ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކޯޕަންހޭގަންއަށް ވަޑައިގަންނަވައިފި

ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދު ކޯޕަންހޭގަންއަށް ވަޑައިގަންނަވައިފިއެވެ. ކޯޕަންހޭގަން ގެ އެއަރޕޯޓުން ރައީސް ނަޝީދުއަށް މަރުޙަބާ ދެންނެވީ ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ އިސް ބައެއް ބޭފުޅުންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް އިޤްތިޞާދެއްގެ ގޮތުގައި ބިނާކުރާނީ ކިހިނެތް؟” މި މަޢުޟޫގެ މައްޗަށް ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގައި ތަޤްރީރުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި މާދަމާ ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައިވެސް ތަޤްރީރުކުރައްވާނެއެވެ. މިއީ ޑެންމާކް ސަރުކާރުން ރައީސް މުޙަންމަދު ނަޝީއަށް އަރުވާ ވަރަށް މަތީ ޝަރަފެކެވެ. ޑެންމާކުގެ ޤާނޫނު ހަދާ މަޖްލީހުގައި ރައީސް ނަޝީދު ކުރައްވާ ތަޤްރީރުގައި އެމަނިކުފާނު މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާނީ ދިވެހިރާއްޖެ ޑިމޮކްރަސީގެ މަގުން ކައްސާލާފައިވާ މިންވަރަށާއި އަދި ޑިމޮކްރަސީ ކުރިއަރުވައި ދެމެހެއްޓުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކުގެ މައްޗަށެވެ.

މީގެ އިތުރުން ޑެންމާކް ސަރުކާރުގެ ވަޒީރުން އަދި ބައެއް އިސް ބޭފުޅުންނާވެސް ރައީސް މުޙަންމަދު ނަޝީދު ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޑެންމާކަށް ރައީސް ނަޝީދު ފުރާވަޑައިގަތުމަށް، ދިވެހި ސަރުކާރުން ކުރިމަތިކުރެއްވި ބައެއް ހުރަސްތަކުގެ ސަބަބުން ފުރާވަޑައިގަތުމަށް ރޭ ކޮންމެވެސް ވަރެއްގެ ލަސްވުމެއް މެދުވެރިވި ނަމަވެސް، އެމަނިކުފާނުގެ ދަތުރުފުޅުގެ ތާވަލަށް އެއްވެސް ބަދަލެއް އައިސްފައެއްނުވެއެވެ.

ރައީސް ނަޝީދު ޑެންމާކަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަންނަވާނީ މިމަހުގެ އަށާރަ ވަނަ ދުވަހުއެވެ.

What do you think?

Name (required) :

Email (required) :

Website :