އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ 12000 ގޯތި މާލޭގައި ދިނުމަށްކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ބޭނުންވެގެން މިއުޅެނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް 12000 ގޯތި ދޭންވެގެންކަމަށް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ “ވަޢުދާ ހިނގުން” ކެމްޕެއިންގެ ދަށުން މެދު ހެންވޭރު ދާއިރާގެ ކަންމަތީ ބައްދަލުވުމުގައި ރޭ ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ދަންނަވަން ބޭނުންފުޅުވަނީ، އަޅުގަނޑުމެން މިއުޅެނީ މިރާއްޖޭ އެކީ އެކައްޗަކަށް ބަދަލުކުރުމަށްކަމަށާއި އަޅުގަނޑުމެން ގެންގަން މިއުޅެނީ ވަރަށް ބޮޑު ބަދަލެއްކަަމަށެވެ. އަދި އަޅުގަނޑުމެންގެ ތަޞައްވުރެއް، ވިސްނުމެއް އަދި ފިކުރެއް އެބަ އޮތްކަމަށާއި އަދި ކަންކުރަން ބޭނުންވާ ތަޖުރިބާވެސް އަޅުގަނޑުމެންގެ ކިބައިގައި އެބަހުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މި ރާއްޖެއަށް ދިމާވެފައިވާ އެންމެހާ މައްސަލަތައް ހަޤީގަތުގައި ގުޅިފައިވަނީ ގޯތި ގެދޮރުގެ ދަތިކަމާކަމަށެވެ. އެހެންކަމުން 12000 ގޯތި ދިނުމަށް ބޭނުންވާ 17000 ހެކްޓަރުގެ ބިން ހިއްކުމަށްފަހު،، ގޯއްޗެއް ބޭނުންވެގެން އަންނަ ކޮންމެ މީހަކަށް ގޯއްޗެއް ދެއްވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލޭގައި ދިރިއުޅޭ ގިނަ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅުދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ، މިއީކީ ބަޔަކު ދިރިއުޅެންވީ ގޮތެއް ނޫންކަމަށާއި މިގޮތަށް މިކަން ވަރިހަމަކޮށްގެން އަޅުގަނޑުމެން ތިބެގެން ނުވާނެކަމަށެވެ. ގޯތި ގެދޮރުގެ ދަތިކަމުން މިރާއްޖޭގެ ރައްޔިތުން ފިލުވުމަކީ އަޅުގަނޑުމެންނަށް ކޮންމެހެންވެސް ކުރަންޖެހިފައިވާކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އަޅުގަނޑުމެން ރައްޔިތުންނަށް މިވާ ވަޢުދުތައް ފުއްދައިދިނުމަށްޓަކައި އެކަމަށް ބޭނުންވާ ހިސާބާ އަދި ކުރަންވީ އެންމެހާ ކަންކަން މިވަނީ ކޮށް ނިމިފައިކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އެއީ އަޅުގަނޑުމެންނަށް ވާނެކަންކަންކަމަށާއި އަދި އެކަން މިރާއްޖޭގެ ރައްޔިތުންނަށް ކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއަކީ ތަރައްޤީގެ ޕާޓީކަން ފާހަގަކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންނަށް ހައްްޤީ މިއަދު ލިބޭ މިންވަރު ނޫންކަމަށާއި އެ ރައްޔިތުންނަށް އެހެން ގޮތެއް ހޯދައިދިނުމަށް އެމްޑީޕީ އިން ގަދައަޅައި މަސައްކަތްކުރައްވާނެކަމަށެވެ. އަދި އެމްޑީޕީގެ އަބަދުވެސް އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްްޤީ ހޯއްދަވައިދެއްވުންކަމަށް އެމަނިކުފާނު ވިދަޅުވިއެވެ.

ދިވެިހރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ އުފެދިގެން އައީ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ޑިމޮކްރަސީ އާލާކޮށް ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ހޯދައިދީ އަދި ފުލުހުންގެ އަނިޔަވެރިކަމުން ރައްޔިތުން ސަލާމަތްކުރުމަށްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއަދު ރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަހީދު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ، ޑރ.ވަހީދު ހުންނެވީ ރާއްޖޭގައި ބަޣާވާތެއްކޮށްގެން ވެރިކަން އެކީއެކަށް ގަޑުބަޑުކުރައްވައިގެންކަމަށެވެ. އަދި ބަޣާވާތައްފަހު، މިހާރު މިއޮތް ވެރިކަމުގެ ފަރާތުން ދިވެހިރައްޔިތުންނަށް ކުރަމުންދާ އަނިޔާއާ ދެކޮޅަށް ދިވެހި ކަނބަލުން ދައްކުވައިދީފައިވާ އަދި މިހާރުވެސް ދައްކަވަމުން ގެންދަވާ ހިތްވަރަށް އެމަނިކުފާނު ވަނީ އެކަނބަލުންނަށް ވަރަށް ބޮޑަށް ތަޢުރީފުކުރައްވާފައެވެ. ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ ހަޤީގަތުގައި މިއަދު އަޅުގަނޑުމެންނަށް މިހިސާބުގައި މިތިބެވުނީ އެކަނބަލުން ދައްކުވައިދިން ހިތްވަރުގެ ސަބަބުންކަމުގައެވެ.

މިރާއްޖޭގައި ދެންވެސް އުފެދިގެން އަންނާނީ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަމަށާއި އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އަޅުގަނޑުން ކާމިޔާބުކުރަނީ އެއް ލައްކަ އެކާވިސް ހާސް ވޯޓާއެކު އެއް ބުރުންކަމަށް، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި މެދު ހެންވޭރު ދާއިރާއަށް ނިސްބަތްވާ ބައެއް ޒުވާނުން ވަނީ އެމްޑީޕީއަށް ސޮއެކޮށްފައެވެ. އަދި ރޭގެ ބައްދަލުވުމުގައި އެދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ އަދެއްގެ ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ

ފޮޓޯ ގެލެރީ

What do you think?

Name (required) :

Email (required) :

Website :