ހުޅުމާލޭ ކޯޓުގެ ބެންޗާ ގުޅޭ ގޮތުން ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ދަޢުުވާގެ މައްސަލަ ބައްލަވާ ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ކަނޑައާފައިވާ ގޮތާ ގުޅޭ ގޮތުން، ރައީސް ނަޝީދުގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައިގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް އެކޯޓުން ތާވަލްކޮށްފިއެވެ.
އެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރުފަހު ދެ ގަޑި ސުންމިނެޓަށް ދިވެހިރާއްޖޭގެ ހައިކޯޓުގައެވެ.

ރައީސް މުޙަންމަދު ނަޝީދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނުގެ މައްސަލަ ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އައްޔަންކުރައްވާފައިވާ ފަނޑިޔާރުންގެ ބެންޗަކީ ޤާނޫނާ ޚިލާފަށް އައްޔަންކުރައްވާފައިވާ ބެންޗެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށެވެ.

މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުއްވުމާ ގުޅިގެން، އެކޯޓުން ވަނީ ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި ހިންގާ ޝަރީޢަތް ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރުއްވާފައެވެ.

” ހުޅުމާލޭ ކޯޓުގެ ބެންޗް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްކަން ރައްޔިތުންގެ މަޖްލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިންވެސް އެ ވަނީ ނިންމަވާފަ. އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންވާ ބައެއް ބޭފުޅުންވެސް އެ ކޯޓުގެ ބެންޗް ކަނޑައަޅާފައިވަނީ ސީދާ ޤާނޫނާ ޚިލާފަށްކަމަށް އެ ވަނީ ވިދާޅުވެފަ. ޚާއްސަ ގޮތެއްގައި އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުވެސް ވަރަށް ސާފު ބަހުން ވިދާޅުވެފައި އެ ވަނީ އެ ބެންޗް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް. އަދި ކުރީގެ ޖަސްޓިސް މިނިސްޓަރުކަމާ ރައްޔިތުންގެ މަޖްލީހުގެ ރައީސްކަން ކުރައްވާފައިވާ ސީނާ އަޙްމަދު ޒާހިރުވެސް އެ ކޯޓުގެ ބެންޗް ކަނޑައެޅި ގޮތާ ގުޅޭ ގޮތުން ވަނީ ސުވާލު އުފައްދަވާފަ. އަދި އެކަން ކުރައްވާފައިވަނީ ސީދާ ޤާނޫނީ އިމުގެ ބޭރުންކަން އެބޭފުޅާވެސް ފާހަގަކުރެއްވި. މީގެ އިތުރުން ވާދަވެރި ޕީޕީއެމްގެ ޖަލްސާގައި ވާހަކަދައްކަވަމުން ސީނާ ޒާހިރު ވިދާޅުވެފައިވޭ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުއަށްވެސް ވާދަކުރެއްވެންޖެހޭނެކަމަށް. އެހެން ކަމުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި މިހުރިހާ ބޭފުޅުންނާ އަދި އެތައް ބައިވަރު ދިވެހި ރައްޔިތުންނެއް އަދި ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުންވެސް އެ ކޯޓުގެ ބެންޗާ ގުޅޭ ގޮތުން ބޮޑެތި ސުވާލުތައް އުފައްދަވަމުން ގެންދަވާ މި ދަނޑިވަޅުގައި، މި ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ ކޯޓުގައި އިންޞާފުވެރި ޝަރީޢަތެއް ހިންގިދާނެކަމަކަށްވެސް އަދި އެމަނިކުފާނަށް އިންޞާފު ލިބިވަޑައިގެންފާނެކަމަކަށްވެސް އަޅުގަނޑު ނުދެކެން. ހުޅުމާލޭ ކޯޓުގެ ބެންޗް ކަނޑައެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން ތެރޭގައި ހިނގާފައިވާ ކަންތައްތަކަށް ބަލާއިރުވެސް، ރައީސް ނަޝީދުގެ މައްޗަށް ހިންގާ ޝަރީޢަތައް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ވަރަށް ސާފުކޮށް އެނގޭ”. ރައީސް މުޙަންމަދު ނަޝީދުގެ ތަރުޖަމާނު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވިއެވެ

What do you think?

Name (required) :

Email (required) :

Website :