ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ ޤާނޫނީ ވަކީލް އަލް އުސްތާޛާ ޙިސާން ޙުސައިންއާއި އެކަމަނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ގޯނާކޮށް ބިރުދެއްކުމަށް ހިންގި އަމަލުތައް ރައީސް މުޙަންމަދު ނަޝީދު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވައެވެ. އަދި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ ފިރިކަލުންނަށް ފުލުހުންގެ ފަރާތުން ކުރިމަތިކުރުވި ބިރުދެއްކުންތަކާ މެދު، ނުހަނު ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވެއެވެ.
ބަލާ ފާސްކުރުމަށް ހިންގި ހަރަކާތެއްކަމަށްބުނެ، ފުލުހުން އުސްތާޛާ ޙިސާންއާއި އެކަމަނާގެ ފިރިކަލުން ހައްޔަރުކޮށްފައިވަނީ އެދެބޭފުޅުން އާއިލީ ކުޑަ ޙަފްލާއެއްގައި ތިއްބަވަނިކޮށް އައްޑޫ ސިޓީގެ ހިތަދޫއިން ނެވެ. އެތަނުގައި އެ ދެބޭފުޅުން ތިއްބަވަނިކޮށް ފުލުހުން އެސަރަޙައްދަށް އައިސް ހަރަކާތްތެރިވާން ފެށުމުން، ޙިސާންއާއި ފިރިކަލުން އެކަމާ ބެހޭ ގޮތުން ފުލުހުންނާ ސުވާލުކުރެއްވުމުން އެއީ ގޭންގް ކުށްތައް ހުއްޓުވުމާ ބެހޭ ޤާނޫނުގެ ދަށުން ބަލާ ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއްކަމުގައި ވިދާޅުވެ، ހިސާންގެ ފިރިކަލުން ހައްޔަރު ކުރިއެވެ. އަދި އެކަމާ ސުވާލުކޮށް ޤާނޫނީ ވަކީލަކަށް އައްޔަންވުމަށް އެދިވަޑައިގަތުމުން ހިސާންވެސް ހައްޔަރު ކުރިއެވެ.
ޙިސާން ހުންނެވީ މާބަނޑު ހާލަތުގައިކަން ފެނިލައްވާނެއިރުވެސް އެކަމަނާ ހައްޔަރުކުރެއްވުމުގެ ތެރޭގައި ފުލުހުން ވަނީ ޙިސާންގެ ގައިކޮޅަށް އަތް އިސްކުރައްވައި ދެ ފަހަރެއްގެ މަތިން ވަރަށް ބާރަށް ކޮށްޕަވާލައްވާފައެވެ. އަދި ދެވަނަ ފަހަރަށް ކޮއްޕާލުމުން އެކަމަނާ ވަނީ ބިންމައްޗަށް ވެއްޓިފައެވެ. ޙިސާންގެ ފިރިކަލުންނަށްވެސް ހައްޔަރުކުރެއްވުމުގެ ތެރޭގައި ފުލުހުން ހާނިއްކަކުރައްވާފައިވާކަމަށް އެނގިފައިވެއެވެ. ދެބޭފުޅުންވެސް މިހާރު ވަނީ ދޫކޮށްލައްވާފައެވެ.
” އަޅުގަނޑުމެން ދެކެނީ އެއީ ސީދާ ބިރުދައްކަވައި ގޯނާކުރެއްވުމަށް ފުލުހުން ހިންގެވި އަމަލުތަކެއްގެ ގޮތުގައި. ފުލުހުން މަސައްކަތްކުރައްވަނީ ރައީސް ނަޝީދުއާއި އެމްޑީޕީ ތަމްޞީލްކުރައްވާ ޤާނޫނީ ވަކީލުންނަށް ބިރުދެއްކެވުމަށް. ޤާނޫނުތަކަށް ބެއްލެވުމެއް ނެތި ފުލުހުންގެ މިފަދަ އަމަލުތައް ތަކުރާރުކުރައްވާކަން މިވަނީ އަނެއްކާވެސް އެނގި ހާމަވެގެން ގޮސްފަ.
އަދި އަލްއުސްތާޛާ ޙިސާން ހުސައިން މިވަގުތު އިންނެވީ މާބަނޑު ހާލަތުގައިކަމަށްވާއިރު، އެކަމަނާއާ ދޭތެރޭ ފުލުހުން ހިންގި ދަށުދަރަޖައިގެ އަމަލުތަކާ މެދު ވަރަށް ބޮޑަށް ކަންބޮޑުވަން. ފުލުހުންނާއި ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން މިމައްސަލަ ބައްލަވައި ކަނބަލުންނަށް ހާނިއްކަ ކުރައްވާ އަދި ޤާނޫނީ އިމުގެ ބޭރުން ހަރަކާތްތެރިވެލައްވާ ފުލުހުންނާ މެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އަޅުގަނޑު ގޮވާލަން.” ރައީސް މުޙަންމަދު ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ.