ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދުވެސް އެއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދަވައިފި.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ކުނަހަންދޫއަށް ވަޑައިގަންނަވައިފިއެވެ. އެރަށަށް ވަޑައިގެން އެމަނިކުފާނު ވަނީ އެރަށުގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަންގަވައިދެއްވާފައެވެ. އަދި އެ ރަށު އެމްޑީޕީ ހަރުގޭގައި ސަޕޯޓަރުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހައްޤީ މިހާރު ލިބެމުންދާ މިންވަރު ނޫންކަމަށާއި، ރާއްޖޭގެ ރައްޔިތުންނަށް މިއަށްވުރެ ފާގަތި ތަނަވަސް ދިރިއުޅުމެއް ލިބެން އެބަ އޮތްކަމަށެވެ. އަދި އެ ދިރިއުޅުން އިރާދަކުރެއްވިއްޔާ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ހޯއްދަވައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ދަށުން ކުނަހަންދޫގެ ހުރިހާ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ. ކުނަހަންދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ ރަށުގެ ހާލަތު ބައްލަވާލައްވާ އަދި ކައުންސިލްއަށް ޒިޔާރަތްކުރައްވާފައެވެ.

ކުނަހަންދޫއަށް ފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ މާވަށަށެވެ. މާވަށުން އެމަނިކުފާނަށް ވަރަށް ޙޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން ދެންނެވިއެވެ. އަދި އެރަށުގެ އެމްޑީޕީ ހަރުގެ ހުޅުވައިދެއްވުމަށްފަހު، އެރަށުގައިވެސް އެމްޑީޕީގެ ބޮޑު ދިދައެއް އެމަނިކުފާނު ނަންގަވައިދެއްވިއެވެ. ހަރުގެ ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، މީހުން ދިރިއުޅޭ ރަށްރަށުގައި ޓުއަރިޒަމްގެ ވިޔަފާރި ހިންގައިގެން ނޫނީ އެންމެހައި ރައްޔިތުންނަށް ފައިދާ ނުކުރާނެކަމަށެވެ. އަދި ގެސްޓްހައުސް އެޅުމުން ބިމުގެ އަގު އަކަފޫޓެއް ތިން ރުފިޔާ ނުވަތަ ހަތަރު ރުފިޔާއަށް އުފުލިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަނެއް ދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައި ވާނެކަމަށާއި ނަމަވެސް، އޭރު އަޅުގަނޑުމެން އެވާހަކަ ދެންނެވުމުން އެވާހަކަ ބައެއް ފަރާތްތަކުން ޤަބޫލުނުކުރިކަމަށާއި މިއަދު އަނެއްކާވެސް އަޅުގަނޑުމެން މިދައްކަނީ މުޅިން އެހެން ވާހަކައެއްކަމަށާއި އެއީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދެއްވާނެ ވާހަކަކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މާވަށަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ޒުވާނުންނާ ބައްދަލުކުރެއްވިއެވެ. އަދި މާވަށުގެ 70 ވަރަކަށް ޒުވާނުންވަނީ އެމްޑީޕީއަށް ސޮއެކޮށްފައެވެ. މާވަށަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެރަށުގެ ސިއްޚީ މަރުކަޒަށް ވަޑައިގެން އެތަނުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

މާވަށަށްފަހު ރައީސް ނަޝީދު ދެން ވަޑައިގެންނެވީ ލާމު މާމެންދޫއަށެވެ. މާމެންދޫއަށް ވަޑައިގެން އެރަށުގައި ހުންނަ އެމްޑީޕީ އޮފީހުގައި ޕާޓީގެ ދިދަ އެމަނިކުފާނު ނަންގަވައިދެއްވިއެވެ. އަދި މެހެމާނުން ސޮއެކުރައްވާ ފޮތުގައި އެމަނިކުފާނު ސޮއެކުރެއްވިއެވެ. އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެން އުފެދިގެން އަންނަ އެމްޑީޕީގެ ސަރުކާރެއްގައި ގެސްޓްހައުސް އެޅުމަށް 120 މިލިއަން ރުފިޔާގެ ހިލޭ އެހީއާއި އަދި 500 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްދެއްވާނެކަމަށެވެ. މިއަދު ރާއްޖޭގެ ފަޅު ރަށްރަށުގައި ހިންގާ ޓޫރިސްޓް ރިސޯޓްތަކުގައި 25،000 އެނދު އެބަހުރިކަމަށާއި އަދި އޭގެ އަހަރެއްގެ މައްޗަށް 3 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވޮއިސް ރާއްޖެއަށް ލިބޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނަމަވެސް ޓުއަރިޒަމް ވިޔަފާރީގެ ފައިދާ އެންމެ އާދައިގެ މީހާއަށްވެސް ކުރާނީ އެކަން މީހުން ދިރިއުޅޭ ރަށްރަށުގައިވެސް ކޮށްގެންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު ރައްޔިތުން އެއް މަހުޖަނެއް ގާތުން އަނެއް މަހުޖަނެއް ގާތަށް ސަލާންޖަހަން ނުދާތީ އެބޭފުޅުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަޅުގަނޑުމެން މިހުށަހަޅަނީ މިރާއްޖެއަށް ވަރަށް ބޮޑު ބަދަލެއް ގެނައުމަށްކަމަށާއި އެއީ އާމްދަނީ ދެގުނަކޮށް އެންމެންނަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމަށްކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިވަގުތު ވަޑައިގެން ހުންނެވީ ލާމު ހިތަދޫގައެވެ. އެރަށުންވެސް އެމަނިކުފާނަށް ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. ހިތަދޫއަށް ވަޑައިގެން އެމަނިކުފާނު ވަނީ މާވަށު ދާއިރާގެ އެމްޑީޕީ އޮފީސް އެރަށުގައި ހުޅުވައިދެއްވާފައެވެ. އަދި އެރަށުގައި އެމްޑީޕީގެ ޖަލްސާއެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާދަމާ އެމަނިކުފާނު އެނބުރި މާލެވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :