އަމާޒަކީ ހައްދުންމަތީގައި ފަސްހާސް ޓޫރިސްޓް އެނދު ތަރައްޤީކުރުން – ރައީސް ނަޝީދު

އަމާޒަކީ ހައްދުންމަތީގައި ފަސްހާސް ޓޫރިސްޓް އެނދު ތަރައްޤީކުރުންކަމުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ލާމު ފޮނަދޫއަށް ވަޑައިގެން މިއަދު އެރަށު ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ފޮނަދޫ ވެގެންދާނީ ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ އިދާރީ ނާރެސްކަމުގައެވެ. އަދި ގެސްޓްހައުސް ހިންގުމުގެ އެމްޑީޕީ ސިޔާސަތަކީ މިރާއްޖޭގެ ރަށްރަށް ތަރައްޤީކޮށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުންކަމަށާއި އެއީ ރަށު ތަރައްްޤީގެ އިންޖީނުކަމުގައެވެ.

ވެރިކަން ކުރުމަށް ކޯލިޝަނެއް ބޭނުންނުވާކަމަށާއި، ވަޒީރުންގެ މަޖްލީހުގެ މެންބަރުން އެކި ފަރާތައް މޫނު އަނބުރުއްވައި ތިއްބަވައިގެން ހިންގޭނެ ތަރައްޤީގެ މަޝްރޫއެއް ނެތްކަމަށާއި އަދި ތެލާއި ފެނާ އެކު ނުވާނެ ފަދައިން އެއީ ވާނެކަމެއް ނޫންކަމަށްވެސް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

މިރާއްޖޭގެ ވެރިކަން ބަޣާވާތްކޮށްގެން ތިއްބެވި ފަރާތްތަކަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ކުރީގެ ނާއިބް ރައީސް ޑރ.މުޙަންމަދު ވަހީދު ޙަސަން މަނިކު ވަނީ ބަޣާވާތެއްކޮށްގެން ޤައުމުގެ ވެރިކަމުގެ ނިޒާމު އެކީ އެކަށް ގަޑުބަޑުކުރައްވައިގެން ކަމަށެވެ.

ލާމު ފޮނަދޫއަށް މިއަދު ރައީސް ނަޝީދު ވަޑައިގަތުމުން އެމަނިކުފާނަށާއި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް އެރަށުގެ ރައްޔިތުން ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި އެރަށުގައި އެމްޑީޕީގެ ބޮޑު ދިދަ ރައީސް ނަޝީދު ނަންގަވައިދެއްވިއެވެ. މީގެ އިތުރުން ފޮނަދޫއިން އެމްޑީޕީއާ އަލަށް ގުޅިވަޑައިގެންނެވި ބޭފުޅުންގެ ފޯމުތަކާ ރައީސް ޙަވާލުވެވަޑައިގެންނެވިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް އެރަށްރަށުގެ ރައްޔިތުން ވަނީ ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓްލާނެ ކެންޑިޑޭޓަކީ އެމަނިކުފާނުކަމުގައި އެރަށްރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހާމަކޮށްފައެވެ.

ހައްދުންމަތީގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެއެވެ.

What do you think?

Name (required) :

Email (required) :

Website :