ރިޔާސީ އިންތިޚާބުގެ ކެމްޕެއިންއާ ގުޅުވައިގެން އެމްޑީޕީއިން ކުރިއަށް ގެންދާ “ވަޢުދާ ހިނގުން”, ގަލޮޅު ދެކުނު ދާއިރާގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފައްޓަވައިދެއްވައިފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ “ވަޢުދާ ހިނގުން” ރައީސް ނަޝީދު ފައްޓަވައިދެއްވީ މިއަދު ހެނދުނު ގަލޮޅު ހިލްމަންގައި ބޭއްވި ރަސްމިއްޔާތަކަށްފަހުގައެވެ. “ވަޢުދާ ހިނގުމުގެ” ޕްރޮގްރާމްގެ ދަށުން ރައީސް ނަޝީދު ގަލޮޅު ދެކުނު ދާއިރާގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވާލައްވާނެއެވެ. އަދި ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތަކުގެ މަޢުލޫމާތު އޮޅުން ފިލުއްވައި އެމްޑީޕީ ސަރުކާރުގެ ދެން އަންނަ ދައުރެއްގައި ރައްޔިތުންނަށް ކޮށްދެއްވާނެކަންކަމުގެ މަޢުލޫމާތު އެމަނިކުފާނު ރައްޔިތުންނާ ޙިއްޞާ ކުރައްވާނެއެވެ.
ގަލޮޅު ދެކުނު ދާއިރާގެ “ކަންމަތީ ބައްދަލުވުން” ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 9 ޖަހާއިރު ލޮނުޒިޔާރަތްމަގު ގަލޮޅު މެސްކޮޅު ކުރިމަތީގައެވެ.
އެމްޑީޕީއިން ކުރިއަށް ގެންދާ “ވަޢުދާ ހިނގުމުގެ” ކެމްޕެއިންއަކީ ރައްޔިތުންގެ ހާލު އަހުވާލާއި ރައްޔިތުންގެ ބޭނުންތައް ރައްޔިތުންގެ ފަރާތުން އަޑުއެހުމަށް އެމްޑީޕީއިން ކުރިއަށް ގެންދާ ކެމްޕެއިން ހަރަކާތެކެވެ. މި ހަރަކާތުގައި އެއްކުރެވޭ މައުލޫމާތުތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އެމްޑީޕީއިން އެކުލަވާލާ މެނިފެސްޓޯގައި ހިމެނުމަށް އެއްކުރެވޭ މައުލޫމާތުތަކެކެވެ.
މާލެ ސިޓީގެ 9 ދާއިރާއެއްގައި “ވަޢުދާ ހިނގުމުގެ” ޙަރަކާތްތައް މީގެ ކުރިން ވަނީ ކުރިއަށް ގެންގޮސްފައެވެ
1 comment
މުޙައްމަދު ޝިހާން / April 26, 2013
ރައްޔިތުންނާއި ގުޅިގެން މަސައްކަތްކުރާ ވެރިޔަކަށް މިހާރު ދިވެހިރާއްޖޭގެ ވެރިކަން ކުރެވޭނީ. އެނޫން މީހަކަށް މިޤައުމަކު ވެރިކަމެއް ނުކުރެވޭނެ. ކޮށްކޯ ފުޅަށް ވީތީ، ރަށު ކަތީބަށް ވީތީ މިހާރަކު މުޤައުމަކުން ވޯޓެއް ނުލިބޭނެ. ޔަޤިން އެއްބުރުން ހޮވޭނެ.