ރައީސް މުޙަންމަދު ނަޝީދު ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގައި އަދި ޔުނިވަރސިޓީ އޮފް ކޯޕަންހޭގަންގައި ތަޤްރީރު ކުރެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ޑެންމާކުގެ ޤާނޫނު ހަދާ މަޖިލިހުގެ ދަޢުވަތަށް ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާއި ގުޅޭގޮތުން ވަނީ ތަޤްރީރުކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ކޯޕަންހޭގަން ޔުނިވަރސިޓީގެ ސަސްޓެއިނަބިލިޓީ ސައިންސް ސެންޓަރ އިން އިންތިޒާމްކޮށްގެން “ދުނިޔޭގެ އިޤްތިޞާދު ކާބަން ނިއުޓްރަލް ގޮތެއްގައި ބިނާކުރާނީ ކިހިނެތް؟ މި މަޢުޟޫގެ މައްޗަށް ވެސް ރައީސް ނަޝީދު ތަޤްރީރުކުރެއްވިއެވެ.
ރައީސް ނަޝީދުގެ މިދަތުރުފުޅުގައި ޑެންމާކުގެ މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ހިޒް އެކްސެލެންސީ މިސްޓަރ ކްރިސްޓިއަން ފްޣިސް ބަކް އާވެސް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ސިޔާސީ ޙާލަތާ މެދު އެބޭފުޅުންގެ ބެއްލެވުމާއި އަޅާލެއްވުން މިދަނޑިވަޅު ވަރަށްވެސް މުހިއްމުވެފައިވާކަމަށް ފާހަގަ ކުރެއްވިއެވެ. އިންސާފުވެރި އެތެރެ ފެންނަ އަދި ހުރިހާ ޕާޓީއެއްގެ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ އިންތިޚާބެއް ރާއްޖޭގައި ބޭއްވުމަށް ޑެންމާކާއި އެކުވެރި ދަޢުލަތްތަކުގެ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރުންނާއި ޤާނުނު ހަދާ މަޖިލިހުގެ މެމްބަރުން ވަނީ ރައީސް ނަޝީދަށް ދެއްވާފައެވެ.
ޑެންމާކަށް ރައީސް ނަޝީދު ކުރެއްވި ދަތުރުފުޅުގައި ޑެންމާކްގެ ތަފާތު ޚަބަރުފަތުރާ ވަޞީލަތްތަކަށް އެމަނިކުފާނު ވަނީ ބަސްދީގަތުން ދެއްވާފައެވެ.
1 comment
މިޙައްމަދު ޝިހާން / April 19, 2013
ރައީސް ނަޝީދު ޑެންމާކުގެ ތަޤުރީރަށް ފަހު ޤައުމަށް އެބުރި ވަޑައިގަތުމަށް މަރުޙބާ!