ހާސްކަމުން އަރައިގަނެ، ތަރައްޤީގެ މަގުގައި ބާރަށް ކުރިއަށްދިއުމަށް، ރައްޔިތުން އިޚްތިޔާރްކުރައްވަން ޖެހޭނީ އެކަން ކަން ކުރެވޭނެ ބަޔަކުކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަރުރުފުޅުގައި ފާދިއްޕޮޅު ކުރެންދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގައި އެކަން ސާބިތުކޮށްދެއްވާފައިވާނެކަމަށެވެ. އެގޮތުން އެމްޑީޕީ ސަރުކާރުން އަލަށް ފަށައިގަތް އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ ކާމިޔާބީ ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އެޕްރޮގްރާމްގެ ދަށުން ދޮށީ އުމުރުގެ މީހުންނަށް ޕެންޝަނެއް ފޯރުކޮށްދެވި އެމީހުންނަށް ހިތްހަމަޖެހުމެއް ގެނެސްދެވުނީތީ އުފާފުޅުކުރައްވާކަމަށެވެ. އަދި މިއަދު އެމަނިކުފާނާ ބައްދަލުވެވަޑައިގަންނަވާ ދޮށީ އުމުރުގެ ގިނަ ބޭފުޅުންގެ ސިއްޚަތު ރަނގަޅުވެ ނަލަހެދިލައިގެން ތިބޭ މަންޒަރު ފެނިވަޑައިގަތުމުން ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.
މިއަދު ފެންނަމުން މިދަނީ ދިގު ތިރީސް އަހަރުގައިވެސް ކަންތައް ކުރަމުން ދިޔަ ބީދައިން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލަމުން ދާ މަންޒަރުކަށާއި އެއީ ވަރަށް ހިތާމަފުޅުކުރައްވާކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ބަޣާވާތް ސިފަކުރެއްވެނީ ހުއްޓިފައި ހުންނަ އެއްޗެއްގެ ގޮތުގައިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހަޤީގަތުގައި ބަޣާވާތުގެ ހޭޝް ޓެގަގީ “ހުއްޓިފަ” ކަމަށެވެ. އެގޮތުން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު އެމްޑީޕީގެ ސަރުކާރު ބަޣާވާތަކުން ބަދަލުކުރުމަށްފަހު، މިއަދާ ޖެހެންދެންވެސް އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިވަޑައިގަންނަވަނީ ތަރައްޤީއަށްޓަކައި ފެށިފާ ހުރި މަޝްރޫޢުތައް ހުއްޓިފައި ހުރި މަންޒަރުކަމަށެވެ. އެގޮތުން ބަނދަރުތަކާއި ފެނާ ނަރުދަމާގެ ނިޒާމުތަކާއި މަދަރުސާތައް އެއްދަންފަޅިއަށް ބަދަލުކުރުމާއި އަދި ދަތުރުފަތުރުކުރުމުގެ ނިޒާމްވެސް ހުއްޓިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އާސަންދަ ބައި ސަންދައަކަށް، ބަޣާވާތުގެ ސަރުކާރުން ބަދަލުކޮށްލާފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ހުރިހާ ކަމެއްވެސް މިވަނީ ހުއްޓިފައިކަމަށާއި މިއަދު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަހީދު މިރާއްޖޭގެ ހަޔާތުން އެންމެ އުޖާލާ ދޮޅު އަހަރު ނަގާލައިފިކަމަށާއި އެއީ ކުޑަ މިންވަރެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަށް މިޖެހެނީ އަލުން އަނބުރާ ހުރިހާކަމެއް ފަށައިގަތުމަށްކަމަށާއި، ފަށައިގަތީމާވެސް އެ ގެއްލޭ ދެ އަހަރު ދުވަހަކީ މިރާއްޖެއިން ގެއްލޭ ދެ އަހަރު ދުވަސްކަމަށެވެ. ދިގު ތިރީސް އަހަރު ދުވަހާއި އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހު ހިނގާ ދިޔަ ކަންކަން ރައްޔިތުންނަށް ސާފުވާނެކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓް ދެއްވާއިރު މިކަންކަމަށް ރައްޔިތުން ވިސްނަވާނެކަމަށް ޔަޤީންކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު އަނެއްކާވެސް އުފެދިގެން އަންނާނީ އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްކަމަށާއި އެވެރިކަމުގައި ކުރެންދޫގެ ބަނދަރު ހަދާއިރު ކުރެންދޫގައި ބިން ބޮޑުކޮށްދެވެން އޮތް ދެ ސަރަޙައްދުގައި އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ އެމްޑީޕީ ސިޔާސަތުގެ ތެރެއިން ކުރެންދޫގައިވެސް އެވިޔަފާރި ފުޅާކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި އެކަމުގެ ސަބަބުން ކުރެންދޫގެ އެންމެންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވެ ރަށުގެ އާންމު އިޖްތިމާޢީ ޙާލަތު އެތައް ތަނަކުން ރަނގަޅުވެގެން ދާނެކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
ދިވެހިރައްޔިތުންގެ ޑިމްކޮރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅަށާއި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު އިއްޔެ ވަނީ ފާދިއްޕޮޅު ނައިފަރަށާއި އޮޅުވެލިފުއްޓަށްވެސް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގެ ހަރާކާތްތައް އެރަށްރަށުގައި ހިންގަވާފައިވެއެވެ. އަދި ނައިފަރަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ގިނަ އަދަދެއްގެ ބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން މިއަދު ހެނދުނު ޅ.މާފިލާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާވެސް ރައީސް ނަޝީދު ވަނީ ބައްދަލުކުރައްވާފައެވެ.
ފާދިއްޕޮޅު ކުރެންދޫގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު