ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު، ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ. އެގޮތުން އެމަނިކުފާނު މިއަދު މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލިއަށް ވަޑައިގެން އެރަށުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ހަރުގެ ހުޅުވައި ދެއްވައި އެމްޑީޕީގެ ބޮޑު ދިދަ ވަނީ ނަންގަވައިދެއްވާފައެވެ. އަދި ރަށުގެ ރައްޔިތުންނާއި އެމްޑީޕީގެ ސަޕޯޓަރުންނާއި މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރަށްރަށުގެ ތަރައްޤީ ލިބޭނީ ކައުންސިލްތައް ވަރުގަދަވެގެންކަމަށެވެ.
ރައީސް މުޙަންމަދު ނަޝީދު މިއަދު ދެން ވަޑައިގެންނެވީ، މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއަށެވެ. ކަމަދޫއިން އެމަނިކުފާނަށް ވަނީ ވަރަށް ޙޫނު މަރުޚަބާއެއް ދަންނަވާފައެވެ. ކަމަދޫގައިވެސް އެރަށުގެ އެމްޑީޕީ ޖަގަހަ އެމަނިކުފާނު ހުޅުވައިދެއްވިއެވެ. އަދި އެމްޑީޕީގެ ދިދަވެސް އެރަށުގައި ނަންގަވައިދެއްވިއެވެ. ކަމަދޫގެ އެމްޑީޕީ ސަޕޯޓަރުންނާއި އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ އުޞޫލަކީ އަޅުގަނޑުމެންގެ ވާދަވެރިން އެއްގޮތަކަށްވެސް ތާޢީދުކުރި އުޞޫލެއް ނޫންކަމުގައި ވިދާޅުވިއެވެ.
ކަމަދޫއަށްފަހު، ރައީސް ނަޝީދު ދެން ވަޑައިގެންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫއަށެވެ. ކިހާދޫއިންވެސް އެމަނިކުފާނަށް ވަނީ ޙޫނު މަރުޙަބާއެއް އެރަށުގެ ރައްޔިތުން ދަންނަވާފައެވެ. އަދި ކިހާދޫގައިވެސް އެމްޑީޕީގެ ހަރުގެ އެމަނިކުފާނު ހުޅުވައިދެއްވިއެވެ. ކިހާދޫގެ ރައްޔިތުންނާއި އަދި އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ 3 ފޫޓަށް ފިޔަވަޅުއަޅާ އަދި ބާރު ސްޕީޑްގައި ކަންކަން ކުރާ ޕާޓީއެއްކަމަށެވެ.
މާޅޮސްމަޑުލު ދެކުނުބުރިން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ދެން ވަޑައިގެންނެވީ ދޮންފަނަށެވެ. ދޮންފަނުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވުމަށްފަހު، އެމްޑީޕީގެ ސަޕޯޓަރުންނާއި އަދި ދޮންފަނު ރައްޔިތުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޤައުމަށްޓަކައި ކުރާ ކޮންމެކަމަކީ އިންސާނިއްޔަތައް ފައިދާހުރި ކަންކަމަށް ވާންޖެހޭނެކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލްގެ ގޮތުގައި އެމަނިކުފާނު މިހާރު ވަޑައިގެން ހުންނެވީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައެވެ. ދަރަވަންދޫއަށް ރައީސް ނަޝީދު ފައިބާ ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން ވަނީ ވަރަށްވެސް ޙޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ.
ރައީސް މުޙަންމަދު ނަޝީދު ފާދިއްޕޮޅަށާއި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭގެ ވަގުތެއްގައި މާލެ ވަޑައިގަންނަވާނެއެވެ.