ހަކަތައިގެ ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ ސިޔާސީ މާޙައުލުވެސް ތަޣައްޔަރު ވާނެ – ރައީސް ނަޝީދު

ހަކަތައިގެ ނުރަނގަޅު ސިޔާސަތުތަކުގެ ސަބަބުން ތަޣައްޔަރު ވާނީ ހަމައެކަނި ތިމާވެށި ނޫން ކަމާއި އެފަދަ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ސިޔާސީ މާޙައުލާއި ބައިނަލްއަޤްވާމީ ސިޔާސީ މަޝްރަޙް ވެސް ތަޣައްޔަރު ވާނެ ކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޑެންމާކުގެ ކޯޕަންހޭގަންއަށް ކުރައްވާ ދަތުރުފުޅުގައި ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން ދަޢުވަތު ދެއްވައިގެން “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟” މި މަޢުޟޫގެ މައްޗަށް މިއަދު ތަޤްރީރު ކުރައްވަމުންނެވެ.

ކޯޕަންހޭގަން ޔުނިވަރސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދު ދުނިޔޭގެ ސިޔާސީ މާޙައުލު ބައްޓަންވެފައިވަނީ ތެލުގެ ހަކަތައިގެ ސިޔާސަތުތަކުގެ މައްޗަށް ކަމަށެވެ. އަދި ތެލުގެ ވަޞީލަތްތައް ދެމެހެއްޓުމަށް ކުރެވޭ މަސައްތްތަކުގެ މެދުގައި ވަނީ މެދުއިރުމަތީގެ ހަމަނުޖެހުން ފަދަ ދުނިއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި ހަމަނުޖެހުންތައް ކަމުގައި ފާހަގަ ކުރެއްވިއެވެ. މިވަޞީލަތްތައް ރައްކާތެރި ކުރުމުގެ ނަމުގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އިޤްތިޞާދުތައް ޚަރާބުވެ، ރައްޔިތުން އޮބަހައްޓައި އިންސާނިއްޔަތާ ޚިލާފު އެތައް ޖަރީމާތައް ހިންގާފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

“ސާފު ހަކަތައިގެ ދުވެލި މަޑުކުރާ އެހެން ކަމެއްވެސް އެބައޮތް. އެކަމަކީ ދުނިޔޭގެ ބޮޑު ބަޔަކަށް އޭގެ ހިޔަނިން އެކަހެރިކޮށްފައި އޮތް ކަމެއް. އެއީ ޙުދުމުޚްތާރްވެރިންގެ ކަސްތޮޅުގައި އެތައް އެތައް ޤައުމެއްގެ ކަނދުރާތައް ހައްޔަރުކުރާ ވަންހަނާ ބާރު. އޭގެ ސަބަބުން އަރާރުންތައް ގިނަވެ، އިންސާނީ ޙައްޤުތަކުގައި އޮބިއަޅާ، ޑިމޮކްރަސީއާއި ތަރައްޤީ ހާސްކޮށްލާ ނެގިމަޑުވުމެއް ފަތުރާލާ. ވަކި ގޭސްތަކެއް ދުނިޔޭގެ ވައި ކިލަނބުކުރާ ފަދައިން، މިބުނާ ހަކަތައިގެ ސިޔާސީ ކޯޅުންގަނޑު ކިލަނބުކުރަނީ ބައިނަލްއަޤްވާމީ ގުޅުން” ކޯޕަންހޭގަން ޔުނިވަރސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކަކީ ހަމައެކަނި ތިމާވެށްޓާއި އިޤްތިޞާދީ މައްސަލައެއް ނޫން ކަމަށާއި އެއީ އިންސާނީ ޙައްޤުތަކާ ގުޅިފައިވާ މައްސަލައެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މޫސުމީ ބަދަލުތަކާމެދު އަޅުގަނޑުމެން ޢަމަލު ކުރާ ގޮތްތަކުން ބައްޓަން ކުރާނީ ހަމައެކަނި ދުނިޔޭގެ ތިމަވެށި ނޫން ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގެ ސިޔާސީ ވެށިވެސް ބަދަލުވެގެން ދާނެ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ މައްސަލައަކީ މާދަމާ ނިންމުމަށް ބޭއްވެން އޮތް މައްސަލައެއް ނޫން ކަމަށެވެ.

ތިމާވެށީގެ މައްސަލަ ހައްލު ކުރުމަކީ ޖަމުޢީ ނިންމެވުމެއްކަން މިއަދުގެ ތަޤްރީރުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބަދަލުތައް ގެނެވޭނީ ދުވަސްވީ، ބައު، އަދި ކިލަނބު ތެލުގެ ހަކަތަ ނައްތާލެވި މުސްތަޤްބަލަށް ވިސްނައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމުގައި ވިދާޅުވެ، ދުނިޔޭގެ ތިމާވެށީގެ މައްސަލަތައް ޙައްލުކުރެވޭނީ ތެލުގެ ވަޞީލަތްތައް، ފަސާދަކުރަނިވި ސިޔާސީ ނުފޫޒުން އެއްކިބާ ތިބެގެން ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިރުގެ ދޯދިތަކާއި ވައިން، އަދި ރާޅުތަކުން އުފެދޭ ހަކަތައަކީ ހަމަހަމަ ގޮތެއްގައި ފެތުރިފައިވާ ވަޞީލަތްތަކެއް ކަމާއި އެފަދަ ވަޞީލަތްތަކާމެދު ބޮޑެތި ހަމަނުޖެހުންތައް އުފެދިގެން ނުދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހަމަހަމަ ގޮތެއްގައި ފެތުރިފައިވާ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާން ފެށުމުން އަންނާނީ ހަމައެކަނި އިޤްތިޞާދީ ބަދަލެއް ނޫންކަމަށާއި އެކަމުގެ ސަބަބުން ބޮޑު ސިޔާސީ ބަދަލުތަކެއް އަންނާނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ދުނިޔޭގައި އާ ސިޔާސީ ނިޒާމެއް ބައްޓަންވެގެން އަންނާނެ ކަމުގައި އެމަނިކުފާނުގެ ތަޤުރީރުގައި ވިދާޅުވިއެވެ. ހަކަތައިގެ ސިޔާސީ ވިސްނުން ބަދަލުކޮށް އިސްލާޙުކުރުމުގެ ވަގުތު އައިސް ޖެހިއްޖެކަމަށާއި، މައުދަނީ ހައްޤުގެ މައްޗަށް އިންސާނީ ހައްޤު ކުރިއަރުވަންޖެހޭކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކާބަން ނިއުޓްރަލް އިގްތިޞާދެއް ބިނާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކާބަން ނިއުޓްރަލް ކުރުމާއި އިއާދަކުރުވަނި ހަކަތައަށް އިޤްތިޞާދު ބިނާކުރުމަކީ މިއަދު ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބަލައިގެންފައިވާ ކަމެއްކަން ހާމަވަނީ ސަޢޫދީ ޢަރަބިއްޔާ، ޑެންމާކް އަދި އައިސްލެންޑް ފަދަ ޤަމުތަކުންވެސް އެމަގަށް މިސްރާބު ޖަހާފައިވާތީ ކަމަށެވެ. މީގެ އިތުރުން ދުނިޔޭގެ ބޮޑެތި އަމިއްލަ ކުންފުނިތައް ކަމުގައިވާ އެޕަލް، ގޫގްލް ފަދަ ކުންފުނިތަކުންވެސް މިހާރު އިއާދަ ކުރަނިވި ހަކަތަ ބޮޑު މިންވަރުން ބޭނުން ކުރަމުން އަންނަކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި މިވިސްނުމަށް އެންމެ ތާޢީދު ބޮޑީ ޒުވާނުންގެ މެދުގައި ކަމާއި އެއީ ހަކަތައިގެ ވިސްނުމާއި ސިޔާސަތުތައް އިއާދަކުރުވަނި ހަކަތައަށް ބަދަލު ކުރުމުން އެކަމުގެ ބަދަލު އެންމެ ބޮޑަށް އިޙުސާސް ކުރެވި އަދި އެބޮޑު ބަދަލު ފެންނާނީ އަދުގެ ޒުވާނުންނަށް ކަމުގައިވާތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެއީ ދުވަސްވީ، ބައު އަދި ކިލަނބު ޓެކްނޮލޮޖީތަކަކީ މަޒީކަމަށާއި އެއީ މުސްތަޤްބަލު ނޫން ކަމުގައި ވާތީކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާދަމާގެ ލީޑާރުން ކަމުގައި ވާނީ ކިލަނބު ތެލަށް ބަރޯސާ ނުވެ އެކަމުން ދުރުވެގެން ކަމުގައި ވިދާޅުވެ، މިކަމަށް ހުރި ގޮންޖެހުންތަކަށްވެސް އެމަނިކުފާނުގެ ތަޤްރީރުގައި އަލިއަޅުވައިލެއްވިއެވެ. އެގޮތުން ކާބަން ނިއުޓްރަލް ކުރުމަށް މިއަދުގެ ޓެކްނޮލޮޖީ ތަންދޭއިރު މި މިޞްރާބަށް ނުދެވިގެން އުޅެނީ މިކަމަށް އަލަށް ވަންނަ ފަރާތްތަކަށް ލިބެންވާ އެހީތެރިކަން ނުލިބޭތީ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ޚާއްޞަކޮށް ކުދި ޤައުމުތަކުގައި މިބޮޑު ބަދަލު ގެނައުމަށް ބޭނުންވާ ފައިސާގެ އެހީތެރިކަމާއި ޓެކްނޮލޮޖީ އަދި މިކަމަށް އާމްދަނީ ހޯދުމަށް ކާރބަން ޓެކްސްއެއް އޮތުމަކީ ކޮންމެހެނެ މުހިއްމު ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

1 comment
  1. މުޙައްމަދު ޝިހާން / April 18, 2013

    ރައީސް ނަޝީދު ތިޔަވިދާޅުވީ ހަޤީތުގައިވެސް ތެދުފުޅެއް! ހަމަގައިމުވެސް ދިވެހިރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ވާއިރު މައުމޫނުގެ ހުވާސްވެސް ހުންނާނެ ހެނެއް ހިއެއް ނުވޭ. 2013 ގައި ވެރިކަމަށް ޔާމީން ނުހޮވިއްޖިއްޔާ ޒަމާން އެއްކޮށް ދިޔައީ! ”ވައްސަލާމް”

    Reply
What do you think?

Name (required) :

Email (required) :

Website :