ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ކޯޕަންހޭގަންއަށް ފުރާވަޑައިގަތުމަށް މިއަދު އެއަރޕޯޓަށް ވަޑައިގަތުމުން، އިމިގްރޭޝަން ޑިޕާޓްމަންޓުން އެމަނިކުފާނު ފުރާވަޑައިގަތުމަށް ހުރަސްއަޅުއްވައިފިއެވެ.
ރައީސް ނަޝީދަށް މިރޭ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަތުމަށް ހުރަސް އެޅުއްވުމުން ސަރުކާރުގެ މިއަމަލު މި އޮފީހުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރަމެވެ. މިއީ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއިން ކޮންމެ ދިވެހި ފަރުދަކަށްވެސް ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް ޤަސްޠުގައި އަރައިގަތުންކަމުގައިވެސް މި އޮފީހުން ދެކެމެވެ. ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ސާޅީސްވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ރާއްޖެއިން ފުރައިގެން ދިއުމާއި އަދި ރާއްޖެއަށް އެނބުރި އައުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާކަމަށެވެ. މީގެ އިތުރުން ރައީސް މުޙަންމަދު ނަޝީދަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް ވީހިނދު؛ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 128 ވަނަ މާއްދާއިން ހުރިހާ މުޢައްސަސާއެއް ޝާމިލްވާ ގޮތުގެ މަތިން މުޅި ދަޢުލަތުގެ މައްޗަށް ލާޒިމްކޮށްފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ކޮންމެ ބޭފުޅަށް ޢިއްޒަތާއި ޤަދަރާއި ރައްކާތެރިކަމާއި އަދި ޢިނާޔަތްތައް ދޭން ޖެހޭނެކަމަށެވެ. ރައީސް މުޙަންމަދު ނަޝީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާ ވާހަކަ ކަމާބެހޭ ފަރާތްތަކަށް މިއަދު ހެނދުނު ދިހަގަޑި ތިރީސް އެހާކަންހާއިރު ވާނީ އެންގިފައެވެ. އަދި އެމަނިކުފާނުގެ ލަގޭޖްކޮޅު ޗެކްކުރުމަށް މިއަދު ހަވީރު ފަސްގަޑި ތިރީސް އެހާކަންހާއިރު އެއަރޕޯޓަށް ފޮނުވިފައިވާކަންވެސް ފާހަގަކުރަމެވެ. ރައީސް ނަޝީދުއަށް ފުރާވަޑައިނުގެންނެވޭނެކަން އިމިގްރޭޝަން ޑިޕާޓްމަންޓްއިން އެމަނިކުފާނަށް އެންގެވީ މިއަދު އިރުއޮއްސި ހަގަޑި ތިރީސް އެހާކަންހާއިރުއެވެ. އަދި ފަހުން އެމަނިކުފާނު ފުރާވަޑައިގަތުމާ މެދު އިޢުތިރާޟެއް ނެތްކަމަށް އެމަނިކުފާނަށް އެންގެވިއިރު މަތިންދާބޯޓް ވަނީ ފުރާފައެވެ. އެހެންކަމުން، މިއީ ސީދާ ޑރ.މުޙަންމަދު ވަހީދު ސަރުކާރުން ރައީސް މުޙަންމަދު ނަޝީދުއަށް ކުރެއްވި ފުރައްސާރައެއްކަމަށާއި އަދި ޤާނޫނު އަސާސީގެ ރޫޙާ ޚިލާފަށް ވަހީދު ޙަސަން މަނިކުގެ ސަރުކާރުން ހިންގަވާފައިވާ މި ނާތަޙުޒީބު ޢަމަލަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ޢަމަލެއް ނޫންކަމުގައިވެސް ދަންނަވަމެވެ.
2 comments
ނިޒާމް / April 16, 2013
ވަހީދުގެ ސަރުކާރުން ނަޝީދަށް ހަސަދަވެރިވަނީ..!!
މުޙައްމަދު ޝިހާން / April 19, 2013
ވޭތުވެ ދިޔަ 30އަހަރުގައި ޤައުމު ހިންގާފައިހުރީ ހިފަހައްޓައިގެން، އޮބަހައްޓާގެން! ވީމާ މިހާރުގެ ސަރުކާރުންވެސް ނަޝީދު ހިފެހެއްޓޭތޯ މަސައްކަތް ކުރަމުން ގެންދާނެ! ރައްޔިތުންނަށްޓަކައިމާގިނަ ކަންތަކެއް އެހެންމީހަކު ކޮށްދިނަކަ ނުދޭނެ! އެފަދަ މީހަކަށް ވަރަށް ބޮޑަށް ހަސަދަވެރިވާނެ.