތުރެމުން އަންނަ ވާހަކަތަކާމެދު އަޅުއްވަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުއްވައި ޤާނޫނީ ވާޖިބު އަދާ ކުރެއްވުމަަށް ވަނީ އެދިވަޑައިގެންފައެވެ.