މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިރާއްޖެއަށް ލިބެމުން އަންނަ ގެއްލުން ދައްކުވައިދޭ “ދި އިލެންޑް ޕްރެޒިޑެންޓް” ދިވެހި ސަބްޓައިޓްލްސް އާއިއެކު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ރޭ ލޯންޗްކޮށްދެއްވައިފިއެވެ.
“ދި އައިލެންޑް ޕްރެޒިޑެންޓް” ގެ ދިވެހި ސަބްޓައިޓްލް ވަރޝަން، ރައީސް ނަޝީދު ލޯންޗްކޮށްދެއްވުން އޮތީ، ރޭ “ރާއްޖެ ޓީވީ” ގެ ފަރާތުން ނަސަންދުރަ ޕެލެސް ހޮޓެލްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ރައީސް މުޙަންމަދު ނަޝީދު ވަނީ، “ދި އައިލެންޑް ޕްރެޒިޑެންޓް” ގެ ދިވެހި ސަބްޓައިޓްލް ވަރޝަން ލޯންޗްކުރުމާ ގުޅޭ ގޮތުން “ރާއްޖެ ޓީވީ” ގެ ފަރާތުން ވަގުތުން ގެނެސްދެއްވި ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، އެ ޕްރޮގްރާމްގެ ޕްރެޒެންޓަރ މިޢުވާން މުޙަންމަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އެގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށާއި އަދި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. އަދި ތެލަށް ބަރޯސާވާ މިންވަރު ކޮންމެހެންވެސް މަދުކުރަން ޖެހޭކަމަށާއި ދިވެހިރާއްޖެއިން އަހަރު 250 މިލިއަން ޑޮލަރު ތެލަށް ހޭދަ ކުރާ ކަމަށާޢި އަދި އެމްޑީޕީ ސަރުކާރެއްގައި ވީހާވެސް ބޮޑަށް އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުމަށް ވަރަށް ބޮޑު އިސްކަމެއްދެއްވާނެކަމުގައި ރައީސް މުޙަންމަދު ނަޝީދު ވިދާޅުވިއެވެ. ރޭގެ ރަސްމިއްޔާތުގައި، “ދި އައިލެންޑް ޕްރެޒިޑެންޓް” ގެ ދިވެހި ސަބްޓައިޓްލް ވަރޝަންގެ ސީޑީ ބައްލަވައިގެންނެވި ބޭފުޅުންނަށް ރައީސް ނަޝީދު އޮޓޯގްރާފް ދެއްވިއެވެ.
އަރތް ޑޭ އާ ގުޅުވައިގެން އެމެރިކާގެ އެންމެ ބޮޑު އެއް ޓީވީ ޗެނަލް ކަމުގައިވާ ސީ.ބީ.އެސްގައި ރޭ “ދި އައިލެންޑް ޕްރެޒިޑެންޓް” ވަނީ ދައްކާފައެވެ. އަދި އެމެރިކާގެ 100 ޔުނިވަރސިޓީގައިވެސް “ދި އައިލެންޑް ޕްރެޒިޑެންޓް” ސްކްރީންކޮށްފައިވެއެވެ.
ރޭގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުﷲ ޝާހިދުއާއި ރައްޔިތުންގެ މަޖްލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީ ސަރުކާރުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
1 comment
މުޙައްމަދު ޝިހާން / April 26, 2013
ދި އައިލެންޑް ޕްރެޒިޑެންޓަކީ މުޅި ދުނިޔޭގެ ސަމާލުކަން ގެނެސްދީފައިވާ ރައީސް ނަޝީދަށް ގެނެސްދީފައިވާ ޑޮކިއުމެންޓްރީ ފިލްމެއް!