ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރާ ހޯއްދަވައިދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ

ދިވެހި ސިފައިންނަށް މިއަދު ގެއްލިފައިވާ ހައްޤު މަޤާމު، އެމްޑީޕީ ވެރިކަމަށް އައިސް އަލުން އަނބުރާ ހޯއްދަވައިދެއްވާނެކަމަށް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫގައި އޮތް އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެތައް ޒަމާނަކަށް ދިގު ދެމިގެން ގޮސްފައިވާ ސިފައިންގޭގެ ފަޚުރުވެރި ތާރީޚުގައި، މިއަދު ކަޅު ލައްގަނޑެއް ޖެހިފައިވަނީ 2012 ފެބްރުއަރީ 7 ވަނަ ދުވަހު އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކޮށްލުމުގައި ސިފައިންގެ ތެރެއިން މަދު ބަޔަކު ބައިވެރިވުމުގެ ސަބަބުން ކަމަށާއި، މިއަދު ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރާއިރު އެކަމާ މެދު ސިފައިންގެ ހިތްތަކުގައި ސުވާލުއުފައްދާނެކަމަށެވެ. އަދި އެއީ އެމަނިކުފާނު ވަރަށް ބޮޑަށް ހިތާމަކުރައްވާކަމެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުގައި އަލުން އަނބުރާ ސިފައިންނަށް އެބައިމީހުންގެ ޕްރޮފެޝަނަލިޒަމްއާ އެއްގޮތަށް ގަދަރާއި އަދި ކަރާމާތުގައި ބައިތިއްބައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުގެ ނިޒާމު ގަޑުބަޑުކޮށްލީތީ ސިފައިންގެ އުންމީދުތަކަށްވެސް މިއަދު މި ވަނީ ހިޔަނިއެޅިފައިކަމަށާއި، އަޅުގަނޑުމެން އެނބުރި އައިސް އެ އުންމީދުތައް ޙާޞިލްކޮށްދީ އަދި ސިފައިން އެބައިމީހުންގެ ޙައްޤު މަޤާމުގައި ބައިތިއްބައި ދެއްވާނެކަމުގައި، ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ.

އިއްޔެ މުޅި ރާއްޖޭގައި އިފްތިތާޙްކުރެވުނު މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ އެމްޑީޕީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ވިޔަފާރިއަކީ ރާއްޖޭގެ ރައްޔިތުންނަށް ތަނަވަސްކަންމަތީ އަދި ރިވެތި ދިރިއުޅުމެއް ހޯދުމަށް ހިންގޭން އޮތް ވިޔަފާރިއެއްކަމަށެވެ. އަދި އެމްޑީޕީގެ އަމާޒަކީ މީގެ 60 ޕްރޮޖެކްޓް 5 އަހަރު ތެރޭގައި ހިންގައިގެން ރާއްޖެއަށް އާމްދަނީގެ ގޮތުގައި 1 ބިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ހޯއްދެވުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަމަށް ބޭނުންވާ ސިޔާސަތު އެމްޑީޕީއިން މިވަނީ ކަނޑައާ ނިމިފައިކަމަށާއި އެހެންކަމުން މިވިޔަފާރި ހިންގުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެން އުފެދިގެން އަންނަ އެމްޑީޕީ ސަރުކާރުން ފޯރުކޮށްދެއްވާނެކަމަށެވެ.

އެމްޑީޕީގެ ކޮންމެ ސިޔާސަތެއްވެސް ހުއްޓިފައިވަނީ، ރާއްޖޭގެ ރައްޔިތުންނަށް ހައްޤުވާ މިންވަރު ހޯދައިދިނުމަށާއި އެބައިމީހުންނަށް ތަނަވަސްކަމާއި ފާގަތިކަމާއެކީ ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށްކަމަށާއި އެމްޑީޕީއިން މިހާތަނަށް ހާމަކުރި ގެސްޓްހައުސް ވިޔަފާރި ހިންގުމުގެ ސިޔާސަތާއި އަދި މެރިކަލްޗަރ ވިޔަފާރި ކުރިއެރުވުމުގެ ސިޔާސަތުގެ ސަބަބުންވެސް އެތައް ބައިވަރު ވަޒީފާގެ ފުރުޞަތުތައް އުފެދި، ސީދާ ރަށްރަށަށް އާމްދަނީ އިތުރުކުރުމަށް ބާރަކަށްވެގެންދާނެކަމަށެވެ.

ދިވެހިރާއްޖެ ބަދަލުކުރުމަށް އެމްޑީޕީއިން ވަރަށް ގިނަ އުންމީދުތައް ކުރަމުންދާކަމަށާއި އެ އުންމީދުތަކުގެ އެއް ފަރާތުގައި ތިބީ ރައްޔިތުންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްޤީ ހޯދުމަށާއި އަދި ޑިމޮކްރަސީ ދެމެހެއްޓުމަށް ރައްޔިތުންގެވެސް ވަރަށް ބޮޑު މަސްޢޫލިއްޔަތެއް އެބަ އޮތްކަމަށާއި 600 ރުފިޔާއަށް ވޯޓް ވިއްކާލާ ރައްޔިތު މީހާވެސް އެކުރަނީ ބަޣާވާތެއްކަމަށާއި އޭނާވެސް އެ ހުރަސްއަޅަނީ ތަރައްޤީއަށް ކަމަށެވެ. މިއަދު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ކުރީގެ ނާއިބު ރައީސް ޑރ.މުޙަންމަދު ވަޙީދުވެސް އެވަނީ ވެރިކަން ގަޑުބަޑުކުރައްވައިގެން ރާއްޖޭގެ ތަރައްޤީއަށް ހުރަސްއަޅުއްވައިގެން ކަމުގައި ރައީސް ފާހަގަކުރެއްވެވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ދެ ބުރެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، އިރާދަކުރެއްވިޔާ އެމްޑީޕީއިން މި އިންތިޚާބު ކާމިޔާބުކުރާނީ އެއް ބުރުންކަމަށެވެ

ނ.ކެނދިކުޅޫގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅު

What do you think?

Name (required) :

Email (required) :

Website :