ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދު ނިލަންދެއަތޮޅު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި މިއަދުވެސް އެ ދެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވައިފިއެވެ. އެގޮތުން މިއަދު އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ފ.މަގޫދޫއަށެވެ. މަގޫދޫގެ ރައްޔިތުން ވަރަށް ޙޫނު މަރުޙަބާއެއް ރައީސް ނަޝީދުއަށް ދެންނެވިއެވެ. މަގޫދޫއަށް ވަޑައިގެން އެރަށުގައި އެމްޑީޕީގެ ޖަގަހައެއް އެމަނިކުފާނު ހުޅުވައިދެއްވިއެވެ. އަދި އެމްޑީޕީގެ ދިދައެއް އެރަށުގައި ރައީސް ނަންގަވައިދެއްވިއެވެ. މަގޫދޫގެ ރައްޔިތުންނާ އެމްޑީޕީގެ ސަޕޯޓަރުންނާ މުޚާތަބްކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަގޫދޫގައި ޤާއިމްކުރެވިފައިވާ އިޓަލީގެ މިލާނޯ ބިކާކޯ ޔުނިވަރސިޓީގެ އައުޓް ޕޯސްޓްގައި މެރިކަލްޗައާ ގުޅޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް ހުޅުވާލެވޭތޯ ބައްލަވާނެކަމަށެވެ. އަދި މަގޫދޫއަކީ، އެއްގޮތަކަށްވެސް ކަރަންޓް އުފެއްދުމަށް ތެޔޮ ބޭނުންނުކުރާ އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ރަށެއްގެ ގޮތުގައި 2014 ވަނަ އަހަރު ނިމުމުގެ ކުރިން ހައްދަވައިދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ރައީސް ދެން ވަޑައިގެންނެވީ، ފ.ނިލަންދޫއަށެވެ. ނިލަންދޫއިންވެސް، އެރަށުގެ ރައްޔިތުން ވަނީ ރައީސްއަށް ވަރަށް ޙޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެމަނިކުފާނު ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ އަދި އެމްޑީޕީ ސަޕޯޓަރުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިރާއްޖެ މި ދެކޭ ބަދަލުގެ މެދުވެރިއަކީ ހަމަޤައިމުވެސް އެމްޑީޕީކަމަށާއި، މި ބަދަލުގެ ރަމްޒަކީވެސް އެމްޑީޕީކަމުގައެވެ.
ފ.އަތޮޅަށް ކުރެއްވި ދަތުރުފުޅު އެއަތޮޅު ނިލަންދޫއިން ނިންމަވާލެއްވުމަށްފަހު، ރައީސް ނަޝީދު މިއަދު ދެން ވަޑައިގެންނެވީ ދ.އަތޮޅު މީދޫއަށެވެ. އެމަނިކުފާނު މީދޫއަށް ވަޑައިގަތުމާއެކު، އެރަށުގެ ރައްޔިތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ރައީސްއަށް ދަންނަވާފައެވެ.
މީދޫގައި އެމްޑީޕީގެ “ގުލްޝަން ޒުވާނުންގެ ރޫޙު” ޖަގަހަ ރައީސް ހުޅުވައިދެއްވައި އެތަނުގައި އެމްޑީޕީގެ ދިދަ ނަންގަވައިދެއްވިއެވެ. އަދި މީދޫގެ ރައްޔިތުންނާ އެމްޑީޕީގެ ސަޕޯޓަރުންނާވެސް އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
މިރޭ މީދޫގައި އޮންނަ އެމްޑީޕީގެ “ދޭތިން ފަހެތި” ކެމްޕެއިން ޖަލްސާގައި ރައީސް މުޙަންމަދު ނަޝީދު ވާހަކަފުޅުދައްކަވާނެއެވެ.
1 comment
މުޙައްމަދު ޝިހާން / May 1, 2013
ފިޒިކަލީ %100 ފިޓް ރައީސެއް މުޙައްމަދު ނަޝީދަކީ، ދަރިފުޅު ޒާޔާއަށް އެތްލެޓިކްސް ކޯޗު ކޮށްދިނުމުގެ ފުރުސަތު ދުވަސްކޮޅަކު ލިބުނު މަހެއް ހާދުވަސް ފަހުނުން ދުވާކަށް ވަޑައެއް ނުގަންނަވާ! އަވަހަށް ކޮންޓިނިއު ކޮށް ދަރިފުޅުވެސް ބައްޕަހާ ފިޓުކުއްޖަކަށް ހެދޭތޯ މަސައްކަތް ކުރުން ބުއްދިވެރި.