ރައީސް މުޙަންމަދު ނަޝީދު މިހާރު ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކްއާ ބައްދަލުކުރައްވައިފި

ރައީސް މުޙަންމަދު ނަޝީދު މިހާރު ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ޤައުމުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ޑެންމާކުގެ ޚާރިޖީ ވުޒާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މާހައުލާ އަދި ތަރައްޤީގެ ކަންކަމަށް އެހީލިބުމުގައި ހުރި މައްސަލަތަކާ ގުޅޭ މަޢުލޫމާތު ރައީސް ނަޝީދު، ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރާ ޙިއްޞާ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގައި މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އަދި ހުރިހާ ކެނޑިޑޭޓުންނަށްވެސް ހަމަ ހަމަ ގޮތެއްގައި ވާދަކުރެވޭނެ އިންތިޚާބަކަށް ހެދުމުގެ މުޙިންމުކަމާ ބެހޭ ގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ރާއްޖޭގެ އަދުލް އިންޞާފުގެ ނިޒާމު ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ މަސައްކަތްތަކާއި އަދި ރައީސް ނަޝީދުގެ މައްޗަށް ކުރިއަށް ގެންދާ ޝަރީޢަތާ ގުޅޭ މަޢުލޫމާތުވެސް، ރައީސް، ޑެންމާކުގެ ޑިވެލޮޕްމަންޓް މިނިސްޓަރާ ޙިއްޞާކުރެއްވިއެވެ.

ވަރަށް ހަރުދަނާ އަދި ބަދަހި ޖައްވެއްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި، ޑެންމާކުގެ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ހިނގަމުންދާ ކަންކަން ޑެންމާކުން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ނެގެހެއްޓުމަށް އެޤައުމުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އަދި ހުރިހާ ކެނޑިޑޭޓުންނަށް ވާދަކުރެވޭ ސައްޙަ އިންތިޚާބަކަށް ހެދުމަށް ޑެންމާކުން ބާރު އަޅުއްވާނެކަމަށްވެސް، ޑެންމާކުގެ މިނިސްޓަރ ރައީސް ނަޝީދު އަރިހުގައި ވިދާޅުވިއެވެ.

ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެޤައުމުގެ ޤާނޫނު ހަދާ މަޖްލީހުގައި ތަޤްރީކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުންވެސް އެމަނިކުފާނު ތަޤްރީރުކުރެއްވިއެވެ. މީގެ އިތުރުން ޑެންމާކުގެ ތަފާތު ޚަބަރު ފަތުރާ ވަޞީލަތްތަކަށް ބަސްދީގަތުންވެސް އެމަނިކުފާނު ދެއްވިއެވެ.

ރައީސް މުޙަންމަދު ނަޝީދު ޑެންމާކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، އެނބުރި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ އަށާރަވަނަ ދުވަހުއެވެ

1 comment
  1. ޝިހާން / April 18, 2013

    ޑެންމާކުގެ މީޑިޔާތަކަށް ފޯރުކޮށްދެއްވި މަޢުލޫމާތް ތަކުގެ ސަބަބުން ރާއްޖެގެ މަސްރަޙަށް ހެޔޮ ބަދަލެއް އަންނާނެ އަންނާނެ ކަމުގައި އުންމީދު ކުރަން. ރައީސް ނަޝީދު ދިވެހިންނަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތް ޕުޅަށް އައްސަރިބަހާއި ސާބަސް ޙައްޤު

    Reply
What do you think?

Name (required) :

Email (required) :

Website :