ރައީސް މުޙަންމަދު ނަޝީދު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ފުވައްމުލަކާއި އައްޑޫ ސިޓީއަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މެންދުރުފަހު އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު ފުވައްމުލަކާއި އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެރަށުގެ ކެމްޕޭން ޓީމާ އެކު “ދޭތިން ފަހެތި” ވަރކްޝޮޕް ރައީސް ނަޝީދު އިފްތިތާޙްކޮށްދެއްވިއެވެ. އަދި ފުވައްމުލަކުގެ މިސްކިތް މަގު “އުސްފަސްގަނޑު”ގައި ޤައުމީ ފެންވަރުގެ “އެމްޑީޕީ އެއްބުރުން” ޖަލްސާގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގަތެވެ. ފުވައްމުލަކުގައި ބޭއްވި އެމްޑީޕީގެ ޖަލްސާއަކީ އެރަށުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ސިޔާސީ އެއްވުމެވެ.

އެއަށްފަހު، އެމަނިކުފާނު ވަޑައިގަތީ އައްޑޫ ސިޓީއަށެވެ. އައްޑު ސިޓީގައި ރައީސް ނަޝީދަށް ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް ނަޝީދަށް މަރުޙަބާ ދެންނެވުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން ގަމަށް ވަޑައިގަތެވެ. އައްޑޫ ސިޓީގައިވެސް ރައީސް ނަޝީދުވަނީ ކެމްޕެއިންގެ “ދޭތިން ފަހެތި” ވަރކްޝޮޕްގެ ޙަރަކާތްތައް ކުރިއަށް ގެންދަވާފައެވެ. އަދި “އެމްޑީޕީ އެއްބުރުން” ޤައުމީ ފެންވަރުގެ ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދެއްކެވިއެވެ.

ރައީސް ނަޝީދު އައްޑުއަށާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދާއި، އެމްޑީޕީގެ ޗެއަރޕަރސަން މޫސާ މަނިކާއި، ޕަރލިމެންޓަރީ ގްރޫޕް ލީޑަރ އިބްރާހިމް މުހައްމަދު ޞާލިޙްގެ އިތުރުން އައްޑޫ ސިޓީއަށް ނިސްބަތްވެވަޑާއިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އަދި އެމްޑީޕީގެ ޤައުމީ މަޖިލިހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަތެވެ. އަދި ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި އެސިޓީގެ ގިނަ ރައްޔިތުން ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން އައްޑު ސިޓީ އަދި ފުވައްމުލަކުގައިވެސް ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެމްޑީޕީއާ ގުޅިފައެވެ.

What do you think?

Name (required) :

Email (required) :

Website :