އޮސްޓްރޭލިޔާ ސަފީރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފި

އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރޮބިން މުޑީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއޭޓްގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙްގައި މިހާރު ހިނގަމުންދާ ކަންކަމުގެ މައްޗަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އެމްޑީޕީގެ ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން އެކުލަވާލެވުނު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީގެ ރިޕޯޓްގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުވަމުން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އިންތިޚާބަކަށް ހެދުމަށް، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންއާއި އެކު ބައިނަލްއަޤްވާމީ ފަރާތްޕުޅުތަކުގެ ބައިވެރިވުން އޮތުމުގެ މުހިންމުކަމުގައި ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.
އޮސްޓްރޭލިޔާ ސަފީރު ރޮބިން މުޑީ، ދެއްކެވި ވާހަކަފުޅުގައި މިއަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ މިނިވަން އިންޞާފުވެރި އަދި ހުރިހާ ކެންޑިޑޭޓުންނަށްވެސް ވާދަކުރެވޭ ޞައްޙަ އިންތިޚާބަކަށް ހެދުމަށް އޮސްޓްރޭލިޔާއިން ބާރުއަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރ އަޙްމަދު ނަސީމްއާއި އެމްޑީޕީގެ ބައިނަލްއަޤްވާމީ ގުޅުންތަކާ ބެހޭ ތަރުޖަމާނު ޙާމިދު ޢަބްދުލް ޣަފޫރްއާއި ރައްޔިތުންގެ މަޖްލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިދާރީ އަލީ ޝިޔާމް އަދި އެމްޑީޕީ ސަރުކާރުގެ ސްޓޭޓް މިނިސްޓަރ އުމަރު ޢަބްދުއް ރައްޒާޤް ބައިވެރިވެވަޑައިގެންނެވިއެވެ.

1 comment
  1. މުޙައްމަދު ޝިހާން / April 27, 2013

    އޮސްޓްރޭލިއާގެ އިތުރުން ދުނިޔޭގެ ބާރުގަދަ ގިނަ ޤައުމުތައް މިފަހަރުގެ ރިޔާސީ އިންތިޚާބު މޮނިޓަ ކޮށްގެން ނޫނީ އިންސާފުވެރި ކަމާއި އެކު އިންތިޚާބެއް ނުބޭއްވޭނެ. ކަތީބުންގެ މުސާރަ ބޮޑުކޮށްގެން، ނުވަތަ ކުޑަކާފާއި، ބޮޑުކާފު ޖަހައިގެން ނަމަވެސް ނަތީޖާ ބަދަލު ކުރުމަށް މަސައްކަތް ކުރާނެ! އަދި ނުވިތާކަށް މިލިޓަރީ ވެރިކަމަކަށް ބަދަލު ކުރުމަށްވެސް ވިސްނާނެ. ބަޣާވަތްކުރި ފުލުހުން ނާއި ސިފައިން ސަލާމަތް ވުމަށްޓަކައި މިލިޓަރީ ވެރިކަމެއްގެ ފިކުރު ގެންގުޅެފާނެ. މިކަމަށް ސަމާލުވުމަށް އެދެން.

    Reply
What do you think?

Name (required) :

Email (required) :

Website :