ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން މާލެ އަތޮޅު ހުރާގައާއި ދިއްފުށީގައި މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޓީމާއެކު ރައީސް ނަޝީދު މާލެ އަތޮޅު ހުރާއަށާއި ދިއްފުއްޓަށް ވަޑައިގަތީ މިއަދުއެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ، އެ ރަށުގެ އެމްޑީޕީ ކެމްޕެއިން ޓީމުގެ ބޭފުޅުންނާ ބައްދަލުކުރައްވާ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔަބުކޮށްދިނުމަށް އެފަރާތްތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެ ބޭފުޅުންނަށް ރައީސް ނަޝީދު ޝުކުރު އަދާކުރައްވާ ހިތްވަރު ދެއްވިއެވެ. ހުރައަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު އެރަށުގެ ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފައެވެ.
މާލެ އަތޮޅު ދިއްފުށީގައި ދެއްކެވި ވާހަކަފުޅުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓު ހައުސްތައް ހުޅުވުމާ ގުޅިގެން އެރަށްރަށުގެ ތަރައްޤީއަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދިއްފުށްޓަކީ ރިސޯޓުތައް ގިނަ ސަރަހައްދެއްގައި އޮތް ރަށެއް ކަމުން ރިސޯޓުތަކުގައި މަސައްކަތް ކުރާ އެރަށު ރައްޔިތުން ރަށުގައި ދިރިއުޅުމަކީ ރަށުގެ ތަރައްޤީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރަށުގެ ތަޢުލީމާއި، ސިއްހީ ދާއިރާ އަދި އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމް އިތުރަށް ހަރުދަނާކޮށް ރަށު ތަރައްޤީ ގެސްޓްހައުސް ވިޔަފާރިން ރަށަށް ލިބޭ އާމްދަނީން ހަމަޖެއްސޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.
އަދި 7 ފެބްރުއަރީ 2012 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމުގައި ޤާނޫނާ ޚިލާފްވި ފުލުހުންނާއި ސިފައިންނަށް ހައްޤު އަދަބު ދެއްވާނެކަމަށްވެސް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
ދިއްފުށީގައި ވާހަކަ ދައްކަވަމުން ސިޔާސީ މައިދާނުގައި އެމަނިކުފަނާ ވާދަކުރެއްވޭނެ ބޭފުޅެއް ނެތްކަމަށާއި މާލެއިން އެންމެ ގިނަ ވޯޓު ހޯއްދަވާނީ އެމަނިކުފާނު ކަމުގައި ވިދާޅުވިއެވެ. “މާލެއަކުން އަޅުގަނޑުމެންނަކަށް އެއްޗިއްސެއް ނުކިޔާނެ. ހަޅޭކެއްވެސް ނުލަވާނެ. މާލެއިން އަޅުގަނޑުމެންނަށް ވޯޓު ދޭނީ ހަމަ ނުކުމެ ލޯބިން” ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އިއްތިހާދުގެ ވެރިކަމެއް ފެންނާނީ ބަލިކަށިކޮށްކަމަށާއި އެމް.ޑީ.ޕީގެ އަބަދުވެސް އަމާޒަކީ ރައްޔިތުން ބޭނުންވާ ކަންކަން ހޯދުމާއި އެކަންކަން ތަންފީޒު ކުރެވޭނެ ގޮތްތައް ހޯދުން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.